ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅެންދޫއަށް ކުރައްވާ މިދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން ފުރަތަމަ ޒިޔާރަތް ކުރައްވާ ރަށެވެ. ރައީސުލްޖުމްހޫރިއްޔާ މާޅެންދޫއަށް ކުރައްވާ މިދަތުރުފުޅުގައި އެރަށުގެ ބަނދަރާއި މިސްކިތް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅެންދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވުމަށާއި، އެއަތޮޅު ހޮޅުދޫގެ ބަނދަރު ހުޅުވައިދެއްވުމަށާއި، އެއަތޮޅު ވެލިދޫގެ ބަނދަރު ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފާދިއްޕޮޅު ހިންނަވަރުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއަތޮޅު އޭދަފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމާއެކު އެއަތޮޅު ތުޅާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު ބަނދަރު ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.