ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ، ޤައުމިއްޔަތެއްގެ އަގުބޮޑު ނިޢުމަތް ދިވެހިއުންމަތަށް މިންވަރުކުރެއްވި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. ހަމައެއާއެކު، ޤައުމީދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިޤައުމުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމުގެ އުފާ އަޅުގަނޑު ލިބިގަންނަމެވެ.

ޤައުމީދުވަސް ފާހަގަކުރަމުންދާއިރު، އެދުވަހުގެ ބަޠަލް އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތައް އާކުރަމުން، ބޮޑުތަކުރުފާނުގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ދިވެހިންގެ ދީނާއި ޤައުމިއްޔަތުގެ ދިފާޢުގައި، ބޭރުގެ އިސްތިޢުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި، މާތްﷲގެ މިންވަރުފުޅުން ހޯއްދެވި ނަޞްރާއި ކާމިޔާބީއަކީ، ދިވެހިންގެ ޤައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަޞްރަކާއި ކާމިޔާބީއެކެވެ. އެދުވަހަކީ، ޤައުމީ ލޯބީގެ ޙަޤީޤީ މާނަ އަޅުގަނޑުމެންނަށް ތަޞައްވުރު ކުރެވުނު ދުވަހެވެ. އެއީ، ޤައުމާމެދު ދިވެހި ދަރީންގެ ހިތްތަކުގައި ކުލުނާއި ލޯބި އުފެދިފައި އޮތް މިންވަރު ބަޔާންކޮށްދިން ޢިބްރަތްތެރި ހާދިސާއެކެވެ.

ޤައުމީދުވަހުގެ ޒިކުރާ އާކުރާ މި ފުރުޞަތުގައި، ދިވެހިޤައުމާއި މާތްވެގެންވާ އިސްލާމްދީނަށްޓަކައި ޖިހާދުކުރައްވައި، ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ހުރިހާ އަބްޠާލުންގެ ޒިކްރާ އާކުރުމާއެކު، އެބޭފުޅުންގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ފާފަ ފުއްސެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ކޮންމެ ޤައުމެއްގެވެސް ޤައުމީ ދުވަހަކީ، އެޤައުމެއްގެ މުވާޠިނުންގެ ހިތްތަކުގައި ގިނަގުނަ ޤައުމީ ޝުޢޫރުތަކެއް އާވެ އާލާވެގެންދާ ދުވަހެކެވެ. އެހެންކަމުން، މިއަދަކީ އަޅުގަނޑުމެންވެސް މިއަދު އެފަދަ ޝުޢޫރުތަކުގެތެރޭގައި ތިބެ، އަޅުގަނޑުމެންގެ ޤައުމާމެދު، އަދި ޤައުމުގެ ކުރިމަގާމެދު އާ އުންމީދުތަކެއް ކުރަންޖެހޭ ދުވަހެކެވެ. އެހެނީ، ޤައުމެއް ޤައުމެއްގެގޮތުގައި އާރާސްތުވެ، ފުރިހަމަވަމުން އަންނާނީ، ޤައުމުގެ ރައްޔިތުންގެ ކިބައިގައި އެ ޤައުމަކާމެދު ދިރެމުން އާލާވަމުން އަންނަ ފޮނި އުންމީދުތަކަކާއެކުގައެވެ.

މިއަދު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހެނީ، މިނިވަންކަމާއި އަމާންކަންމަތީގައި ވަކި ޤައުމެއްގެގޮތުގައި އުޅުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވި، ކީރިތިވަންތަ ކުޅަދުންވަންތަ މާތް ﷲ ދެއްކެވި ތެދުމަގުކަމުގައި ސާބިތުކަމާއެކު ކުރިޔަށް ދިއުމުގެ ޢަޒުމުގައި ދެމިތިބުމަށެވެ. ކީރިތި ރަސޫލާ مُحَمَّـد صـلّى اللّـه علـيـه وسـلّم ދެއްކެވި ހަރުދަނާ ރިވެތި މާތް އުސޫލުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށެވެ. އަޅުގަނޑުމެން ދިވެހިންނަށް މި މަތިވެރި ނަޞީބު މިންވަރު ކުރައްވައިފައިވާ އެންމެބޮޑު ސަބަބަކީ ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި އަޅުގަނޑުމެން ސާބިތުވެތިބި ތިބުމެވެ. އަޅުގަނޑުމެންގެ ޤައުމަކީ، ކިތަންމެކުޑަ ޤައުމެއްކަމުގައިވީނަމަވެސް، އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަޅުގަނޑުމެން ދަމަހައްޓާހައި ހިނދަކު، ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައިގައި ފައިތިލަ ސާބިތުކޮށް، ބަސްކިޔުމުގެ ފުރްޞަތު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.

އަޅުގަނޑުގެ މިއަދުގެ ޢަޒުމަކީ، ދިވެހިޤައުމު މިހާރު ދެކެމުންމިދާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމެވެ. އަދި ހަމައެއާއެކު، މާޒީގައި ޤައުމަށް ކުރިމަތިވެގެން ގޮސްފައިވާ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވީ ދުވަސްތައް، އަލުން މި ދިވެހިޤައުމަށް ތަކުރާރުވިޔަ ނުދިނުމެވެ. އަޅުގަޑުގެ އިލްތިމާސަކީ، ދިވެހިޤައުމުގެ ރައްޔިތުންނަކީ، ޤައުމުދެކެ ލޯބިވާ، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ ރައްޔިތުންތަކަކަށް ވެގެން ދިއުމެވެ. ދިވެހިޤައުމަކީ، ތިޔާގިކަމާއި ތަނަވަސްކަމާއި، އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ޤައުމެއްކަމުގައި ވެގެންދިއުމެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެންގެ ރާއްޖެއަށް އަމާންކަމާއި ޞުލްޙަމަސަލަސްކަން ދެއްވުމެވެ. ދިވެހިންނަކީ ހެޔޮވިސްނޭ، ހެޔޮގޮތް އިޚުތިޔާރުކުރާ، ރައްޔިތުންތަކެއް ކަމުގައި މާތް ﷲ ލެއްވުމެވެ. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރާ، ޤައުމިއްޔަތު ރައްކާތެރިކުރާ ބަޔަކުކަމުގައި ލެއްވުމެވެ. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ހަރުދަނާކަމާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ.