ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމައިރަލް ސައިދް ޚަވަރުއަލީ ޝާހް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚަޤާން އައްބާސީއަށާއި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ތާނގައި ވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެޤައުމުގެ ޝައުޤުވެރިކަން ހުރި ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ސަފީރު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ދިވެހިރާއްޖެއަކީ އެހެން އިސްލާމީ ޤައުމުތަކަށް ހުރި މިސާލެއް ކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިން ކާމިޔާބުކަމާއެކު މެދުމިނުގެ އާމްދަނީ ލިބޭ ފަންތީގެ ޤައުމަކަށް ވާސިލުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައިލޭޓަރަލް ސެކްރެޓަރީ އަޙުމަދު ޚަލީލް ‏ބައިވެރިވެވަޑައިގެންނެވިއެވެ.