ރަށްރަށް ފަޅުކުރެއްވުމުގެ ފިކުރެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު އަރިއަތޮޅު ދެކުނުބުރީ ކުނބުރުދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަށްރަށް ކުދިވީމާ، ދޫކޮށްލައިގެން ތިބެވޭކަށް ނެތް ކަމަށާއި، އެގޮތަށް ދޫކޮށްލައިގެން ތިބޭކަމަށްވަނީވިއްޔާ، ދިވެހިރާއްޖެ ދޫކޮށް އަޅުގަނޑުމެންނަށް ދެވެނީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިބާވަތުގެ ރަށްރަށް ރަނގަޅަށް ޕްލޭން ކުރެވިގެން، ރީތި ދިރިއުޅުމެއް އުޅޭ ރައްޔިތަކު ދިރިއުޅޭ ރަށަކަށް މިރަށްރަށް ހެއްދެވުމަކީ، ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެރަށުގެ ބިން ކޮންމެވެސް މިންވަރަކަށް ބޮޑުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ކުނބުރުދޫގައި ގެ އަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކީގައި ކަންކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ރައްޔިތުން އުންމީދު ނަންގަވާނުލައްވައި، އެމަނިކުފާނުގެ މި ތަޞައްވުރު ސިފަކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކުނބުރުދޫން ރައީސް ނަޝީދު ވަޑައިގަތީ، އެމަނިކުފާނު އަރިއަތޮޅު ދެކުނުބުރިއަށް މިކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ އެއަތޮޅު މަހިބަދުއަށެވެ. މަހިބަދުއަށް ރައީސް ނަޝީދު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން މިގެންގުޅުއްވާ ސިޔާސަތާއި، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގެވުމަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިއަދުން މިއަދަށް ފައްސަތޭކަ މިލިއަން ޑޮލަރުގެ ފެނާއި، ނަރުދަމާ އާއި، ކަރަންޓް ރާއްޖެއަށް ބޭނުންވާ ކަމަށާއި، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ނަރުތައް އެއީ، ޤައުމެއްގެ މައިބަދަ ކަމުގައި ވިދާޅުވިއެވެ. އަދި ހަޤީޤަތުގައި ޤައުމެއް ނަގަހައްޓައި ހިފަހައްޓަނީ، އެޤައުމެއްގެ އަސާސީ ޚިދްމަތްތައްދޭ އޮނިގަނޑު ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން މިގެންދަވަނީ، މި އޮނިގަނޑު ޤާއިމު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަހިބަދޫ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށާއި، އެރަށަށް ފެނުގެ ޚިދްމަތް ދެއްވުމުގެ މަސައްކަތް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރާއްވަވައި މަޝްރޫޢުތައް ހިންގެވުމަކީ މި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވެ، އެއްވެސް ބޭފުޅަކު އުންމީދު ނަންގަވާނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.