ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އަތުގުޅާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންފިއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީ، އަމީރު އަޙުމަދު މަގުގައި ބޭއްވި އަތުގުޅާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ސިފަންއިނާއި، ފުލުހުންނާއި، ސަރުކާރގެ އޮފީސްތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، މިނިވަން މުއައްސަސާތާކާއި އެހެނިހެން އިދާރާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް މިއަތުގުޅާލުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި އަތުގުޅާލުމުގައި 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:23 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި، ގެއްލި ދިޔަ މީހުންގެ ހަނދާނުގައި އެއް މިނެޓްގެ ސްކޫތެއް ގެނަސްފައިވެއެވެ. އަދި އެއަށްފަހު ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން ވެސް އޮތެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ.