ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަރިހަށް، އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޑީ. އެމް. މުލޭ، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް މި ބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް އަދި ވަރަށް ޚާއްޞަ ގުޅުމެއްކަމާއި، ދިވެހި ސަރުކާރާ އިންޑިޔާ ސަރުކާރުންވެސް މިގުޅުން އިތުރަށް ބަދަހިކުރައްވައި އިތުރު ދާއިރާތަކުން ފުޅާކުރައްވަން ބޭނުންފުޅުވާކަން ދެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ސަރުކާރުން މިހާރުވެސް ގެންދަވަނީ އިންޑިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ތަޢާރުފްކޮށްދެއްވައި އެ ޤައުމުގެ އިތުރު އިންވެސްޓަރުންގެ މެދުގައި ރާއްޖެއާ މެދު ހުރި ޝައުޤުވެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ސަފީރުގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

އިންޑިޔާގެ ސަފީރު މިސްޓަރ މުލޭ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ ދާއިރާއިން ދިވެހިރާއްޖެއަށް އިތުރަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމަށާއި، ދިވެހިރާއްޖެއަށް އިތުރު އިންވެސްޓަރުން ގެންނަވައި އިންޑިޔާގެ ވިޔަފާރިވެރިންނަށް ދިވެހިރާއްޖެ އިތުރަށް ތަޢާރަފްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ރިހެބިލިޓޭޝަން ފަރުވާދިނުމުގައި އިންޑިޔާގެ އެހީތެރިކަމާއި ތަޖުރިބާ ދިވެހިރާއްޖެއަށް ބޭނުންވާކަމުގައި ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ރޮނގުން ދެއްވެންހުރި ހުރިހާ އެހީތެރިކަމެއްދެއްވުމަށް އިންޑިޔާއިން ތައްޔާރަށް އޮތްކަން އިންޑިޔާ ސަފީރު ހާމަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، އިޖްތިމާޢީ ދާއިރާއިން، އިންޑިޔާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ދެއްވުމާ ގުޅޭގޮތުންނާއި އަދި މިދާއިރާތަކުން އިތުރަށް އެހީފޯރުއްވައިދެއްވިދާނެ ގޮތްތަކާމެދުވެސް ނައިބު ރައީސާއި އިންޑިޔާގެ ސަފީރު މަޝްވަރާކުރެއްވިއެވެ.