ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގެވުމަށާއި، ދައުލަތުގެ ބައެއް ވިޔަފާރި މުއައްސަސާތައް ޕްރައިވަޓައިޒް ކުރެއްވުމާބެހޭ މަޢްލޫމާތުތައް ވީހާ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ހާމަކުރައްވަމުން ގެންދެވުމަށް ރައީސް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ރައްޔިތުންނާ ވީހާ ގާތުން ލިބިދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުން އެއީ، މި ސަރުކާރުގެ މުހިންމު އަމާޒެއްކަމާއި، ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގުތައް ހެދުމާއި، ބަނދަރުތައް ތަރައްޤީ ކުރެއްވުމަށް ބޭނުންވާ ނިސްބަތުން ބޮޑު ރައުސްމާލު ހޯއްދެވުމުގައި ސަރުކާރުން އިސްކުރައްވާފައިވާ، ކަމުގެ ތަޖުރިބާހުރި ޢާންމު ފަރާތްތަކާއި، ބޭރުގެ ފަރާތްތަކާ ސަރުކާރާ ގުޅިގެން މަސައްކަތްތައް ހިންގެވުން މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ޢާންމު ފަރާތްތަކާ ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢުތަކަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިޒަމާނުގައި ކާމިޔާބުކަމާއެކު ހިންގަވަމުން ގެންދަވާ މަސައްކަތްތަކެއް ކަމަށާއި، ރާއްޖެ މިކަމުގައި ފަސްޖެހުމަކީ، ބުއްދިވެރި ކަމެއް ނޫން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.