ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

މާޅެންދޫގެ ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު ކުރިޔަށްދިޔަ މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާވަނީ މާޅެންދޫގެ ބަނދަރު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. މި ބަނދަރަކީ 800 ފޫޓު ދިގު، އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.