ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ކުރަނީ ބޮޑު 6 މީހަކުކަން ފާހަގަކުރެއްވިފައިވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި، ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު މިއަދު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ”މިތަނުން ޑްރަގް ނަގާ އުޅޭ ކުއްޖަކު ދެން ގެންގޮސް އިދިފުށަށް ބިޑި އެޅުވިޔަކަސް، އެ ނުހުއްޓޭނެ. މިދަންނަވާ 6 މީހުން ހުއްޓުވީމާ ނިމުނީ. އޭރުން މިތާ ހުންނަ ކުއްޖާގެ އަތުގައި ނޯންނާނެ އެތިކޮޅެއް. ސަރުކާރަކަށް ނުޖެހޭނެ އެއްހާސް ދެހާސް ކުދިން ގެންގޮސް ޖަލުގައި ބައިތިއްބައިގެން ކައްކައި ކާންދީގެން، އެމީހުންގެ ކަންތައް ބަލަހައްޓާކަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މި 6 މީހުން މިހާރު ހައްޔަރު ކުރައްވައިފިނަމަ، އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި، ސަރުކާރަށް ތާއީދު ނުކުރާ ބަޔަކު ހައްޔަރު ކުރީ ކަމަށް ވާހަކަ ދެކެވޭނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށާއި، ޑްރަގަށް ހުޅުވިފައިމިވާ ހުރިހާ ދޮރުތައް ބަންދު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ދެއްވަދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ކަންތައްތައް، ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ދެއްވަދޫގައި ފެނާއި ނަރުދަމާގެ ޚިދްމަތް ދެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެއްވަދޫ އިންޖީނުގެވެސް ޔުޓިލިޓީޒް ކުންފުނީގެ ދަށަށް، ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.