އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޑީ.އެމް.މުލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުޙަންމަދު ނަޝީދަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، އިންޑިޔާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ސުނާމީއަށްފަހު އިންޑިޔާއިން ވެދިން އެހީތައް ފާހަގަކުރެއްވިއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އިތުރު ދާއިރާތަކުގައި ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުންވެސް ރައީސް ނަޝީދާއި، އާ ސަފީރު މަޝްވަރާ ކުރެއްވިއެވެ.

އިންޑިޔާގެ އާ ސަފީރު މިސްޓަރ މުލޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ފުރިހަމަ ޒަމާނީ ޑިމޮކްރަސީއެއް ގެންނަވަން ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހިންގަވަމުންގެންދަވާ މަޝްރޫޢުތަކަކީވެސް ވަރަށް މުހިންމު މަޝްރޫޢުތަކެއްކަން ފާހަގަކުރެއްވިއެވެ.