މިއީ މުޅި ޤައުމަށްވެސް ވަރަށް ދަތި ވަގުތެއް ކަމުގައި ވިދާޅުވެ، މިފަދަ ވަގުތުތަކުގައި ކެތްތެރިކަމާއި ޤައުމީ މަސްލަހަތު އިސްކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މި ކަމަށް އިލްތިމާސް ކުރެއްވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިއަދު ހަވީރު އިންތިޒާމުކުރި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަން ފާހަގަ ކުރައްވައި، 1 ފެބުރުވަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒުކުރުމުގައި، ޤައުމަށް ގެއްލުމެއް ނުވާނެ ގޮތަކަށް ކަންކަން ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރުކޮށް، އެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ދިވެހި ހުރިހާ ރައްޔިތުންނަށާއި ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސުޕްރީމް ކޯޓުގެ އަމުރުގައި ދައުލަތުން އަމަލުކުރަން ހުރި ކަންތައްތަކުގެ ތެރޭގައި އިތުރަށް އޮޅުން ފިލުވަން ވެފައި ހުރި ކަންތައްތައް ހުރުމާއެކު، އެކަންކަމާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓާ އެކު މިހާރު މަޝްވަރާ ކުރައްވަމުން އެބަ ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ މުޖުތަމައުގައި ހަމަޖެހުން އޮތުންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.