ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުގެ ދެކަނބަލުންނެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހޮނަރ ގާޑްއެއް އެރުވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤްގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.