ހެޔޮވެރިކަމަށް މަގުފަހިކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަންކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފެލިދެއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދުއަށް މިއަދު ހަވީރު ވަޑައިގެން، މިރޭ އިރާކޮޅު އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި، މި ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެއެވެ. ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން މި ސަރުކާރުން ރައްޔިތުންނަށް ދޭނެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން މިގެންދަވާ މަސައްކަތްޕުޅުތަކާއި އަދި ލާ މަރުކަޒީ އުސޫލުން ކަންކަން ހިންގެވުމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން އިސްކަން ދެއްވަނީ ކަންކަން ތަރުތީބުން ކުރެއްވުމަށް ކަމަށާއި، ކަންކަން ގަވާއިދުން ތަރުތީބުން ކުރަމުންގެންދާނަމަ، އެކަންކަމަށް ހުއްޓމެއް އަންނާކަށް ނުޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ފެލިދޫގެ ތަރައްޤީއަށާއި ކުރިއެރުމަށް ސަރުކާރުން ރާއްވަވާފައިވާ ކަންތައްތައް ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި ލަސްތަކެއްނުވެ ފެލިދޫގައި ބޭންކުގެ ޚިދްމަތް ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން، ފެލިދޫގައި 50 ގެ ޢިމާރާތް ކުރެއްވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.