އެންމެބޮޑު އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަހަރަކު މަދުވެގެން ތިންފަހަރު ވަޑައިގެންނެވޭތޯ ބެއްލެވުން ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު ހުވަދުއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެއަތޮޅު ހޯނޑެއްދުއަށް ވަޑައިގެން، ހޯނޑެއްދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަފްތާއަކު ދެދުވަހު އަތޮޅުތަކަށް ދަތުރުފުޅު ކުރައްވާ ކަމަށްވަނީނަމަ، މިކަން ކުރެއްވިދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހޯނޑެއްދޫގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންތައްތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، އެރަށުގައި ފެނާއި ނަރުދަމާގެ ޚިދްމަތް ދެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞް ކުރާ އުޞޫލުން ހޯނޑެއްދޫގައި 25ގެ އަޅުއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ސަރުކާރުން ގިނަ ކަންތައްތައް ކުރައްވަމުން މިގެންދަވަނީ، ރައްޔިތުންގެ މަޖިލިސް މެދުވެރި ކުރައްވައިގެން ކަމަށާއި، އެހެންކަމާއެކު، މަޖިލީހަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭނެ އަޣްލަބިއްޔަތެއް އޮތް ތަނަކަށް ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ހޯނޑެއްދޫން ރައީސް ނަޝީދު ވަޑައިގަތީ މަޑަވެއްޔަށެވެ. މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ސިޔާސަތު ތަންފީޒުވީމާ، ރާއްޖޭގެ ޙާލަތު ބަދަލުވާނެ ކަމަށާއި، އަނެއް ދިވެހިރާއްޖެ ލިބޭނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ރައީސް ނަޝީދު މަޑަވެލީ ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި އެ ވަޢުދުތައް ފުއްދެވުމުގެ ޕްރޮގްރާމްތައް ހިނގަމުންދާނެ ކަމަށް ވިދާޅުވެ، އެކަން ކުރެއްވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަޑަވެލީގެ ބިން ބޮޑުކުރެއްވުމަށް ސަރުކާރުން ވިސްނާވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި، މި ބިން ބޮޑުކުރެއްވުމަށް ސަރުކާރުން މިހާރު ވިސްނަވާފައިވާ ވިސްނެވުމަށް ރައްޔިތުންގެ ޖަވާބެއް ބޭނުންފުޅުވާ ކަމަށާއި، ރައްޔިތުން ޖަވާބު ދެއްވީމާ، އެކަން ހިނގަން ފަށާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ހިންގަވާ އެންމެބޮޑު އެއް މަޝްރޫޢަކީ، ރާއްޖޭގައި ދިހަހާސް ގެ ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ކަމަށާއި، އޭގެތެރެއިން އެއްހާސް ގެ އެޅުއްވުމަށް ހަމަޖައްސަވާފައިވަނީ، ހުވަދުއަތޮޅުގައި ކަމަށް ވިދާޅުވިއެވެ. މިގޮތުން، މަޑަވެލީގައިވެސް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞް ކުރެއްވުމުގެ އުޞޫލުން ގެ ޢިމާރާތް ކުރެއްވުމުގެ ޢަމަލީ މަސައްކަތް، މިއަހަރުގެ އޯގަސްޓް މަހު ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މަޑަވެލީ އިންޖީނުގޭގެ މައްސަލަ ޙައްލުކޮށްދެއްވައި، ފެނާއި ނަރުދަމާގެ ޚިދްމަތް ދެއްވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި މަޑަވެލީގައި ފެށޭނެކަން ހާމަކުރެއްވިއެވެ.