މުޅި އިންސާނިއްޔަތަށް ރަޙުމަތެއް ކަމުގައި މާތްﷲ ފޮނުއްވި، މާތް ރަސޫލް مُحَمَّـد صلّى اللّــه عليه وسلّمގެ ޢީދު މީލާދުގެ މަތިވެރި ޛިކުރާ އާކުރާ މި އުފާވެރި މުނާސަބަތުގައި އިތުރު މާތް ސާހިބާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އަދި މިޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ. އެއަށްފަހު، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޯތްބާއެކު އަރިސްކުރަމެވެ. ހަމައެއާއެކު، ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންވެސް އަޅުގަނޑުގެ މި ތަހުނިޔާގައި ޝާމިލުކުރަމެވެ.

މާތްﷲގެ ރިސާލަތު މީސްތަކުންގެ ތެރޭގައި ފެތުރުއްވުމުގައި ކީރިތި ރަސޫލުﷲ صلّى اللّــه عليه وسلّم އަށް ކިތަންމެ ދަތިތަކަކާއި އުނދަގޫތަކެއް ތަޙަންމުލު ކުރައްވަން ޖެހިވަޑައިގެންނެވިނަމަވެސް، އެކަލޭގެފާނު އެ ދެއްކެވި ހިތްވަރުފުޅުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ ޢިބްރަތްތެރި ފިލާވަޅުތަކެކެވެ. އޭގެ ނަތީޖާއަކަށްވީ، އިސްލާމީ އުންމަތަކީ މުޅިދުނިޔޭގެ އެންމެން ޤަދަރުކުރާ، އިޙުތިރާމުކުރާ، ޢިލްމީގޮތުންނާއި، ހުރިހާގޮތަކުންވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެމާތް އުންމަތް ކަމުގައިވުމެވެ.

ކީރިތި ރަސޫލާ مُحَمَّـد صلّى اللّــه عليه وسلّمގެ ޢީދުމީލާދުގެ ޛިކުރާ އާކޮށް، އާލާކުރުމުގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހެނީވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުމެވެ. އެ މަތިވެރި ގޮތްތަކާއި އުޞޫލުތައް ދަސްކޮށް، އެކަލޭގެފާނު ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބުމެވެ. އަޅުގަނޑުމެން ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން، އެ މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެން ކަމާމެދަކު ޝައްކެއްނެތެވެ.

މާތްވެގެންވާ އިސްލާމްދީނަކީ، އެންމެފުރިހަމަ ދީނެވެ. ހުރިހާ ޒަމާންތަކަށާއި ހުރިހާ ތަނަކަށް އެކަށީގެންވާ ގޮތުގައި اللّــه سبحانه وتعالى ފޮނުއްވި މާތް ހިދާޔަތެވެ. އެހެންކަމުން، އަޅުގަނޑުމެންނަކީ މި މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އިސްލާމްދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް މި މުނާސަބަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ ދިވެހި އުންމަތް ދެމިއޮތްހާ ހިނދަކު، އިސްލާމީ ނޫރުގެ އަލިގަދަ ދަންމަރުގެ އަލީގައި ދަމަހައްޓަވާށިއެވެ! ކީރިތިރަސޫލާ مُحَمَّـد صلّى اللّــه عليه وسلّم މި އުންމަތަށް ދެއްކެވި މަތިވެރި ނަމޫނާގައި ހިފަހައްޓައިގެން ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް އަބަދުމެ މިންވަރު ކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރައްވައި ދަމަހައްޓަވާށިއެވެ! އާމީން.