އަންނަ މެއި މަހުގެ 10ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. މިދެންނެވުމުގައިވާ ގޮތުން، މިގޮތަށް ހަމަޖެއްސެވީ، މެއިމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، މެއި މަހުގެ 10 ވަނަ ދުވަސް ބަންދުކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީއެވެ. އަދި މި އިންތިޚާބުގެ އެކިއެކި މަސައްކަތްތަކުގައި ގިނަ ޢަދަދެއްގެ މުވައްޒަފުން ޙަރަކާތްތެރިވާނެތީއާއި، މިދުވަސް ބަންދު ކުރެއްވުމަކީ، ޢާންމު ފަރާތްތަކަށް މިކަމުގެ ސަބަބުން ފަސޭހަވާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.