ވަކި ފަރުދަކަށްވުރެ މުހިންމީ މުޅު މުޖުތަމަޢު ކަމަށާއި، ޤާނޫނަކީ އެންމެން އެއްވަރަކަށް ބޯލަނބަންޖެހޭ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކި ކަހަލަ މަޤާމްތަކެއްގައި ތިއްބަވާ ބޭފުޅުންނަށް މަޤާމުގެ ގޮތުން އިމްތިޔާޒްތަކެއް ލިބިދާނެ ކަމަށާއި، އެހެންނަމަވެސް އިމްތިޔާޒުތަކެއް ލިބުމަކީ ޤާނޫނު މުޤުރާލަން ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ މަދަނިއްޔަތުގައި އޮތް ކަމެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ ތަޙުޒީބުގެ މަދަނިއްޔަތުގައި އޮތް ކަމެއްކަން ފާހަގަކުރައްވާ ޤާނޫނަށްވުރެ މަތީގައި ތިބޭ ބަޔަކު ނުތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިއަދު އެއްވެސް ބޭފުޅަކު ޝަރުޢީ މަރުޙަލާތައް ކަޑައްތުކޮށްފައި ނޫނީ ބަންދު ނުކުރާނެ ކަމަށާއި، އަދި ބަންދުވާ ކޮންމެ މީހަކަށްވެސް ސްޕްރީމް ކޯޓާއި ހަމަހައަށް މައްސަލަ ގެންދިއުމުގެ ފުރުސަތު ލިބިދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ދާޚިލީ މައްސަލަތައް ޙައްލު ކުރުމުގައާއި، ދާޚީލީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި، ކޯޓުތައް ހިނގާނެ ގޮތް ކަނޑައެޅުމުގައި ބޭރު މީހުންގެ ލަފާހޯދަން ނުޖެހޭނެ ކަމަށާއި، އެކަންކަމަށް ބޭނުންވަނީ އިސްލާމީ ޝަރީޢާގެ ތެރެއިން ދިވެހި ވިސްނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ މާނައަކީ ބޭރުގެ ފަރާތްތަކުގެ އެހީ ނުހޯދާ ވާހަކަ ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއިން މުޅި ރާއްޖެ ހާސިލްކުރަމުންދާ ކުރިއެރުންތަކުގެ މައްޗަށާއި، މާލެއާއި އަތޮޅުތެރެ ތަރައްޤީ ކުރުމަށް މިސަރުކާރުން ކޮށްފައިވާ ތަފާތު އެކި މަސައްކަތްތަކާއި، ރައްޔިތުންންގެ ލާބައާއި މަންފާއަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.