ރާއްޖެއަށް ޒިޔާރަތްކުރި ހިލޭ ސާބަހަށް މަސައްކަތްކުރައްވާ އިންޑިޔާގެ 9 ޑޮކްޓަރުންނާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިޒިޔާރަތުގައި ޑޮކްޓަރުންގެ ޓީމުން ދިވެހިންނަށް ކޮށްދެއްވި މުހިންމު ޚިދުމަތްތަކަށްޓަކައި މި ޓީމަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ބޭފުޅުންގެ މި ޒިޔާރަތުގެ ސަބަބުން، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމުގައި ވިދާޅުވިއެވެ. އަދިވެސް މިފަދަ އިތުރު ޒިޔާރަތްތައް އިންތިޒާމުކުރެވޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޑޮކްޓަރުން ދެއްކެވި ވާހަކައިގައި ރާއްޖޭގެ ރަށްރަށުގައި ވަރަށް ފުރިހަމަ ޞިއްޙީ ވަސީލަތްތައް ޤާއިމުކުރެވިފައިވާކަމާއި، ދިވެހިންނަކީ ޞިއްޙީގޮތުން ހޭލުންތެރި ބައެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ބޭފުޅުން ޒިޔާރަތްކުރެއްވި އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. އަދި މިދަތުރުގައި އެބޭފުޅުން މަސައްކަތްކުރެއްވި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

އިންޑިޔާގެ މި ޑޮކްޓަރުންގެ ޓީމުގެ މެންބަރުން ހަތަރު ގުރޫޕަކަށް ބައްސަވައިލައްވައިގެން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ދިހަ ދުވަސް ވަންދެން މަސައްކަތް ކުރެއްވިއެވެ. މިބޭފުޅުންވަނީ މިދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު ފުރާވަޑައިގެންފައެވެ.