ރައީސް މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ، މާމެންދޫ، އަދި ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫއަކީ ދަނޑުވެރި ރަށެއްކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އަމާޒަކީ، ރަށުގެ ހުރިހާ ދަނޑުތަކަކަށް ކަރަންޓުގެ ޚިދްމަތް ފޯރުއްވައިދެއްވުން ކަމަށާއި، މިހާރު މިއޮތްގޮތުން މި ޚިދްމަތް ދެއްވުމަކީ، ވަރަށް އަގޮބޮޑު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަތޮޅުގެ ހުރިހާ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ނިލަންދުއަށް ފެނާއި ނަރުދަމާގެ ޚިދްމަތް ދެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ އޯގަސްޓްމަހު ފެށޭނެކަމަށް އުންމީދު ކުރައްވާކަން ހާމަކުރެއްވިއެވެ.

ރައީސް ނަޝީދު ނިލަންދޫން ވަޑައިގަތީ، މާމެންދުއަށެވެ. މާމެންދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި އެއް އަމާޒަކީ، މާމެންދޫ ބަނދަރު ހައްދަވައި ދެއްވުން ކަމަށާއި، އަދި ފެނާއި ނަރުދަމާގެ ޚިދްމަތްވެސް މިރަށަށް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯއްދެވުމުގެ ނަމުގައި ދޮގުވާހަކައެއް ދައްކަވަން ބޭނުންފުޅުނުވާ ކަމަށާއި، މި ސަރުކާރުގެ ޕްރޮގްރާމްތައް ހިންގެވުމަށްޓަކައި މަޖިލީހުގެ އަޣްލަބިއްޔަތު ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުވާ ކުރެއްވިއިރުވެސް އަދި އެއްވެސް ކަމެއް ކުރެއްވިއިރުވެސް، ޤާނޫނާ ޚިލާފް ކުޑަ ފިޔަވަޅެއްވެސް އަޅުއްވާފައި ނޯންނާނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި އަޅުއްވަން ގަސްދުނުކުރައްވާ ކަމުގައެވެ.

ރައީސް ނަޝީދު ގެމަނަފުށްޓަށް ވަޑައިގަތީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ގެމަނަފުށީ ރައްޔިތުންނާ މިރޭ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރު ގެމަނަފުށީގެ ކޮންމެ ރައްޔިތަކަށް، އެމީހެއްގެ ރަށަށްވެގެންދާނެ ގޮތް ތަޞައްވުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުންފުޅަކީ، ހުސް ވަޢުދުތަކެއްވުން ނޫންކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހޯއްދަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ. މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބޯހިޔާވަހިކަމުގެ މައްސަލަކަން ރައީސް ފާހަގަކުރައްވަމުން، މި މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން ގެމަނަފުށީގައި ގެތައް އެޅުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އޯގަސްޓްމަހު ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެއެވެ.