ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ޙިއްޞާކުރައްވައިފި‏އެވެ. އެމަނިކުފާނު މި މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާކުރެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ވޭތުވެދިޔަ ހަފްތާގައި މިހިނގާ ދިޔަ ކަންތައްތަކުގައި ސަރުކާރުގެ ފަރާތުން އެމަނިކުފާނު އެޅުއްވި ހުރިހާ ފިޔަވަޅަކީވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޤާނޫނީ ލަފާފުޅާއި، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން އެޅުއްވި ފިޔަވަޅުތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ފެބުރުއަރީ 5 ވަނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެއްވިނަމަވެސް، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ވަރަކަށް ބަދަލެއް އައިސްފައިނުވާކަމުގައި ވިދާޅުވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވަމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.