ސުޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒު ކުރުމުގެ މަސައްކަތްތައް ދިވެހި ސަރުކާރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކީގައި ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ދިވެހި ދަޢުލަތުގެ ފަރާތުން މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަމުރުގެ ދަށުން މިނިވަންކުރުމަށް ފާހަގަކޮށްފައިވާ ޤައިދީންގެ ތެރޭގައި ޓެރަރިޒަމް، ބޮން ގޮއްވުން، ކޮރަޕްޝަން، އެމްބެޒްލްމަންޓް، ޚިޔާނާތް ފަދަ ބޮޑެތި ކުށްތަކެއްގެ ތުޙުމަތުގައި ތިބި ޤައިދީން ތިބުމާއެކު މިކަމުގައި ހުރި ޤާނޫނީ ކަންބޮޑުވުންތައް މިހާރު ދަޢުލަތުގެ ފަރާތުން އުއްތަމަ ފަޑިޔާރާ ޙިއްޞާކުރައްވާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އުއްތަމަފަނޑިޔާރާ މަޝްވަރާކުރެއްވުމުން ޤާނޫނީ ނިޒާމްގެ ތެރެއިން ޙުކުމް ތަންފީޒު ކުރެއްވުމަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް މިހާރު އެމަސައްކަތް ފައްޓަވާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެމަސައްކަތަށްފަހު ޕީޖީ ފާހަގަކުރައްވާ ކަންކަން ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުން އެކަންކަމަށް ރިޢާޔަތް ކުރައްވައި ގޮތްތަކެއް ކަނޑައަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.