ރައީސް މުޙަންމަދު ނަޝީދު، ފެލިދެއަތޮޅު ތިނަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ. ތިނަދޫއަކީ، ރައީސް ނަޝީދު ފެލިދެއަތޮޅަށް މިކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެވެ.

ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރެއްވުމަށާއި، ކަރަންޓުގެ ޚިދްމަތް ދެއްވުމަށާއި، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން ގެދޮރު އެޅުއްވުމުގެ މަސައްކަތްތައް ހިންގަވަން ގަސްދު ކުރައްވާފައިވާ ގޮތުގެ މައްލޫމާތު ރައްޔިތުންނަށް ދެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ދޮގު ހައްދަވަން ބޭނުންފުޅުނުވާ ކަމަށާއި، މި ސަރުކާރުން އެކަން ކުރައްވަން ބޭނުންފުޅުނުވާ ކަމުގައި ވިދާޅުވިއެވެ. އަދި ތިނަދޫގެ އުޖާލާ ޒަމާން މި 5 އަހަރުގެ ތެރޭގައި ގެނެސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކޮރަޕްޝަނަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށާއި، ނާޖާއިޒު ފައިދާ އެއްވެސް މީހަކު ނަގައިފިނަމަ، އެމީހެއްގެ މައްޗަށް ޝަރީޢަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.