ދުނިޔޭގައި އަލަށް ފެތުރެމުންދާ ”ސްވައިން ފްލޫ" ރޯގާއިން ރައްކާތެރިވުމާއި، އަދި މި ރޯގާ، ރާއްޖޭގައި ފެތުރުނަނުދީ ކޮންޓްރޯލް ކުރެއްވުމާބެހޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ރައީސް މުޙަންމަދު ނަޝީދު، ވަޒީރުންގެ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.
މި ކޮމިޓީގެ އިސްބޭފުޅަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަލްފާޟިލް އަމީން ފައިޞަލާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމެވެ.