މިޤައުމު ކުރިއަށް ގެންދިއުމުގައި ފުރަގަސް ނުދެއްވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިއަދު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ހުށަހަޅުއްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ފާޑުކިޔުމުގައި އިދިކޮޅުފާރާތްތަކުން ވަނީ ނުކުޅެދިފައިކަން ފާހަގަކުރެއްވެވިއެވެ. މިގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ދަރަނި ބޮޑުކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބަޖެޓަށް ކިޔަމުންދާ ފާޑުކިޔުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ވަނީ އެހެން ސަރުކާރުތަކުން ވާރުތަވި ދަރަނިތަކަށް ވެސް ޝިފާ ހޯއްދަވައިދެއްވާފައި ކަމުގައެވެ. އެގޮތުން އެހެން ސަރުކާރުތަކުން ވާރުތަވި ދަރަނީގެ ތެރެއިން 13 ބިލިއަން ރުފިޔާގެ ދަރަނި މިސަރުކާރުން އަދާކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދަރަނި އަދާކޮށްދޭން ނުޖެހުނު ނަމަ މިސަރުކާރުން އުފެއްދި ދަރަނީގެ ގޮތުގައި އޮންނާނީ އެއް ބިލިއަނެއްހާ ރުފިޔާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސްކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ހިތްވަރު ދެއްވައި އެބޭފުޅުންނަކީ އެކަނިވެރި ބައެއްކަމުގައި ޤަބޫލު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިސަރުކާރު ދެމިއޮތްހާ ދުވަހަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ހަވާސާ ވެގެންދާނެ ބައެއްގެ ގޮތުގައި ޤަބޫލުނުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން އެމަނިކުފާނުވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދޭ ކުންފުނިތަކަށް ހިއްވަރުދެއްވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެއްގޮތަކަށްވެސް މަސައްކަތުން ދުރުނުކުރުމަށް އެދިވަޑައިގެންފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިރުންނެތް ވިސްނުމެއް ގެންނާނީ ސިކުނޑިނެތް މައްޔިތެއްކަމަށެވެ. އަދި އަޅުގަނޑުމެންގެ ރައުސުލްމާލު ބޭނުންކުރަން އެނގިއްޖެނަމަ މިޤައުމަކީ މި ސަރަހައްދުގައި އޮތް އެންމެ ކުރިއަރާފައިވާ ޤައުމަށް ނުވާންވީ ސަބަބެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ދާއިރާއިން ފެނިގެންދާނެ ބޮޑެތި ތަރައްޤީތަކަށް ބައްލަވާލައްވާ މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ބޭނުންވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން މިސަރުކާރުން 2017 ވަނަ އަހަރުގެ ނިޔަލަށް 3678 މަޝްރޫޢު ހިންގަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ތަޢުލީމީ ނިޒާމް ހަރުދަނާކޮށް ތަޢުލީމީ ރޮނގުން ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނުވަނީ މި ސަރުކާރުން ދެއްވާ ސްޓޫޑެންޓް ލޯންގެ ފުރުޞަތުގެ ފައިދާތައް ފާހަގަކުރައްވާފައެވެ.