ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓް ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ހުޅުވުމުން، މެރިން ބައޮލޮޖީއާއި ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ އަދި ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތުތައް ދިވެހިންނަށް ހުޅުވާލެވޭނެ ކަމުގައި ސަރުކާރުން އިޢުލާން ކުރައްވައިފިއެވެ. މިކަން އިޢުލާން ކުރެއްވުން އޮތީ، މިއަދު މުލީއާގޭގައި އޮތް މަޢުލޫމާތު ދިނުމުގެ ސެޝަނެއްގައެވެ.

"އިންޓަރނޭޝަނަލް ޔުނިވަރސިޓީ ސެންޓަރ ފޮރ ރިސާރޗް އެންޑް ހަޔަރ އެޑިއުކޭޝަން"ގެ ނަމުގައި އުފައްދާ މި އައުޓްޕޯސްޓް މިއަހަރު ނިމޭހާތާ ހުޅުވޭނެއެވެ. އަދި 2010 ގައި ކިޔެވުން ފެށޭނެއެވެ.

ރައީސް މުޙަންމަދު ނަޝީދު އިއްޔެ މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން މިތަޢާރުފުކުރެވޭ ތަޢުލީމުގެ ފުރުސަތުތަކަށް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ، ރާއްޖޭގައި މަތީ ތަޢްލީމު ހާސިލުކުރެވޭނެ ގޮތްތައް ހައްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ފެށުމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ޔުނިވަރސިޓީ އައުޓްޕޯސްޓަކީ ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާއާ ގުޅިގެން ހިންގޭ މަޝްރޫއެކެވެ.

މަގޫދޫ އައުޓްޕޯސްޓްގައި ކިޔަވާ ދިވެހި ކުދިންނަށް މިލާނޯ-ބިކޯކާ ޔުނިވަރސިޓީން ސްކޮލަރޝިޕް ފުރުސަތުތަކެއްދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފެބްރުއަރީމަހު ރައީސް އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓެއް، ފ. މަގޫދޫގައި ޤާއިމުކުރުމާބެހޭ އެއްބަސްވުމެއްގައި، ރާއްޖެއާއި އެ ޔުނިވަރސިޓީއާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައިވާގޮތުން، އެޔުނިވަރސިޓީގެ ބޭފުޅުން ރާއްޖެ ވަޑައިގެން، މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާނެއެވެ. އަދި އެކި މުއައްސަސާތައް ގުޅިގެން މަތީ ތަޢްލީމުގެ ދާއިރާއިން ތަމްރީނު ދިނުމުގެ ފުރްޞަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާއަކީ އިޓަލީވިލާތުގެ އެންމެ މަޝްހޫރު ތިން ޔުނިވަރސިޓީގެ ތެރެއިން އެއް ޔުނިވަރސިޓީއެކެވެ. މިޔުނިވަރސިޓީއަކީ ވަކިން ޚާއްޞަކޮށް މެރިން ބައޮލޮޖީގެ ރޮނގުންނާއި އެކި ތަޙުލީލުތައް ކުރުމުގެ ރޮނގުން ދުނިޔޭގެ ވަރަށް މަޝްހޫރު ޔުނިވަރސިޓީއެކެވެ.