ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް 3 މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސްޕްރީމް ކޯޓަށް މިމައްސަލަތައް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުއްވި އަމުރާ ގުޅިގެންނެވެ.

މިކަމާގުޅޭ ގޮތުން މީޑީއާއަށް މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢައިޝާތު އާޒިމާ ޝަކޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިމައްސަލަތައް ސްޕްރީމްކޯޓަށް ހުށަހެޅުއްވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ ޒިންމާތައް އަދާކުރެއްވުމުގެ ގޮތުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިމައްސަލަތައް ސްޕްރީމްކޯޓަށް ހުށަހެޅުއްވީ ސްޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ޤާނޫނީ ގޮތުން ކަންބޮޑުވުންތަކެއް ހުރުމާއެކު ޕްރޮސެކިއުޓަރ ޖެނެރަލާއި، ބަންޑާރަނައިބް އެކަންކަމާ ބެހޭގޮތުން އުއްތަމަ ފަނޑިޔާރާއި މަޝްވަރާ ކުރައްވާފައި ވީނަމަވެސް މިހާތަނަށްއައިއިރު މިކަންކަމަށް ޙައްލެއް ލިބިފައިނުވާތީ ޤާނޫނުއަސާސީއާއި އެއްގޮތަށް ދަޢުލަތް ހިންގުމުގައި މައްސަލަތައް ފެންމަތީވާތީ ކަމުގައި މިނިސްޓަރ އާޒިމާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްޕްރީމްކޯޓަށް ހުށަހެޅުއްވި އެއްމައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ޤާނޫނީ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި ޤާނޫނުއަސާސީއާއި ޤާނޫނީ ހަމަތަކުގެ ތެރެއިން ސްޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރެވޭނެ ކަމަށް ޤަބޫލުފުޅުނުކުރެއްވޭތީ، ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ވަކިވަކި މައްސަލަތަކަށް ރިޢާޔަތްކުރައްވައި ޤާނޫނުއަސާސީއާއި ޤާނޫނުގެ ތެރެއިން އެކަންކަން ކުރެއްވޭނެ ގޮތްތައް ކަނޑައަޅައިދެއްވުމަށް އުއްތަމަފަނޑިޔާރަށް ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްޕްރީމްކޯޓަށް ހުށަހެޅުއްވި އަނެއް މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމުގެ ބާރު ލިބިދީފައިނުވާ ކަމަށް ސްޕްރީމް ކޯޓުގެ އަމުރުގައި ކަނޑައަޅުއްވާފައިވާތީ ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭކަމަށް ފެނިވަޑައިގަންނަވާތީ މިއީ ސްޕްރީމް ކޯޓަށް ވިޔަސް ލިބިދީފައިވާ ބާރެއް ނޫންކަން ފާހަގަކުރައްވައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތެއްގެ މަތިން ކޯޓުގެ އަމުރު ބަދަލު ކޮށްދެއްވުމަށް އުއްތަމަފަނޑިޔާރަށް ދަންނަވާފައިވެއެވެ.

މީގެއިތުރުން ދެން ހުށަހެޅުއްވި މައްސަލައިގައި މާލެ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު 2571، ޙަސަން ސަޢީދު ޙުސައިން ރިޝްވަތުގެ މައްސަލައެއްގައި ހިފާ ހައްޔަރު ކުރެއްވުމަށް ކްރިމިނަލް ކޯޓުން ކުރެއްވި އަމުރު ސްޕްރީމް ކޯޓުން ބާޠިލް ކުރައްވާފައިވާތީ، ފުލުހުންގެ މުއައްސަސާއިން ބަލަމުންދިޔަ ރިޝްވަތުގެ މައްސަލައެއް ހުއްޓި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވާކަން ފާހަގަކުރައްވައި، ސްޕްރީމްކޯޓުގެ މިއަމުރު ބާޠިލް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އުއްތަމަފަނޑިޔާރަށް ދަންނަވާފައިވެއެވެ.