މި ރާއްޖޭގެ ކަންކަން ނިންމުމުގެ އިޙްތިޞާސް އޮންނަންވާނީ ދިވެހި ރައްޔިތުންގެ އަތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ އަންހެން ކަނބަލުން އިންތިޒާމު ކޮށްގެން މިރޭ ކުރިއަށްދިޔަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި މި ޤައުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމު ކަމަށާއި މި ދައުލަތުގެ ކަރާމާތާއި މުޤައްދަސްކަމަކީ ހަމަ ހުރިހާ އެންމެން ހިފަހައްޓަންޖެހޭ ޤައުމީ ރުކުނެއް އަދި ވާޖިބެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ވެރިކަމުގެ ކަރާމާތާއި ދިވެހި ބިމަކީ އަދި ފެއްސާ ރަތާ ހުދުގެ ދިދައަކީ ގަނެވޭނެ އެއްޗެއް ނޫންކަމަށާއި އެއީ އެއަށްވުރެ މުޤައްދަސް އެއްޗެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ތާރީޚް ފެށިގެން އަންނަނީ ރަނިކަމަނާއިންގެ ވެރިކަމުގެ ހިސާބުންކަން ފާހަގަކުރައްވާފައެވެ. އަދި އެ މަނިކުފާނުވަނީ ދިވެހި ކަނބަލުންގެ ސާބިތުކަމާ އިހްލާސްތެރިކަމަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.