އިޓަލީވިލާތުގެ މިލާނޯ ބިކޯކާ ޔުނިވަރސިޓީގެ ގޮތްޕެއް ރާއްޖޭގައި ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ރައީސް މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިކަން އިފްތިތާޙް ވެގެންދިޔައީ، "ދަ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ- މަގޫދޫ އައުޓްޕޯސްޓް"ގެ ނަންބޯޑުގެ ފަރުދާ ރައީސް ނަޝީދު ކައްސަވާލަދެއްވުމުންނެވެ. ރައީސް ނަޝީދު މިދަތުރުފުޅުގައި މާލެއިން ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

މި ރަސްމިއްޔާތުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މިބާވަތުގެ މަޝްރޫޢުތަކުން، ރާއްޖޭގެ ހުރިހާ ރަށެއްހެން ތަރައްޤީކުރުމުގެ ތާވަލު ތައްޔާރުކޮށް، ތަރައްޤީ ކުރުމުގެ ޕްލޭންތައް ކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ތަނަވަސްކަމުން ރައްޔިތުންނަށް މިއަދު މިލިބޭ މިންވަރަށްވުރެ މާ ރަނގަޅު މިންވަރެއް އަޅުގަނޑުމެންނަށް ޙައްޤުވެވިދާނެކަން ރައީސް ފާހަގަކުރައްވަމުން، އަދި އެކަން ކުރެވިދާނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ، މިއަދު މަގޫދޫގައި މި ޤާއިމުކުރާ އައުޓް ޕޯސްޓް ކަމަށް ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގައި މަތީ ތަޢްލީމު ހާސިލުކުރެވޭނެ ގޮތްތައް ހައްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ފެށުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ދިގު މުއްދަތަށް ވިސްނައިގެން، ދުރަށް ވިސްނައިގެން ކަންކަން ރާވަމުން ގެންދިޔައިމާ ލިބޭ ފައިދާއާއި، ލިބޭ މިންވަރު މާ ބޮޑުތަނުން އިތުރުވަމުންދާނެ ކަމަށާއި، އެއީ، ދެމެހެއްޓެނިވި ތަރައްޤީ ލިބޭނެ ގޮތް ކަމުގައިވެސް ވިދާޅުވިއެވެ.

މަގުދޫއަކީ، މިބާވަތުގެ ތަޙުލީލުތައް ކުރުމަށް ހަމަ ވަރަށް ރަނގަޅު ރައްޔިތެއް އޮންނަ ރަށެއް ކަމަށާއި، އަދި މަގޫދޫއަކީ މިބާވަތުގެ ތަޙުލީލުތައް ކުރުމަށް ފިޠުރަތުގެ ރޭވުން، ޤުދުރަތީ އުފެދުން ފަހިވާ ރަށެއްކަންވެސް ރައީސް ބަޔާންކުރެއްވިއެވެ.
ރައީސް ނަޝިދު، ނިލަންދެއަތޮޅު އުތުރުބުރިއަށް މި ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅު ނިލަންދޫއަށްވެސް މިއަދު މެންދުރުކުރީ ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ލާ މަރުކަޒީ އުސޫލުން އަތޮޅުތައް ތަރައްޤީ ކުރައްވައި ހިންގެވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ނިލަންދުއަށް ސަރުކާރުން ކޮށްދެއްވުމަށް ހަމަޖައްސަވާފައިވާ ކަންތައްތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، ނިލަންދޫގައި 150 ހައުސިން ޔުނިޓް ޤާއިމު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިއަދު ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް ކަމަށާއި، ނުވާން އޮތް ކަމެއް ވާނެ ކަމަށް ބުނެ، މި ސަރުކާރުން އަޑު ނޫފުލާނެ ކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރުން ދައްކާނީ ރޭވިފައިވާ ކަންކަމުގެ ވާހަކަ ކަމަށާއި، ސަރުކާރުގެ ވާޖިބަކީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ސިޔާސީ ވެރިން އުޅުއްވާނީ ރައްޔިތުންގެ ރުހުމާއި އަޣްލަބިއްޔަތު ހޯއްދަވަންކަމުގައިވެސް ވިދާޅުވިއެވެ.