ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ. މި ހަފްލާ ބާއްވާފައިވަނީ މިއަދު ހަވީރު ޗައިނާގެ ވެރިރަށް ބެއިޖިންގެ ލެޖެންޑޭލް ހޮޓެލްގައެވެ.
މި ހަފްލާގައި ވައިސް ޗެއާމަން އޮފް ދަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް، ހަރ އެކްސެލެންސީ މިސް ޝެން ޔޫޔޫ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ހަނދާނީ ފިލައެއް ވެދުންކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ޚާއްޞަ ސްޓޭމްޕް ސެޓެއް އެކަމަނާއަށް ވެދުންކުރައްވާފައެވެ.
މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތަށް ހުށަހެޅުއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން ވެސް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އިސްވެރިންނާއި ބައްދަލްކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.