2009 އޭޕްރީލް 29ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26ވަނަ ޖަލްސާއިން ފާސްކުރެއްވި ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު)އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން މިޤާނޫނު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިޤާނޫނަށް ގެންނެވި އިޞްލާޙަކީ، މިޤާނޫނުގެ 20ވަނަ މާއްދާއަށް ގެންނެވި އިޞްލާޙެވެ. އެއިޞްލާހުގައިވަނީ އެމީހަކު ރަޖިސްޓަރީވެފައިވާ އިންތިޚާބީ ދާއިރާ ނޫން އެހެން ދާއިރާއަކަށް ވޯޓު ލުމަށް އެމީހަކު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ވޯޓު ފޮށްޓަށް ވޯޓު ލުމުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ، އެފަދަ މީހަކު ވޯޓުލުމުގައި، ވޯޓުގެ ސިއްރުކަން ނުގެއްލޭނެކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭ ވޯޓު ފޮށްޓަކަށް ވޯޓުލުމަށް އެމީހަކަށް އެންގިދާނެ ކަމަށެވެ.