ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ވާސިލުވެފައިވާ ކަމަށާއި، ޗައިނާއަކީ ދިވެހިރާއްޖޭގެ ވިޔަފާރިއާއި ތަރައްޤީގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިފަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ޗައިނާއާއި ރާއްޖޭގެ ގުޅުން މިފަދައިން ސިފަކުރައްވާފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު ޗައިނާގެ ވެރިރަށް ބެއިޖިންގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވެވި ރަސްމީ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޗައިނާއަކީ ރާއްޖޭގެ ހަޤީޤީ އެކުވެރިއެއްކަމަށާއި، ދެޤައުމުގެ މި އެކުވެރިކަން ބިނާވެފައިވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި، އިޚްތިރާމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ ރާއްޖެއަކީވެސް ޤައުމެއްގެ ހައިސިއްޔަތުން ދިމާވާ ދާޚިލީ މައްސަލަތަކުގައި އަމިއްލަވަންތަ ހައްލު ހޯދޭނެ ވަރުގެ ޤާބިލުކަން ހުރި ޤައުމެއްކަން ޗައިނާއިން ޤަބޫލުކުރާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އަދި، އެދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެޤައުމުގެ ގުޅުން ބަދަހިވުމަށް ކޮށުނު މަގެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. މީގެއިތުރުން ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ބިންގާ އެޅުއްވި ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލެއާއި ހުޅުލެއާ ދެމެދު ބިނާކުރެވޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްގީ ކުރާ ރަންވޭގެ މަސައްކަތަކީ ދެޤައުމުގެ އެކުވެރި ބަދަހި ގުޅުން ތާއަބަދަށް ރަމްޒުކޮށްދޭނެ ނިޝާންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޢިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި ދިވެހި ރައްޔިތުން، ޚާއްޞަކޮށް ދިވެހި ޒުވާނުންގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި، އުފެއްދުންތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިޤުތިޞާދު ކުރިއަރުވާ، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ދިރިއުޅުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މިދަތުރުގައި ބައިވެރިވުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން ވެސް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އިސްވެރިންނާއި ބައްދަލްކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.