ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިއަދު ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ މި ސަރުކާރުން ގެންގުޅުއްވާ ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާސަތުގެ ދަށުން ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެއްވުމަށް 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.

މިގޮތުން، ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ޤާއިމުކުރުމަށް މަސައްކަތްކުރަން ޖެހުނީ 2011 ވަނަ އަހަރު ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމަކުން ތަރައްޤީ ވަމުން އަންނަ ޤައުމަކަށް ބަދަލުވުމާއި ގުޅިގެން ބޭރު ދުނިޔޭގައި ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ނަގަން ފެށުމާއި ގުޅިގެންކަމުގައި މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ޗައިނާއާއިއެކު މިވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް، ދިވެހި މަސްވެރިން ބާނާ މަސް ސުން ޕަސެންޓް ޑިއުޓީގައި އެކްސްޕޯޓް ކުރުމަށް މަގުފައިހިވެގެން ދާނެކަމުގައިވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ދިވެހިރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ ގުޅުން ޤާއިމްކުރުމަށް ޖަޕާނަށާއި، ޔޫރަޕިއަން ޔޫނިއަނަށާއި، އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް ދަޢުވަތު ދެއްވާފައިވާނެ ކަމަށެވެ. އަދި، އެ ޤައުމުތަކުންވެސް ރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ސަޢީދު ވަނީ ދެއްވާފައެވެ.