ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ މިއަދު ހުޅުއްވައިދެއްވައިފިއެވެ. ކުރީގެ ރިޔާސީ ގަނޑުވަރުގެ ލޯންޗް ސެކްޝަންގައި ހެދިފައިވާ މި އިންސްޓިޓިއުޓް ހުޅުވިގެންދިޔައީ، މި އިންސްޓިޓިއުޓްގެ ނަންބޯޑު، ރައީސް ނަޝީދު ކައްސަވާލަދެއްވުމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މިތަން އުފެއްދެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، ސްކޫލްތަކުން ނިމޭ ކުދިންނަށާއި، އަދި މާޔޫސްވެ މަގުމަތީގައި އުޅެމުންދާ ޒުވާނުންނަށް ދެވަނަ ފުރްޞަތެއް ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް ރަނގަޅު ތަމްރީނުދީ، އެކުދިން މުޖްތަމަޢަށް ނެރުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އަމާޒަކީ ފަސްހާސް ކުދިން ތަމްރީނު ކުރައްވާފައި ވަޒީފާއަށް ނެރުއްވުންކަން ހާމަކުރައްވަމުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ޓްރޭނިންގ މަރްކަޒުތައް ހިންގަވަން ގަސްދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކުރީގެ ރިޔާސީ ގަނޑުވަރުގެ އެކި ޑިޕާޓްމަންޓްތައް ބޭނުންކުރައްވައިގެން، ރަނގަޅު ވޮކޭޝަނަލް ސްކޫލެއް އުފެއްދެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މިހުޅުވުނު އިންސްޓިޓިއުޓް ޙަޤީޤަތަކަށް ހައްދަވައިދެއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުންނާއި، ތަޢާރުފު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު ޢަލިމަނިކެވެ. ޓިވެޓް ޕްރޮގްރާމް ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މަރިޔަމް ނޫރައްދީނެވެ.