ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޕަންގް ލިޔުއާން، ރަސްމީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ޗައިނާގެ "ގްރޭޓް ހޯލް އޮފް ޕީޕަލް" ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން "ގްރޭޓް ހޯލް އޮފް ޕީޕަލް" އަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ، 21 ބަޑީގެ ސަލާމެއް އަރުވައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއެކު ޗައިނާގެ ރައީސްގެ ދެކަނބަލުން ފޮޓޯފުޅެއް ނެންގެވިއެވެ. އަދި ރައީސް ޔާމިންއާއި ރައީސް ޝީ ޖިންޕިންގ ޑަޔަސްއަށް އަރާވަޑައިގަތުމުން ދެޤައުމުގެ ޤައުމީ ސަލާމް ކުޅުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. އެއަށްފަހު ޗައިނާގެރައީސް، އެޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަޢާރުފުކޮށް އެރުވިއެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ޗައިނާގެ ތުއްތުކުދިންކޮޅެއްގެ ޙާއްސަ ހަރަކާތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސޮއިކުރައްވަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އިސްވެރިންނާ ބައްދަލްކުރައްވައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.