ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އާ ވެބްސައިޓް، ރައީސް މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ވެބްސައިޓް އިފްތިތާޙުކޮށްދެއްވުން އޮތީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އާ ވެބްސައިޓް އިފްތިތާޙުކޮށްދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު މި ވެބްސައިޓް ހުޅުވޭކަމީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ވެބްސައިޓްގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، މަޢްލޫމާތު ފޯރުވައިދިނުމާއި، މަޢްލޫމާތު ލިބިގަތުމުގެ ޙައްޤު އެއީ، ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައި އޮތް ޙައްޤަކަށްވުމާއެކު، އެ ޙައްޤު ރައްޔިތުންނަށް ފުރިހަމައަށް ތަންފީޒުކޮށްދެއްވުމަކީ، އެމަނިކުފާނުގެ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އޮފީހުގެ ހުރިހާ މުވައްޒަފުންވެސް އޮފީސް ރަނގަޅަށް ހިންގުމަށް އެމަނިކުފާނު ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސް އޮފީހުގެ އާ ވެބްސައިޓް ފަރުމާ ކުރެއްވީ، އެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ސީނިއަރ ޕްރޮގްރާމަރ އެނަލިސްޓް އަލްފާޟިލް އިބްރާހީމް ޔާސިރެވެ.