ސަރުކާރުގެ މަޤްޞަދަކީ، ކުރައްވާ ކަންކަން ރައްޔިތުންނަށް ފައިދާވާ ގޮތަށް ދިގު މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރެއްވުން ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ފެލިދެއަތޮޅު ކެޔޮދުއަށް ވަޑައިގެން، ކެޔޮދޫ ރައްޔިތުންނާ މިއަދު ހަވީރު މުޚާޠަބު ކުރައްވައި، މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ލާމަރްކަޒީ އުޞޫލުން ކަންތައްތައް ހިންގެވުމަށް ރާއްވަވާފައިވާ މަޝްރޫޢު ރައްޔިތުންނާ ޙިއްޞާ ކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ވަރަށް މުހިންމު މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އަދި ވެރިކަމުގެ ހުރިހާ ބާރެއް މާލޭގައި ޖަމާވެފައި ހުރުމުން، ތަރައްޤީއަށް ހުރަސްއެޅޭ މިންވަރުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކެޔޮދޫގައި ނަރުދަމާއާއި ފެނާއި ކަރަންޓްގެ ޚިދްމަތް ދެއްވުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ބަނދަރުވެސް ހައްދަވައިދެއްވާނެ ކަމަށާއި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަގު ދައްކާ ގޮތަށް ފްލެޓްވެސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަ މިދައްކަވަނީ، ރައްޔިތުންނަށް ދަޅައެއް ދައްކަވަން ނޫން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުއްވުމަށް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވަމުން، ޙަޤީޤީ ތަރައްޤީ ލިބޭނީ ފާޑުކިޔުމުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.