ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޤައުމީ ސަލާމަތާގުޅޭ އެންމެހައި ކަންތައްތަކުގައި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ، ޤައުމީ ސަލާމަތާބެހޭ މަޖިލިސް މިއަދު އަލުން އެކުލަވާލައްވައިފިއެވެ.

މި މަޖިލިސް އެކުލެވިގެންވަނީ، މިދަންނަވާ މަގާމުތަކުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައްޗަށެވެ.

1. ސިފައިންގެ އެންމެމަތީ ވެރިޔާ

2. ރައީސުލްޖުމްހޫރިއްޔާގެ ނައިބު

3. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

4. މިނިސްޓަރ އޮފް ފޮރިން އެފެއާޒް

5. މިނިސްޓަރ އޮފް ހޯމްއެފެއާޒް

6. އެޓަރނީ ޖެނެރަލް

7. ޗީފް އޮފް ޑިފެންސް ފޯސް

މިދެންނެވި ދާއިރާތަކުގެ އިތުރުން، ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) އިން، ޤައުމީ ސަލާމަތާބެހޭ މަޖިލިސް ބާއްވާ ކަމަކާ ގުޅޭގޮތުން، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ފެންނަ އެހެން ފަރާތްތަކެއް، އެ ބައްދަލުވުމުގައި ހަމައެކަނި ލަފާދިނުމަށް ބައިވެރިކުރުމުގެ އިޚްތިޔާރު، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިގެންވާތީ، މި މަޖިލީހުގެ ބައްދަލުވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓެރީއާއި، ކޮމިޝަނަރ އޮފް ޕޮލީސް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ، ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާއެވެ.