ޖަޕާނުގެ ޚާރިޖީ ވަޒީރު ޓަރޮކޯނޯ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިރޭ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެ، އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި ޙިއްޞާވާ ބައިވެރިއެއްކަން ފާހަގަކުރައްވާ، ޖަޕާނުގެ އޮފިޝަލް ޑިވެލޮޕްމެންޓް އެސިސްޓެންސް (އޯ.ޑީ.އޭ) ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ މިންވަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ފަރާތުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހިކޮށްދޭ ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢުގެ ދަށުން ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި، އީ-ލަރނިންގެ ދާއިރާއިން ލިބޭ ފުރުޞަތުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢާއެކު ބަވަނަވަމުންދާ ދުނިޔޭގައި ކުރިއަރާ ދިއުމަށް ދިވެހިރާއްޖެއަށް އާ ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަން ޖަޕާނުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމަށް ފައިދާހުރި ގޮތަކަށް ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާއި، ހުރި ފުރުޞަތުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން ޖަޕާނަކީ މިހާރު އޭޝީއާގެ ތިން ވަނައަށް އެންމެ ބޮޑު ފަތުރުވެރިކަމުގެ މާރކެޓްކަމަށްވުމާއެކު، ދެބޭފުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކޮށް ދެމެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރަކަށް ދިވެހިރާއްޖެ ވުމަށް ޖަޕާނުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ތިމާވެށީގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު މައްސަލައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޖަޕާނުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، ދިވެހިރާއްޖެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ޖަޕާނާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ޚާރިޖީ ވަޒީރަށް ދެއްވިއެވެ. މިކަމާގުޅޭގޮތުން ޚާރިޖީ ވަޒީރު ވިދާޅުވީ އެންމެފަހުގެ އީޖާދުތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ރާއްޖެއަށް އެހީތެރިވެ ދެއްވާނެ ކަމުގައެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ޚާރިޖީ ވަޒީރު ވަނީ ސަލާމަތީ ކަންކަމާއި ކަނޑުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެޤައުމުން އިސްނަގައިގެން ފެށި މަސައްކަތަށް ދިވެހިރާއްޖެއިން ދިން އެއްބާރުލުމަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި 2020 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމާބެހޭ ސަލާމާތީކަންކަމާ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމުގެ މުހިއްމުކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އޮލިމްޕިކް ގޭމްސްގެ ކުރިން ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް ޚާރިޖީ ވަޒީރު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ހަމައެއާއެކު ވަރލްޑް އެކްސްޕޯ 2025 ޖަޕާނުގެ އޮސާކާގައި ބޭއްވުމަށް ދިވެހިރާއްޖެއިން އެއްބާރުލުންދެއްވުމަށް ޚާރިޖީ ވަޒީރު އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުގެ ޝައުޤުވެރިކަން ހުރި ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތްކޮށް އެއްޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ، ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައިލޭޓަރަލް ސެކްރެޓަރީ އަޙުމަދު ޚަލީލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހިމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރުގެ އަރިހުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯއާއި، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.