ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފީފާ ވަރލްޑް ކަޕް ޓްރޮފީގެ ފަރުދާ ކައްސަވާލަދެއްވައި އެޓްރޮފީ އުފުއްލަވާލައްވައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން ފީފާ ވަރލްޑް ކަޕް ޓްރޮފީއަށް މަރުހަބާ ދަންނަވައިފިއެވެ.
މިރޭ ގަލޮޅު ރަސްމީދަނޑުގައި ކުރިއަށްދިޔަ ފީފާ ވޯލްޑްކަޕް ޓްރޮފީ ރާއްޖޭގައި ދައްކާލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި އެންމެ ގިނަ ޢަދަދަކަށް ދިވެހި ކުޅުންތެރީން ތަމްސީލުކުރީ މިދައުރުގެ ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ކަމަށާއި، ބައިނަލްއަޤްވާމީ މުބާރާތްތަކުން އެންމެ ގިނަ މެޑެލް ރާއްޖެ މިހާތަނަށް ހޯދީވެސް ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިދިޔަ 4 އަހަރުގެ ތެރޭގައި، އޭގެ ކުރީގެ 50 އަހަރުންވެސް ބިނާ ނުކުރާހާ ގިނަ ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސެލް ދަނޑުތަކާއި، ބަށި، ވޮލީ، ނެޓްބޯލް، ބާސްކެޓްބޯލް ފަދަ ކުޅިވަރު ކުޅޭނެ އެތައް ކޯޓުތަކެއް ބިނާކުރުމުގެ މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މިފަދަ ބޮޑު އުފަލަކާއި ޝަރަފެއް ދިވެހިރައްޔިތުންނަށް ހޯއްދަވައި ދެއްވީތީ ފީފާގެ އިސްވެރީންނަށާ، ވޯލްޑްކަޕްގެ އިންތިޒާމު ކޮމިޓީއަށާއި، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރުގެ "ޓްރޮފީ ޓުއާރ"ގައި، ދިވެހިރާއްޖެއަކީ ވަރލްޑް ކަޕް ޓްރޮފީ ގެނައި ދެވަނަ މަންޒިލެވެ.