ރައީސް މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ. ވައިގެ މަގުން އެމަނިކުފާނު ކާޑެއްދުއަށް ވަޑައިގަތުމަށްފަހު، ދަތުރުފުޅު ކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށެވެ. މިއަދު ހަވީރު އެމަނިކުފާނު ތިނަދުއަށް ވަޑައިގަތުމުން، ތިނަދޫން ދެންނެވީ ވަރަށް ހޫނު މަރްޙަބާއެކެވެ.

ރައީސް މުޙަންމަދު ނަޝީދުގެ މިދަތުރުފުޅުގައި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ތަޢްލީމީ މަރްކަޒުގެ ރިހި ޔޫބީލް މުނާސަބަތުގައި މިރޭ 9 ޖަހާއިރު އެ މަރްކަޒުގައި ބާއްވަވާ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާގައި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އެސްކޫލަށް ރީތި ނަން ހޯދައިދީފައިވާ ދަރިވަރުންނަށް ރައީސް ނަޝީދު ހަނދާނީ ފިލާ ދެއްވުން އޮންނާނެއެވެ. އަދި އެމަރްކަޒަށް ފަސްއަހަރަށްވުރެ ގިނަދުވަހު ޚިދްމަތް ކުރެއްވި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެއްވުންވެސް އޮންނާނެއެވެ.