بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މި ހެނދުނު މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް. މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ އުންމީދުކުރާ އެއްކަމަކީ، ރަނގަޅު ގޮތުގައި ހެޔޮގޮތުގައި އަދި ފަސޭހަކަމާއެކީގައި ރައްޔިތުންނަށް އެ ބުރަ އުފުލޭ މިންވަރެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން. އަދި ލަސްތަކެއްނުކޮށް އެކަން ވީހާވެސް އަވަހަކަށް ކުރުން.

އެގޮތުން، ސަރުކާރަށް ވިސްނުނީ، އަޅުގަނޑުމެންގެ ސިޔާސަތު ރާވަމުން އައިއިރުގައި، އަޅުގަނޑުމެން ވިސްނީ، ރާއްޖޭގެ ރަށްތަކުގައި އެބަހުރި މިހާރުވެސް ކުދިކުދި ޖަނަރޭޓަރުތަކެއް ބަހައްޓާފައި. މިކަން ހިނގާދިޔަ ގޮތަށް ތިޔަބޭފުޅުން ބައްލަވާލައްވައިފިނަމަ، އެނގިލައްވާނެ 1980ގެ ދުވަސްވަރުގައި ރަށްރަށުގެ ރައްޔިތުން މިކަންކަމަށް ވަރަށް ބޮޑަށް ބޭނުންވެގެން ރަށްޓެހިން ގާތުގައި އަދި ހެޔޮއެދޭ ވިޔަފާރިވެރިންނާއި އެކިއެކި ފަރާތްތަކާ ގުޅިގެން ކުދިކުދި ޖަނަރޭޓަރުތައް ރަށްރަށަށް ތަޢާރުފު ކުރަން ޖެހުނީ. ދެން މި ޖަނަރޭޓަރުތައް ތަޢާރުފު ކުރެއްވުނު ރަށްތަކުގައި މަޑުމަޑުން އައިސް އިންޖީނުގެތަކެއް ބިނާކުރެވުނީ. މިއަދާ ހަމައަށް އައިއިރުގައި މިއިން ގިނަ އިންޖީނުގެ ހަމަ އެއްގޮތަކަށްވެސް ހިންގޭކަށް ޙަޤީޤަތުގައެއް ނެތް. ފައިދާއެއް ނެތް. ގެއްލުންވަމުން ދަނީ.

އެހެންވީމާ، އަބަދު އަބަދު ސަރުކާރުން މިޖެހެނީ އެ އިންޖީނުގެތަކަށް ފައިސާދޭން. އަދި މިހެން ދެމުންދާއިރުގައި ކަރަންޓަށް ހޭދަކުރަންޖެހޭ މިންވަރު ރައްޔިތުންނަށް މިއޮންނަނީ ވަރަށް ބޮޑުތަނުން ބޮޑުވެފައި. ބައެއް ރަށްރަށުގައި ކަރަންޓް ޔުނިޓެއްގެ އަގު އެބަހުރޭ މިހާރުވެސް ފަސް ރުފިޔާގައި، ހަރުފިޔާގައި. ކަރަންޓް އަގުބޮޑުވީމާ، ދެން ފެންވެސް އަގުބޮޑުވޭ. ދެން ޞިނާޢީ އެހެން މަސައްކަތްތައްވެސް އަގުބޮޑުވެގެންދޭ. ވިޔަފާރިއަށްވެސް ހުރަސްއެޅޭ. ހެޔޮއަގުގައި ކަރަންޓް ލިބޭނެ ގޮތެއް ހޯދުން އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމެއް.

މިގޮތުން ސަރުކާރުން ނިންމީ، ކޮންމެ ޕްރޮވިންސެއްގައި ޔުޓިލިޓީ ކުންފުންޏެއް އުފައްދަން. ފުރަތަމަ އެ ކުންފުނި އުފައްދާއިރު، އެ ކުންފުންޏަކީ ސަރުކާރު ޙިއްޞާވާ ސަތޭކައިން ސަތޭކަ ކުންފުންޏެއް. މި ކުންފުނި މިއީ، އެގޮތުން އުފެދުނު ފުރަތަމަ ކުންފުނި. އުފެއްދުމަށްފަހުގައި ދެން ސްޓެލްކޯގައި ކުރީގައި ހުރި އިންޖީނުގެތައް، މިސަރަޙައްދުގެ އިންޖީނުގެތައް، މިހާރު މިވަނީ މިކުންފުންޏަށް ބަދަލުކުރެވިފައި. އެއަށްފަހު، މިކުންފުނިން މަސައްކަތް ކުރާނީ، އެހެން ރަށްރަށުގައި ހުރި އަމިއްލަ އިންޖީނުގެތައް ކުންފުނީގެ ދަށަށް ބަދަލުކުރުމަށް. ހަމައެއާއެކުގައި، ކުންފުނިން މަސައްކަތް ކުރަމުންދަނީ، ކުންފުންޏާ ބައިވެރިވެގެން ޙިއްޞާވެގެން މިމަސައްކަތް ތަރައްޤީ ކުރާނެ އެކިއެކި ބައިނަލްއަޤްވާމީ ވިޔަފާރި ސަރަޙައްދުތައް ހޯދުމަށް. އެގޮތުން މިހާރު އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އަޕަރ ސައުތު ޔުޓިލިޓީޒާ ގުޅުމަށް އެދޭ ހައެއްކަ ފަރާތް އެބަވޭ. އެފަރާތްތަކާ ވާހަކަދެއްކުން މިމަހުގެ ތެރޭގައި، މެއި މަހުގެ ތެރޭގައި ހިނގަން ފަށާނެ. އެވާހަކަތަކަށްފަހުގައި، އެންމެ އެކަށީގެންވާ ފަރާތަކާ އެކީގައި މި އަޕަރ ސައުތު ޔުޓިލިޓީ ކުންފުނި ޖޮއިންޓް ވެންޗަރއެއް އުފައްދާނެ. އެ އުފައްދާ އުފެއްދުމަށްފަހު، އެއާ އެކީގައި ގުޅިގެން އަންނާނެ، އެކުންފުނި ގެންނަ އިންވެސްޓްމަންޓްސް ނުވަތަ އެ ކުންފުނީގެ ފަރާތުން ހިންގަން ބޭނުންވާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ކުންފުނީގެ ތެރެއިން އޭރުން ހަމަޖެހިގެންދާނެ. އެ ކުންފުންޏާ ގުޅިފައިވާ ބޭރުގެ ބޮޑު ކުންފުނީގެވެސް އެހީގައި.

