ރައީސް މުޙަންމަދު ނަޝީދު، ފެލިދެއަތޮޅުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ، އެއަތޮޅު ފުލިދުއަށެވެ. މިއަދު މެންދުރެއްހާއިރު އެރަށަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތަކީ، ލާމަރްކަޒީ އުޞޫލުން ތަރައްޤީ ކުރެއްވުމުގެ ސިޔާސަތު ކަމަށް ވިދާޅުވެ، މިސިޔާސަތުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ފުލިދޫ ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ތެރޭގައި، ފުލިދޫގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދެއްވުމުގެ މަސައްކަތް ފަށްޓަވާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެއަތޮޅުގައި ތިންސަތޭކަ ފްލެޓް އަޅުއްވާނެ ކަމަށާއި، އޭގެތެރެއިން ފަންސާހަކަށް ފްލެޓް ފުލިދޫގައި އަޅުއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިއީ ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން މިލްކުވާ ތަންތަންކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގައި ގިނައީ ހަތްސަތޭކައަށްވުރެ މީހުން މަދު ރަށްރަށް ކަމަށާއި، އެފަދަ ކުދި ރަށްތަކަށް ޚާއްޞަ ކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.