އަމަލީގޮތުން ޤައުމު ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ބަޔަކީ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަކާ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނަކީ ތަފާތު އެކި ސިފަތައް ހިމެނިގެން އެބޭފުޅުންގެ މަސައްކަތުން ދައުލަތަށް އަދި އެހެން ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި ބައެއްކަމަށާއި ކޮންމެ ދާއިރާއަކުންވިއަސް އިނާމު ހާސިލުކުރައްވާ ބޭފުޅަކީ ރޯލްމޮޑެލްއެއްކަމުގައެވެ. އަދި މިފަދަ ލަނޑުދަނޑިއަކާ ހަމައަށް ވާސިލްވުމަކީ ކޮންމެ ޒުވާނެއްގެ އުއްމީދުކަމުގައި ވާންޖެހޭނެކަމަށާއި އެއީ ކޮންމެ ޒުވާނަކު ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ވާންޖެހޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުޓުބޯޅައިގެ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ އެކަޑަމީއެއް ރާއްޖޭގައި ޤާއިމް ކުރައްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވެވިއެވެ. އަދި އެމަސައްކަތް މިހާރު އެފް.އޭ.އެމް އާ ހަވާލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. މިފަދަ އެކަޑަމީއެއް ގާއިމު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކުޅިވަރުގެ ދާއިރާއިން ރަންވަނަތަކެއް ޙާސިލްކުރާ ބައެއްކަމުގައި ދިވެހި ޒުވާނުން ވެގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތެއް ކުރިއަށް މިދަނީ ޒުވާނުންގެ ހަކަތައިގައި ކަމަށާއި ޤައުމެއް ކުރިއަށް މިދަނީ، ކާރުޚާނާތައް މި ހިނގަނީ އަދި ވިޔަފާރިތައް މި ހިނގަނީ، އާމްދަނީ ގެއަށް ވައްދަނީ، ތަކެތި ހޯދަނީ ޒުވާނުންކުރާ މަސައްކަތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ކުރިއަށް އޮތް އަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓަކީ ޒުވާނުންނަށް އުންމީދުތަކެއް އިތުރުވެގެންދާނެ ބަޖެޓެއްކަމުގައި ވާނެކަމަށެވެ. އަދި ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ބަޖެޓަކީ ޚާއްޞަކޮށް ޒުވާނުންގެ މަސައްކަތްތަކަށް އިތުރު ތަނަވަސްކަން ލިބިގެންދާނެ ބަޖެޓެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ބަޖެޓުން ޙާސިލްވާނެ އެންމެ މުހިންމު އެއްކަމަކީ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ޙާސިލުވާނެ ދެވަނަކަމަކީ ގިނަ ޒުވާނުންނަށް މަތީ ތަޢުލީމް ޙާސިލްކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް “ސްޓޫޑެންޓް ލޯން” ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތިންވަނަ ކަމަކަށް ބަޖެޓުގައި އިސްކަންދީފައިވަނީ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ރާއްޖޭގެ ހުރިހާ ދިމާއަކަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި ބަޖެޓްގައި އިސްކަން ދީފައިވަނީ އިޤްތިޞާދު ރަނގަޅުކުރުމަށް ވަޒީފާގެ ފުރުޞަތު އިތުރުކޮށް ޒުވާނުންނަކީ އުފެއްދުންތެރި، އިޤްތިޞާދު ކުރިއަށް ގެންދިއުމުގައި ބައިވެރިވެ މަސައްކަތްކުރާ ބަޔަކަށް ހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ތަފާތު ދާއިރާތަކުން ޒުވާނުންގެ އިނާމު ޙާސިލްކުރެއްވި ފަރާތްތަކަށް އެވޯޑު ދެއްވާފައެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހެވެ. މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޒުވާނުންގެ ޙިއްސާ ޤައުމުގެ ކުރިމަގު" އެވެ.