މިއީ އަޅުގަނޑުމެން މަސައްކަތް ކުރަމުން އައި މަގަކީ. މިގޮތުގައި އަޅުގަނޑުމެން މިމަސައްކަތް ހިންގަމުން އައިއިރުގައި، މި އަޕަރ ސައުތު ޔުޓިލިޓީ ކުންފުނީގެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ސަޢީދަށް އަޅުގަނޑު މިވަގުތު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މިމަސައްކަތް މިހާހިސާބަށް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އަދި މިހާ ބޮޑު ފިކުރީ ބަދަލެއްގެ ތެރޭގައި، އަޅުގަނޑުމެން ގެންނަން މިއުޅޭ ބަދަލަކީ ވަރަށްބޮޑު ބަދަލެއް. އަޅުގަނޑުމެން މިއުޅެނީ ސަރުކާރާއި ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާ ބައިވެރިވާ ކުންފުނިތަކެއްގެ ތެރެއިން ރާއްޖޭގެ ރަށްތަކަށް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުމަށް. އެއަށް އަޅުގަނޑުމެން މިކިޔަނީ، ޕީ.ޕީ.ޕީ.އޭ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕޭ. ޕަބްލިކަކީ ސަރުކާރު. ޕްރައިވެޓަކީ ބައިނަލްއަޤްވާމީ ވިޔަފާރިވެރިން. ޕާޓްނަރޝިޕް ގުޅިގެން މިމަސައްކަތް ހިންގަން މި ބޭނުންވަނީ. މިގޮތަށް ހިންގުމަށްޓަކައި ބޭރުން އަންނަ ކުންފުންޏަށް މިތަނަށް އިންވެސްޓް ކުރުމަށް މަގުފަހިކޮށްދީގެން އަދި އިތުރު މުދަލެއް ދައުލަތުން އެބަދޭ ކުންފުންޏަށް، ޔުޓިލިޓީ ކުންފުންޏަށް. އެއީ، ވެދާނެ ކޮންމެވެސް ރަށަކުން ބިން ކަމުގައިވިޔަސްވެސް ނުވަތަ ކޮންމެވެސް އެހެން އަގުހުރި މުދަލެއް. އެމުދަލުގެވެސް ބޭނުމުގައި އެއިން ކުރެވޭ ވިޔަފާރިން ނުކުންނާނެ ފައިދާގެވެސް ބޭނުމުގައި ބައިނަލްއަޤްވާމީ ކުންފުނިތައް، މި ކުންފުންޏާ ގުޅުމަށް މިއަންނަނީ.

ދެން މިއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ މޮޑެލްއެއް. މިގޮތުގައި އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެނާއި ނަރުދަމާގެ ޚިދްމަތްދޭން. މިއަދު ތިޔަބޭފުޅުންނަށް މި އަޕަރ ސައުތު ޔުޓިލިޓީ ކުންފުންޏަށް މި ތިނަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް، އެކަންވެސް ކުރިއަށް ގެންދެވޭނެ. މިހާރު މިއަދުވެސް އެބޭފުޅުންނާ ސަރުކާރުން އެ ލައިސަންސް ޙަވާލު ކުރުމުގެ ކަންތައް ކުރިއަށްދާނެ. އަދި ހަމައެހެންމެ، އެކަމަށް އިންވެސްޓް ކުރުމަށް އެދޭ މީހުންވެސް މި ޔުޓިލިޓީ ކުންފުންޏާ މިހާރުދަނީ ވާހަކަ ދައްކަމުން. ހަމައެއާއެކީގައި، ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގައިވެސް މިހާރުވަނީ އެމް.ޓީ.ސީ.ސީ.އާ އެކު އެއްބަސްވުމަކަށް އާދެވިފައި. އެހެންވީމާ، އެމް.ޓީ.ސީ.ސީ އިން ތިނަދޫގެ ވަށާ ތާރުއަޅައި ހެދުމަށް ސަރުކާރުން ބޭނުންވެގެން މިއުޅެނީ، ތިނަދޫގެ ވަށާ މަގާއި އެއީ މެރިން ޑްރައިވެއް ހެދުމަށާއި، އަދި ދިގު ދިގުމަގަކާއި ހުރަސް ދެތިން މަގެއް ހެދުން، ތާރުއަޅާފައި. މިމަސައްކަތްތައް އެއީ، އަޅުގަނޑުމެން އަމާޒުކޮށްގެން މިއުޅެނީ މިއަހަރުގެ ތެރޭގައި ފެށޭނެ މަސައްކަތްތައް ކަމަށް. މި ކުންފުނީގެ މަސައްކަތާއެކީގައި އިރާދަކުރެއްވިއްޔާ މިކަންކަން ވެގެންދާނެ. އަޅުގަނޑުމެން ފާހަގަ ޖަހާފައިވާ ތާވަލުގައިވާ ތާރީޚުތަކަށް ރަނގަޅަށް ފެތެމުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފާވެރި ދުވަހެއް.