ގދ. އަތޮޅު ތަޢްލީމީ މަރްކަޒަކީ، އަންނަ އަހަރުން ފެށިގެން އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް ހައްދަވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ މަރްކަޒުގެ ރިހި ޔޫބީލް މުނާސަބަތުގައި ރޭ ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަދަރުސާތަކުގައި ރަނގަޅަށް ޚިދްމަތްދެވި، ގިނަ ކަންތައްތައް އެތަންތަނުން ވާންޖެހޭނެ ކަމަށާއި، މިބާވަތުގެ މަދަރުސާތައް އުފައްދަވައިގެން، ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި، އެ މަދަރުސާތައް ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ. މަދަރުސާތައް ރަނގަޅަށް ހިންގުމަށާއި، އަޅުގަނޑުމެން މިބޭނުންވާ ނަތީޖާ ހޯދުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ޢިމާރާތާއި ސާމާނާއި ތަކެއްޗެއް ނޫން ކަމަށާއި، ގިނަ ޢަދަދެއްގެ ރަނގަޅު ޓީޗަރުން ބޭނުންފުޅުވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ރަނގަޅު ތަމްރީނާ އެކީގައި ވަޒީފާ އަދާކުރަމުންދާ ޓީޗަރުން މަދުކަން ފާހަގަކުރައްވަމުން، ޓީޗަރެއްގެ އަތުގައި ފުރަތަމަ ޑިގްރީއެއް އޮންނަންޖެހޭނެ ކަމަށް މި ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް 65 ސްކޮލަރޝިޕްގެ ފުރްޞަތު ދެއްވާނެ ކަމުގެ ޚަބަރު މިހާރު ދެއްވާފައިވާކަން ރައީސް ހާމަކުރައްވަމުން، ބޭނުންފުޅުވަނީ އަތޮޅުތަކުގެ ތަޢްލީމީ މަދަރުސާތަކުގެ ދަރިވަރުންނަށް މި ސްކޮލަރޝިޕްތައް ލިބޭނެގޮތް ހަމަޖެއްސެވުން ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ރޭވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދުނިޔޭގެ އެހެން ޔުނިވަރސިޓީއަކާ ގުޅިގެން ތިނަދޫގައި ޑިގްރީއަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސަވަން ގަސްދު ކުރައްވާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ނުވަތަ އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޑިޕްލޯމާ ފެންވަރުގެ ޓީޗަރުން އުފެއްދެވުމަށްޓަކައި، އެ ބާވަތުގެ މަދަރުސާއެއް ތިނަދޫގައި ހުޅުއްވުމުގެ ވިސްނުންފުޅެއްވެސް ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވަމުން، ތިނަދޫގައި ގްރޭޑް 11 12 އަށް ކިޔެވުމަށްފަހު، އިތުރު އެއްއަހަރު ނުވަތަ ދެއަހަރު ޑިޕްލޯމާ ފެންވަރަށް ކިޔަވައިދޭ މަދަރުސާއެއް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ތިނަދޫގައި ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.

ގދ. އަތޮޅު ތަޢްލީމީ މަރްކަޒުގެ ރިހި ޔޫބީލް މުނާސަބަތުގައި ރޭ ބޭއްވެވި ޖަލްސާގައި، ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އެ މަރްކަޒަށް ރީތި ނަން ހޯދާދީފައިވާ ދަރިވަރުންނަށް ހަނދާނީ ފިލާ ދެއްވުން އޮތެވެ. ހަނދާނީ ފިލާ ދެއްވީ، ރައީސް މުޙަންމަދު ނަޝީދާއި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ.

ރައީސް މުޙަންމަދު ނަޝީދު ތިނަދުއަށް މިކުރެއްވި ދަތުރުފުޅުގައި، އަޕަރ ސައުތު ޔުޓިލިޓީޒް ކުންފުނީގެ ޚިދްމަތް މިއަދު ހެނދުނު އިފްތިތާޙުކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް ބުރައަކަށްނުވާވަރަށް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ފޯރުއްވައިދެއްވުން ކަމުގައި ވިދާޅުވިއެވެ. މީގެކުރީގައި ސަރުކާރުން ޤާއިމު ކުރައްވާފައި ހުރި އިންޖީނުގެތައް ޚަރަދު ބޮޑުވެގެން މިހާރު ނުހިންގޭކަން ފާހަގަކުރައްވަމުން، އަގުހެޔޮކޮށް ކަރަންޓް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، ތަރައްޤީގެ ހުރިހާ މަސައްކަތެއް ގުޅިފައިވަނީ، މިކަމާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ ދަށުން ހިނގަމުންދާ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނީގެ ދަށަށް ގެންނަވައި، ސަރުކާރާއި ބޭރުގެ ފަރާތްތަކުން ބައިވެރިވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މިތަންތަން ހިންގަވާ ގޮތަށް ހަމަޖައްސަވަން ގަސްދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަޕަރ ސައުތު ޔުޓިލިޓީޒް ކުންފުނީގެ ދިދަ ނަންގަވައިދެއްވީ، ރައީސް މުޙަންމަދު ނަޝީދެވެ. މި ކުންފުނީގެ ނަންބޯޑުގެ ފަރުދާ ކައްސަވާލަދެއްވީ ހައުސިންގ މިނިސްޓަރ މުޙަންމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢުމަރު ޖަމާލެވެ.

މި ރަސްމިއްޔާތުގައި އަޕަރ ސައުތު ޔުޓިލިޓީޒް ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވާހަކަ ދެއްކެވިއެވެ. އޭނާ ދެއްކެވި ވާހަކައިގައި، މިފަދަ ކުންފުނިތައް އުފައްދަވައި، އެތަންތާނގެ ޚިދްމަތް ފެށޭކަން އެއީ، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގަންނަވަމުން މިގެންދަވަނީ، ހުސް ވަޢުދު ނޫންކަން އެނގޭ ހެތްކެއް ކަމުގައި ވިދާޅުވިއެވެ.