ރައީސް މުޙަންމަދު ނަޝީދު، ފެލިދެއަތޮޅު ރަކީދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރަކީދުއަށް ވަޑައިގެން، ރަކީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ހިންގެވުމަށް ސަރުކާރުން ދެއްވާ ސަމާލުކަމާއި، އަދި ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމުން ރައްޔިތުންނަށް އެކަމުން ލިބޭ ފައިދާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތާއަބަދަށް ކަންކަން ދެމިހުންނަ ގޮތެއް ހޯއްދެވުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ވަރަށް މުހިންމު ބައެއް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަކީދުއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިއަހަރުގެ ތެރޭގައި ރަކީދޫގައި ފެނާއި ނަރުދަމާއާއި އިންޖީނުގޭގެ މަޝްރޫޢުގެ މަސައްކަތް އެންމެ ރަނގަޅަށް ފުރިހަމަކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަކީދޫގެ ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، ކުނި ނައްތާލުމުގެ ކަންތައްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުންފުޅަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން މިގެންދަވަނީ، އެވަޢުދުތައް ފުއްދަވައި ދެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ރަކީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މާޒީ ހާމަކޮށް މާޒީ ފަހަމުން ދިޔައީމާ ހެޔޮވެރިކަމެއް ޤާއިމު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.