ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޗައިނާގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ވާސިލުވެފައިވާކަމަށާއި، ރާއްޖެއާއި ޗައިނާގެ އެކުވެރި ގުޅުމަކީ ކުޑަ ޤައުމަކާއި ބޮޑު ޤައުމެއް ގުޅިގެން އެއްޤައުމު އަނެއް ޤައުމަށް އިޚްތިރާމުކުރުމާއިއެކު ބޮޑެތި ކަންތައްތަކެއް ހާޞިލުކުރުމަށް މަސައްކަތްކުރެވޭނެކަމުގެ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެން ދިޔަކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން ޒިޔާރަތްކުރި ޢަދަދު އިތުރުވެފައިވާކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގައި ޗައިނާ ފަތުރުވެރިންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވިގެންދާ މުހިންމު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ޚާއްޞަކޮށް ވިޔަފާރީގެ ދާއިރާއިން އިތުރަށް ފުޅާވެގެންދާނެކަމަށާއި، މިކަމުގެ ސަބަބުން އާ ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަމަށް އެއްބަސްވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޕްރެމިއަރ ވިދާޅުވީ މި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ އިޤްތިޞާދީ ކުރިއެރުން ޔަޤީންވެގެންދާނެކަމަށާއި ދެޤައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ޕްރެމިއަރއަށް ރާއްޖޭގައި މިހާރު ތަރައްޤީކުރެވެމުންދާ ބްރިޖް މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ނާޒުކު ކުދި ޖަޒީރާ ޤައުމުތަކަށް ލިބިދާނެ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ މުހިންމުކަން ފާހަގަކުރައްވާ ދަ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ނޭޝަންސް (އެއޯސިސް) ގެ ޗެއާ ގެ ހައިސިއްޔަތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ޕްރެމިއަރ ވަނީ ކުދި ޖަޒީރާ ޤައުމުތަކުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއިމެދު މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޗައިނާގެ ޕްރެމިއަރ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޗައިނާއިން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ކުރިއެކޭވެސް އެއްގޮތަށް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި، ޗައިނާގެ ޕްރެމިއަރ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ރާއްޖެއާއި ޗައިނާއިން ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ވެސް ޚިޔާލު އެއްގޮތްވާކަންކަމުގައި އެކުގައި މަސައްކަތްކުރާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ ފުރަމަނާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރީއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ އިސްވެރިންނާއި ބައްދަލްކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރައްވާފައެވެ.