ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން މިދާ ކުރިއެރުން ތަކަކީ ރައްޔިތުން އެމަނިކުފާނާއި ހަވާލު ކުރައްވާފައި އޮތް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ސިޔާސީ ބޭފުޅުން އެކި އެކި އިމްތިހާނުތަކާ ކުރިމަތިލައްވާއިރު ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅުންގެ ތަސައްވަރު ކުރައްސަވައި ދެއްވަންޖެހޭނެކަމަށެވެ. އަދި ރައްޔިތުން ހާސިލުކުރަން ބޭނުންވާ ފޮނި އުންމީދުތައް އެކުލެވޭ ޗާޓެއް ކުރައްސަވައިދެއްވައި އެ ޗާޓާ އެއްގޮތަށް، ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކެންދޫ ރައްޔިތުންނާ މުހާތަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ރައްޔިތުންގެ ތައްރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަވާފައެވެ. އެގޮތުން މި ސަރުކާރުން ތަރައްޤީކުރައްވަމުން ގެންދަވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން މާލެއާއި ހުޅެލެއާއި ދެމެދު އަޅަމުން ގެންދާ ބްރިޖްގެ މަޝްރޫޢަށާއި، ހުޅުމާލޭގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢަށާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫޢު ފަދަ މަޝްރޫޢުތައް ނިމުމުން ރައްޔިތުންނަށް ލިބޭނެ ފަސޭހަތަކާއި އުފާވެރިކަމާއި ފައިދާތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުން ކޮންމެ ރަށަކަށްވެސް ބަޖެޓް ކަނޑައެޅިފައި އޮންނާނީ އެރަށަކަށް ފައިދާކުރާނެ މަޝްރޫޢުތަކެއް ނިންމުމަށްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތަކެއް ބަޖެޓެއްގެ ސިފައިގައި ހުށަހެޅިގެންދިޔުމުން އެ ބަޖެޓަށް ތާއިދު ކުރައްވަން ޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި މިދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަރުފުޅުގައި ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.