ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަކީ ކުދި ޤައުމުތަކާއި، ބޮޑެތި ޤައުމުތައް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް ޗައިނާގެ ރައީސް ޝީޖިންޕިން ވިދާޅުވެއްޖެއެވެ. ޗައިނާގެ ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައެވެ.
ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދުގައި މިއަދު ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް އޮތީ، ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕލްގައެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޗައިނާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރައީސް ޝީޖިންޕިން އެވެ.
މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ގާތް އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް އެއްޤައުމު ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަ ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސަށް މަރުޙަބާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވުމުން ދެންނެވި ހޫނު މަރުޙަބާއަށާއި، ދެއްވި މެހެމާންދާރީއަށްޓަކައި ޗައިނާގެ ރައީސަށާއި، ޗައިނާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގަމުންގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ރާއްޖެއާ ޗައިނާގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ރާއްޖޭގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމު ޤާއިމުކުރުމާއި، ތިމާވެށްޓާއި ރައްޓެހި އީޖާދުތަކާއި، ދަތުރުފަތުރާއި، ޞިއްޙީ ދާއިރާއާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ޒުވާނުންންގެ މުހިއްމުކަން ފާހަގަކުރައްވައި، މިކަމަށް އިސްކަންދެއްވައިގެން ގިނަ މަޝްރޫޢުތަކެއް ރޭވިފައި ހުރިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާއެކު ދެޤައުމަށްވެސް ފައިދާ ހުރި ގޮތުގައި ތަރައްޤީގެ މަޝްރޫޢުތަކުގައި ޙިއްޞާވުމުގެ ފުރުޞަތު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ގުޅުމަކީ މިސަރުކާރަށް ވަރަށް މުހިއްމު ގުޅުމެއްކަން ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ތާނގައި ވެސް ދިވެހިރާއްޖެއިން ޗައިނާއާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައިސަލާއި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފް އަޙުމަދު މުސްޠަފާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެޤައުމުގެ ދެމެދުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. މީގެތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ.