بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ ޞަޙާބީން ޝާމިލު ކުރަމުން.

 

އާދެ، އަޅުގަނޑު ވާހަކަކޮޅު ފަށަމުން، ފައިނުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާލާފައި، ވާހަކަ ކުރިއަށް ގެންދަން ޚިޔާލުކުރަނީ. އަޅުގަނޑުމެން ފައިނަށް މި ބަނދަރު ކުރީކީ އެންމެ ހިތްފަސޭހަ ވަގުތަކު ނޫން. އެހެންނަމަވެސް، ހިތްފަސޭހަ ބަނދަރަކަށް ލެފެވުނީމާ، ރަށުން ލިބޭ އިޚްލާޞްތެރި ޝުޢޫރުތައް އަޅުގަނޑަށް ވަޒަން ކުރެވޭ. ފައިނަށް ނުހަނު ދަތިވެފައި، އެތަކެއް އަހަރުވަންދެން އޮތް މައްސަލައަކަށް ހައްލު އިރާދަކުރެއްވިއްޔާ މިއައީ.

 

އަޅުގަނޑުމެންނަށް ފައިނުން ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި، އަޅުގަނޑާއި އަދި އަޅުގަނޑާއެކީ ދަތުރުކުރެއްވި ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން ތިޔަބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ޝުކުރު ދަންނަވަން. ހަމައެހެންމެ، ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯގައި ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށް ފައިނުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ހަމަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އާދެ، ފައިނުގެ މި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ތިޔަބޭފުޅުންނަށް މި ލިބުނު އުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެންނަށް ދަޢުވަތު ލިބި، މިތަނަށް އައިސް، މި އުފަލުގައި ބައިވެރިވުމަކީ އަޅުގަނޑަށްވެސް ލިބޭ އުފަލެއް. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންނާއި، އަދި ކުންފުނިތަކުގެ އެމް.ޑީން، އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ ޕާޓީގެ އިސް ބޭފުޅުންނާއި، އަޅުގަނޑުމެންގެ ޕާޓީގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން ވަކާލާތު ކުރައްވަމުން ގެންދަވާ މެންބަރުން، ޚާއްޞަކޮށް، މި ދާއިރާގައި އަޅުގަނޑު ދަންނަވަންޖެހެނީ ދާއިރާގެ މެންބަރުގެ ނަން، އިބްރާހީމް ފަލާޙު. އާދެ، އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ އަޅުގަނޑުމެންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ކޮންމެ ޚިދުމަތެއް ރައްޔިތުން ބަލައިގަތުމާއެކީ، އެ ޚިދުމަތަށް ރައްޔިތުން ޝުކުރުވެރިވާ ކޮންމެ ކަމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.

 

އާދެ، އަޅުގަނޑުމެންނަކީ ނިޢުމަތަށް ޝުކުރު އަދާކުރާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ބައެއް. އަޅުގަނޑުމެންނަށް މިކަން ވަރަށް ގިނައިން މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުން ހަނދާންކޮށްދެއްވާނެ. ވަރަށް ހީވާގިކަމާއެކީ، އަވަދިނެތިކަމާއެކީ މި ބަނދަރުގެ މަސައްކަތުގައިވެސް މިނިސްޓަރ މުޢިއްޒު އުޅުއްވައިދެއްވި. ރާއްޖެތެރޭގައި ރަށްރަށަށް އެންމެ ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، ވަރަށް އިސްކަމެއް ދޭންޖެހޭ ކަމެއް އަބަދުވެސް ބަނދަރުގެ ދަތިކަން. ލަފާފުރުމުގެ ދަތިކަން. ދޯނިފަހަރަށް ދޯނި ފަހަރުތައް ބަހައްޓާނެ ތަނެއްގެ ޖާގައިގެ ދަތިކަން.

 

ހަމައެހެންމެ، މިއަދު އަޅުގަނޑުމެން މި އަންނަނީ މަޑުއްވަރިއަށް ކުރި ދަތުރެއް ނިންމާފައި. މަޑުއްވަރިން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީވެސް ހަމަ ރާއްޖޭގެ ރަށްރަށަށް ދިމާވާ ދަތި ކަންތައްތަކެއް ހައްލުވެގެން ދާތަން. ނަރުދަމާއަކީވެސް ހަމަ އެހާމެ ދަތިކަމެއް. ސާފު ބޯފެނަކީވެސް ހަމަ އެހާމެ ބޭނުންތެރި ޚިދުމަތެއް. އަދި ގިރަމުންދާ ގޮނޑުދޮށްތައް ޙިމާޔަތްކުރުމަކީވެސް ހަމައެހާމެ ބޭނުންތެރި ކަމެއް. ﷲގެ ރަޙްމަތުން ފައިނުގައި މިއޮތީ ވަރަށް ހިތްގައިމު ބަނދަރެއް ހަދައިދެވިފައި. އަދި އިރާދަކުރެއްވިއްޔާ، މި ހުރިހާ ދައްޗަކަށް ފައިނުގެ ރައްޔިތުންނަށް އެދިވަޑައިގަންނަވާ ހައްލު މިއައީ. އަދި ދެންމެ މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުން، ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން މި ބަނދަރާ ގުޅިގެން، އެކަންކަން ރައްޔިތުން އެދިވަޑައިގެންނެވި ގޮތުގެ މަތިން ކޮށްދެއްވައި ނިންމެވީ. މި ކޮށްދެއްވުމުގައި ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުންގެ ޝަކުވާތައް، ނޫނީވިއްޔާ އިހުސާސްތައް މުޢިއްޒު ވަރަށް ކައިރިން އަޑު އެއްސެވި. އަދި ހަމައެއާއެކީ، ސަރުކާރުގެ ބަޖެޓުން މިކުރި ހޭދައިގެ އިތުރުން، ރައްޔިތުންނަށް މި ބޭނުންވާ ބަނދަރު މި ބޭނުންވާ މިނަށް ގެނައުމުގައި، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ކޮށްދެއްވި މަސައްކަތް އަދި އެ ދެއްވި ހަދިޔާ ސީ.އެސް.އާރު.ގެ ގޮތުން ފާހަގަކޮށް، އެމް.ޓީ.ސީ.ސީ އަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑުމެން މިއަދު މި ފިޔަވަޅުމަތީގައި ތިބެގެން ކަންކަމާ ދޭތެރޭގައި ވިސްނައިލާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހޭ ކަންތައްތަކެއް ހުންނާނެ. ފުރަތަމަކަމަކީ، އިންސާނެއްގެ ވެއްޖިއްޔާ، އިންސާނުން ދިރިއުޅޭ މުޖްތަމަޢެއްގައި ވެއްޖިއްޔާ، ރައްޔިތެއްގެ ވެއްޖިއްޔާ ބޭނުންތަކެއް ހުންނާނެ. އެއީ ގޭގެ ބަދިގެއިން ފެށިގެން މަތިންދާބޯޓު ދުއްވާ ކެޕްޓަނާ ހަމައިން ހުންނަ ހުރިހާ އިހުސާސްތަކެއް. އެންމެ ތިރިން ފެށިގެން އެންމެ މައްޗަށް، އާދެ، މެދުއުޑުގައި ދަތުރުކުރާއިރުވެސް އަޅުގަނޑުމެން އިންސާނުންގެ ބޭނުންތަކެއް ހުންނާނެ. ފަރުދީ، ޖަމާވީ ޖުމްލަ ބޭނުންތަކެއް ހުންނާނެ. ބޭނުންތަކެއް ހުންނަ ކަމަށްވަންޏާ، އެ ބޭނުންތައް ފުއްދަން އެކި މީހުން ކައިރީ ކިޔަންޖެހޭނެ. އެއީ ރަށަށް ޚިދުމަތްކުރާ، ރަށަށް ލޯބިކުރާ، ރައްޔިތުންގެ ތެރެއިން ދާއިރާގެ މެންބަރު، ދެން ރަށުގެ ކަންކަން ކޮށްދެވޭ ފެންވަރުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން. މިސާލަކަށް، މިރަށަށް އުފަން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް. މިފަދަ ބޭފުޅުންގެ އަރިހުގައި ކަންކަމު ދެންނެވޭނެ. އެއީ، އެ ބޭބޭފުޅުންގެ ތެރެއިން މިކަންކަން ފުދޭތޯ ސަރުކާރުގައި ދަންނަވާއިގެން ސަރުކާރާ ހަމައަށް ވާހަކަ ގެނެސް، މިމަސައްކަތް ކުރުން. އެއާއެކީ ސަރުކާރަށް އޮންނަ ޒިންމާއެއް، ނޫނީ ސަރުކާރުން ކޮށްދޭން ބޭނުންވާ ކަމެއް އޮންނާނެ.

 

އެކަމަކު، މީގައި ގަބޫލުކުރަންޖެހެނީ ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި މި އޮންނަނީ ހަމައެކަނި ފައިނު ކަހަލަ އެންމެ ރަށެއްގެ ކަންތަކެއް ނޫން. ފައިނު މި ވެގެންދިޔައީ ނަސީބު ރަނގަޅު ރަށަކަށް. ފައިނު ނަސީބު ރަނގަޅުވެގެން މިދިޔަގޮތަކީ، ފައިނަކީ މި އަތޮޅުގައިވެސް އަދި އާބާދީގެ ގޮތުން އެންމެ ކުދި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވެފައި، އަޅުގަނޑު ޕްރައިމަރީގައި އަޅުގަނޑުގެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ދަތުރުކުރަމުން އައިއިރު، އަޅުގަނޑު ފައިނަށް ޒިޔާރަތް ކުރިން. އޭރު އަޅުގަނޑު ދުށިން، ފައިނުގެ ބޮޑު އާބާދީވެސް. އަޅުގަނޑަކަށް ފައިނުގެ އާބާދީއެއް ޙަޤީޤަތުގައި ނުއެއްފެނޭ އެއިރަކު. ވަރަށް މަދު މީސްކޮޅެއް. އެހެންނަމަވެސް، ހަމަގައިމުވެސް މިތާހުރި ވެލިފުނިތައް އަޅުގަނޑު ދުށިން. އަދި މިރަށަށް އަރަން ދަތިކަމުން ކުރި މަސައްކަތް އަޅުގަނޑު ހަނދާނުގައި މިއަދުވެސް އެބަހުރި.

 

އެހެންވީމާ، އަޅުގަނޑުގެ ޚިޔާލުގައި އެންމެ ފުރަތަމަ، ﷲގެ ރަޙްމަތާއެކީ ރައްޔިތުންގެ ވޯޓަކުން އަޅުގަނޑަށް ފުރުޞަތު ލިބިއްޖެ ކަމަށްވަންޏާ ކޮށްދޭން އަޅުގަނޑު ހިތުއެޅި ކަންތައްތަކުގެ ތެރޭގައި، ފައިނަކީ ބޮޑު ރަށަކަށްވެފައި، އަމާން ރީތި ބަނދަރެއް ހެދޭނެ ޖާގަ އޮތީމަޔާއެކީ، އަދި އެހާބޮޑެތި ދަތިތައް ސަރުކާރެއްގެ ފަރާތުން ޖެހުނު ވަގުތު، އެ ދަތިތައް ތަޙައްމަލު ކުރައްވަމުން ގެންދެވީމާ، އަޅުގަނޑު ޚިޔާލަށް އައީ، އެންމެ ކުރީކޮޅުގައި ފައިނުގައި ބަނދަރު ހަދަންވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުގެ ޒަޢާމަތުގައި، ހަމަ އެންމެ ކުރީކޮޅުގައި ހެދުނު ބަނދަރުތަކުގެ ތެރޭގައި، ފައިނުގެ މި ބަނދަރު ހެދިގެން މިދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވަގުތު ތަންދޭ މިންވަރުން މި ކުރެވޭ ކަންތައްތައް ނިންމާފައި، އެކަންކަމުގެ ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން، ނޫނީވިއްޔާ ރަސްމިއްޔާތެއްގެ ގޮތުގައި ކުރެވޭ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭ ދަތުރު ތަންކޮޅެއް ލަސްވެގެން މިދަނީ، މަސައްކަތް ހަމަ ހުންނަގޮތުންނާވެސްއެކީ. އެހެންވީމާ، ފައިނުގެ ރައްޔިތުން އެދިވަޑައިގެންނެވި ކަންކަމުގައި އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ބައިވެރިވެވިއްޖެ، ތިޔަބޭފުޅުންގެ އުފަލުގައި. އަޅުގަނޑުމެންވެސް އެ އުފަލުގައި ބައިވެރިވަން.

 

ބަނދަރެއްގެ ވާހަކަ ދައްކަމުންދާއިރު، މި ބަނދަރަކީވެސް ގާތްގަނޑަކަށް ތިރީސް ފަސް މިލިއަނެއްހާ ރުފިޔާގެ ބޮޑު ބަނދަރެއް. ފައިނުގެ ރައްޔިތުންނަށް މި ބަނދަރު ލިބިވަޑައިގަތީމާ ތިޔަބޭފުޅުން ކުރައްވަންޖެހޭ އުފާ، ނޫނީ ކުރައްވާނެ އުފާ އަޅުގަނޑަށް ހަމަ މަޑުއްވަރިން އިވިގެންދިޔަ. މަޑުއްވަރިއަކީ ފައިނުގެ އާބާދީގެ ގާތްގަނޑަކަށް ފަސްގުނަ އާބާދީ އޮތް ރަށެއް. މަޑުއްވަރީގެވެސް ވަރަށްގިނަ ކަންތައްތަކެއް ހަމަޖެހިގެން އެ ދިޔައީ. އެހެންނަމަވެސް، މިއަދުވެސް، އިއްޔެވެސް މަޑުއްވަރީން އަޅުގަނޑުމެންނާ ހަމައަށް މި އަންނަ ވާހަކައަކީ، ތިމަންނަމެންނަށް ބަނދަރުގެ ދަތިކަން އެހާބޮޑޭ. ބަނދަރެއް ދޭށޭ! އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ ކަންކަމު އެދި އަޅުގަނޑުމެން ކަންކަން ބޭނުންވާއިރު، ކަންކަން ފުދިގެންދާ މިންވަރަށް އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭކަން. ސަރުކާރުގެ ޚަރަދުކުރުމުގެ، ނޫނީ ސަރުކާރުގެ މަޝްރޫޢުތައް ތަރުތީބު ކުރެވިގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި، ހުރިހާ ރަށަކަށް ބޭނުންވާ ހުރިހާ ކަމެއް އެއްފަހަރަކާ ފުދިގެނެއް ނުދާނެ.

 

އެހެންނަމަވެސް، 4 އަހަރުގެ ރާސްތާއެއް ނިމި، 5 ވަނަ އަހަރާ ހަމައަށް ދަތުރުކުރާއިރު، މި ފިޔަވަޅުމަތީ ހުރެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އުފާވެރި ޚަބަރުތަކެއްވެސް ހުންނާނެތާއޭ! އެއީ އަޅުގަނޑަކީ އަބަދުވެސް ރައްޔިތުންނަށް އުންމީދު ދޭން ބޭނުންވާ މީހެއް. އަޅުގަނޑު ވާހަކަ ދައްކަމުން ހަމަ އަބަދުވެސް ދަންނަވަން، އެއްގޮތަކަށްވެސް އަޅުގަނޑުމެން މާޔޫސްކަންމަތީ ތިބެގެން ނުވާނެޔޭ. މުސްލިމުންގެ ދުޢާއަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރު. އެހެންވީމާ، ހެޔޮކަންކަމަށް އެދިގެން، އިޚްލާޞްތެރި ދުޢާ ކުރުމަކީ އަޅުގަނޑުމެންނަށް އެކަންކަން ފަހިވެގެން، ފުދިގެންދާނެ ކަންކަން ކަން ކަށަވަރު. އެހެންވީމާ، ރައްޔިތުންނަކީ އެކަހެރިކޮށް ތިބި ބައެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެނެއް ނުވާނެ. އާބާދީ ކުޑަވުމަކީ އޭގެ ޒާތުގައި ބަދުނަސީބު ކަމެއްކަމަކަށްވެސް އަޅުގަނޑުމެން ގަބޫލުކޮށްގެނެއް ނުވާނެ. ޗާޓުން އެކަހެރިވެފައި އޮތުމަކީ އަދި އަމުދުން އަޅުގަނޑުމެންގެ ނިޢުމަތްތަކުން މުޅިން ބަރީއަވެގެން، ބީވެގެންދާ ބައެއްކަމަށް ގަބޫލުކުރުމުގެ ފުރުޞަތެއް މިއަދަކު ނެތް.

 

އެހެންވީމާ، ފައިނުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، މިއަދު މި ބަނދަރު ހުޅުވިގެންދާއިރު، ރަސްމީގޮތުން ހުޅުވިގެންދާއިރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް އަބަދުވެސް މިދިމާވާ މައްސަލައަކީ ބަނދަރުގެ ދަތިކަން. ލަފާފުރުމުގެ ދަތިކަން. ހެދިފައިހުރި ބަނދަރުތައް ކުޑަވެގެން އެ ބަނދަރުތައް ބޮޑެތިކުރަން ޖެހުން. މިއިން އަޅުގަނޑުމެންގެ ޚިޔާލަށް އެއް މެސެޖް، ހިތަށް އެއް މެސެޖް އަންނަކަމަށްވަންޏާ، އެ އަންނަ މެސެޖަކީ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދިޔުން. ކުދި ދޯނިފަހަރު، ބޮޑެތި އާގުބޯޓްފަހަރުގެ ދޯނިފަހަރަށް ބަދަލުވެގެން ދިޔުމަކީ ޝައްކެއްވެސްނެތްގޮތުގައި މުއްސަނދިކަން ރަމްޒުކޮށްދޭ ކަމެއް. ކުދި ދޯނިފަހަރު ބަނދަރު ކުރަން ހިތްގައިމު، ފުދިގެން އިތުރުވާ ބަނދަރަށް މިއަދު ބޮޑެތި ދޯނީގެ ތިން ދޯނިން ނާދެވުން އެއީ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެންދާ ކަމެއް. އަދި އެއާއެކީ އެ ތަނަވަސްކަމާއެކީ ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ފައިތިލަހަމަކޮށްނުލެވޭކަން ދައްކުވައިދޭ ކަމެއް. އެހެންވީމާ، ބަނދަރުތައް ބޮޑުވެގެންދާއިރު، މިއަދު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މި ޖެހެނީ، ރާއްޖެއަށް އަބަދުވެސް އަބަދުވެސް އަޅުގަނޑުމެން ދިރިތިބޭހާ ހިނދަކު، އަޅުގަނޑުމެންގެ ބަނދަރުތަކުގެ މައްސަލަ އޮންނާނެ. ލަފާފުރުމުގެ މައްސަލަ ހައްލުކުރެވޭނެ. އެހެންނަމަވެސް، ބަނދަރުތައް ހަމަ ބޮޑުވަމުންދާނެ.

 

ހަމައެއާއެކީ ދިމާވާނެ އަނެއް ކަމަކަށްވާނީ، ފައިނަކީ ބިންބޮޑު ރަށެއް. އެހެންވީމާ، ފައިނަށް މަޑުއްވަރީގައި ބިން ނެތިގެން އެކުރާ އިހުސާސް ކުރެވޭނެ ކަމެއް އަޅުގަނޑަކަށް ނޭނގެ. ގަބޫލެއް ނުކުރެވޭ، ކުރެވޭނެ ކަމަކަށް. އެހެންނަމަވެސް، ހަމަ މިއަދު މި ފިޔަވަޅުމަތީގައި ހުރެގެން އަޅުގަނޑު އަނެއްކާވެސް ދަންނަވާލަން ބޭނުންވަނީ، ބަނދަރު ހެދުމާއި ބިން ބޮޑުކުރުމާއި، ނޫނީ ރަށުގައި ތަނަވަސްކަމާއެކީ އުޅެވޭނެ ޖާގަ ހޯދައިދިނުން. ޚާއްޞަކޮށް، މިއަދުގެ ޒުވާނުންނަށް އެންމެދަތިވާ އެއްކަމަކަށް މިއޮތީ ހަމަ ދިރިއުޅޭނެ ތަންތަން، ރާއްޖޭގެ އެކި ހިސާބުތަކުގައި ނެތްކަން. ހައުސިންގ ބްލޮކްސް ހެދޭނެ. ހައުސިންގ ޔުނިޓްސް ހެދޭނެ. އެޕާޓްމެންޓް ހެދޭނެ. ފްލެޓް ދެވޭނެ. އެހެންނަމަވެސް، ކޮންމެ ބަޔަކުވެސް އެންމެ ހިތްއެދޭ ގޮތަކަށްވާނީ، އެމީހެއްގެ ވަޒަނުގައި، އެމީހެއްގެ ރަށުގައި ހަމަ ދިރިއުޅެން. އެހެންކަމަށްވަންޏާ، ރާއްޖޭގައި ދިމާވާ ހަމަ ބޮޑު މައްސަލައަކީ، ބޮޑެތި ރަށްރަށްވެސް ފުރިގެންދާއިރު، ރަށްރަށް ބޮޑުކުރުމުގެ މައްސަލަ. އަޅުގަނޑުމެން މިދޭތެރެއިން ރާއްޖެއިން ބޭރު ބޮޑެތި އިންވެސްޓްމެންޓްތައް ގެންނަންވެގެން، އަޅުގަނޑުމެން މަޖިލީހަށް ބިލެއް ފޮނުވައިގެން ބިލެއް ފާސްކުރީމު. އެއީ ޚާއްޞަ އިޤްތިޞާދީ މަސައްކަތްތައް ކުރުމަށްޓަކައި އަޅުގަނޑުމެން ބޮޑެތި ޢިނާޔަތްތަކެއް ކަނޑައަޅާފައި އޮތް ބިލެއް. އެ ބިލުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވި އެއްކަމެއް، ރައްޔިތުންގެ މަޖިލީހުން ވަރަށް ދީލަތިކމާއެކީ އަޅުގަނޑުމެންނަށް ކޮށްދެއްވި. ބޮޑެތި ބިން، ބޮޑެތި އަދަދުގެ ފައިސާ ހިފައިގެން އަންނަ ބޭރުގެ ބޮޑެތި މުއްސަނދިންނާއި އަދި ރާއްޖޭގެ ބޮޑެތި މުއްސަނދިންނަށްވެސް ދިގު މުއްދަތަށް، އާދެ، 99 އަހަރުގެ މުއްދަތަށް ދެވޭނެ ކަމުގެ ވާހަކަ އަޅުގަނޑުމެން އެއޮތީ އެބިލުގައި ފާސްކޮށްފައި. އެކަން ކަށަވަރު ކޮށްދީފައި. މީގެ ނަތީޖާ ރަނގަޅު. އެއީ ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނެ ބޮޑެތި ފަރާތްތައް އެބަހުރޭ.

 

އަޅުގަނޑުގެ ބޭނުމަކީ މިއަދު ހަމަ އުފާވެރިކަމުގެ ޚަބަރުތަކެއް ދެންނެވުން. ބަނދަރާ ގުޅިގެން ދައްކާ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެހެންވީމާ، ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޅުގަނޑު މައުޟޫޢާ ހަމައަށް އަންނާނެ ކަމަށްވެސް އިންތިޒާރު ކޮށްލައްވާތި. މިކަން ކުރަމުން ދިޔައިރު، އަޅުގަނޑުމެންގެ ހަމަ ވަރަށް ތަޖުރިބާކާރު ބޭފުޅުން ހަމަ ދައުލަތާ ދޭތެރޭ، ޤައުމާ ދޭތެރޭ، ރައްޔިތުންނާ ދޭތެރޭ ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން، އެންމެ ކަންބޮޑުވި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ބިން މަދުކަމާއެކީ، ރާއްޖޭގެ ބިން ބޮޑުކުރެވޭނެ ގޮތެއް ނެތިގެން، ރާއްޖޭގެ ބިން ވިއްކާ ވިއްކުމަށް، ނޫނީ ދިގުމުއްދަތަށް ކުއްޔަށްދޭ ދިނުމާ ދޭތެރޭގައި އެބޭފުޅުންގެ އިހުސާސްތައް ރަނގަޅެއް ނޫން. ޝުޢޫރުތައް ރަނގަޅެއް ނޫން. ކަންބޮޑުވުންތައް ބައިވަރު. އެއަށް އަޅުގަނޑުމެންގެ ސަރުކާރުން ޖަވާބު އެރުވިން. އެ އެރުވި ޖަވާބުގެ ތެރޭގައި އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ ޤުދުރަތީ މުއްސަނދިކަމަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ އަޅުގަނޑުމެން ބޭނުންވަނީ އިތުރު މުއްސަނދިކަމާއެކީ، އެ މުއްސަނދިކަން ކުރިއަށް ގެންދެވޭނެ ގޮތެކޭ. އެ މުއްސަނދިކަމަކީ ހަމައެކަނި ފައިސާ ހޯދުމެއް ނޫން. އެ މުއްސަނދިކަމަކީ އަޅުގަނޑުމެންނަށް ލިބިފައި ހުރި ހުރިހާ ވަސީލަތްތަކެއް އިތުރަށް ފުޅާކުރުމުގެ މުއްސަނދިކަން.

 

މި ސަރުކާރުން އެންމެ އިސް އަމާޒެއްގެ ގޮތުގައި މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުމެންގެ ޒުވާނުންނަށް، އެމީހުންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ، ނޫނީވިއްޔާ ކިޔެވުމުގެ ޤާބިލުކަން، ތަޢުލީމުގެ ޤާބިލުކަން އިތުރުކޮށްދިނުން. މީގެ ވާހަކަ ތަފްޞީލަށް ދަންނަވާކަށް އަޅުގަނޑު ނެތިން. އެއީ ހަމަ ދިގު ޖަލްސާއެއްގައި ކުރެވޭވަރުގެ ކަންތައް ކަންނޭނގެ. އެކަމަކު ރާއްޖޭގައި އެންމެ އިސްކަމެއް ދެވޭ އެއްކަމަކީ މިއީ. އިންސާނީ ވަސީލަތް ތަރައްޤީ ކުރެވުނީމަ އޭގެ ފައިދާ މުޅި ދައުލަތް ބިނާކުރުމުގައި، ދައުލަތް ދެމެހެއްޓުމުގައި، ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި، ދައުލަތަށް އިތުރު ތަނަވަސްކަން ގެނެސްދިނުމުގައި، އެ ދައުރާ ދޭތެރޭގައި ސުވާލު އުފައްދާނެ މީހަކު ނުހުންނާނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ބޭރުގެ ފަރާތްތަކުގައި އަޅުގަނޑުމެން މި ސަރުކާރުން މިހާރު ދަންނަވާ ގޮތަށް، ރައްދުދެމުން ދަންނަވާ ގޮތަށް އަޅުގަނޑުމެންގެ ކަންކަން ނިންމުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ޒުވާނުންގެ، އަޅުގަނޑުމެންގެ ރައްޔިތުންގެ އެބަހުއްޓޭ. އެހެންވީމާ، އަޅުގަނޑުމެންގެ ކަންކަން ނިންމުމަށް އަޅުގަނޑުމެންނަށް އެކަން ދޫކޮށްލާށޭ!

 

މިއަދުގެ ބަނދަރާއި، ބޮޑެތި މަޝްރޫޢުތައް ހިންގާއިރު، އަޅުގަނޑުމެން ބޭނުމެއްނުވޭ، މިކަންކަން ކުރާކަށް ބޭރުމީހުން ގެންނާކަށެއް. އެހެންވީމާ، އެ ތަނަވަސްކަމާ ހަމައަށް، ނޫނީ އިންސާނީ ވަސީލަތުގެ ތަނަވަސްކަމާ ހަމައަށް، މި ދެންނެވި ތަޢުލީމީ ބިންގާ ފުޅާކޮށް، އަދި ތަޢުލީމީ ބިންގާއަކީ އޭގެ ޒާތުގައި އަޅުގަނޑުމެންގެ އިޤްތިޞާދަށް ބޭނުންވާ ދުވެލި ހޯދައިދިނުމަށް ބައްޓަންކުރެވޭ ޒުވާނުންތަކެއް، ބައްޓަންކުރެވޭ ރައްޔިތުންތަކެއް ބިނާކޮށްދޭނެ ނިޒާމަކަށް ވެގެންދިޔުން.

 

ދެން އޮތް އަނެއް ވަސީލަތަކީ، ޝައްކެއްވެސްނެތްގޮތުގައި، އާމްދަނީ އިތުރުވުމަކީ ވަސީލަތެއް. ދެން އޮތް އަނެއް ވަސީލަތަކީ، ރާއްޖޭގައި މި ދެންނެވި ގޮތަށް، ބިމުގެ ކަންތައްތައް ހަމަޖެހިގެން ދިޔައިމަ، އެކަމާ ކަންބޮޑުވެގެން ޝުޢޫރުތައް ފާޅުކުރެއްވި ބޭފުޅުންނަށް ސަރުކާރުން އެރުވި ޖަވާބަކީ، ރާއްޖޭގެ ތަނަވަސްކަން ކުޑައެއްނޫނޭ. ބިމުގެ ތަނަވަސްކަން އެއްގޮތަކަށްވެސް ކުޑައެއްނޫނޭ. ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރަން އެނގިފައި، ބިމުގެ ތަނަވަސްކަން ބޮޑުކުރެވޭ ކަމަށްވަންޏާ، އެ ވަސީލަތް އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވޭ ކަމަށްވަންޏާ، ރާއްޖޭގެ ބިމަކީ ކޮޅުންނުލާވަރުގެ ބޮޑު ބިމަކަށް އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެއޭ. އަޅުގަނޑުމެންގެ ޢަޒުމެއް އޮންނަންވާނެ. އަޅުގަނޑުމެންގެ އުންމީދުތަކެއް ހުންނަންވާނެ. އަޅުގަނޑުމެންނަކީ ކޮންމެ ކަމެއް، އޮތްގޮތަށް އޮވެގެން ކުރިއަށްދާކަށް، އެހިސާބުން ނިންމާލައިގެން ފަރުޖެއްސޭ ބަޔަކަށް ވެގެނެއްނުވާނެ. މިތިބީ 21 ވަނަ ޤަރުނުގައި. މިތިބީ ޒުވާނުންގެ އުންމީދުތަކަކާއެކީ، އެ އުންމީދުތައް ފުއްދައިދެވޭތޯ ކަންކަމަށް ކުރިމަތިލައިގެން ތިބި ބައެއް. މިތިބީ ދުނިޔޭގެ އެހެން ޤައުމުތަކާ އެކީގައި އަޅުގަނޑުމެންގެ ބަސްވެސް ވިކޭހިސާބުގައި ފައިހަމަކުރެވޭތޯ މަސައްކަތްކުރާ ބައެއް.

 

އެހެންވީމާ، އަޅުގަނޑުމެންގެ ލީޑަރުންގެ ވިސްނުމާއި، އުންމީދާއި ޢަޒުމު ހުންނަންވާނެ. ރައްޔިތުންގެ ޚިޔާލުތަކާއި އުންމީދުތައް ފުރިހަމަކޮށްދޭ ބަޔަކަށް ވާންވާނީ، އެމީހުންނަށް މަގު ދައްކަން، އެމީހުން ގޮވައިގެން އެމީހުންގެ މަސައްކަތުގައި ކުރިއަށްދާނެ ލީޑަރުންތަކެއް ތިބެގެން. އެހެންވީމާ، ލީޑަރުންނާ ހަމައިން މިހާ މާޔޫސްކަން، ނޫނީވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި މިހާ ގޮތްހުސްވެފައި އޮތްކަން ދައްކައިދޭ ކަމަށްވަންޏާ، މިއީ ވަރަށް މާޔޫސް ރައްޔިތެއް. އެއަކުން އެއީކީ ކުރިއަށް ދިޔުމުގެ ޢަޒުމެއް ނޫން. އެއީ ފަހަތަށް ދެ ފިޔަވަޅު އެޅުމުގެ ރޫޙު. މުޅިން ދިވެހި ދައުލަތުގެ އެސެޓެއްގެ ގޮތުގައި އަޅުގަނޑުމެން މި ގެންނަނީ މާދަމާ. އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ނުވަޔެއް ދިހަޔެއް ޖަހާއިރު ކުޅުދުއްފުށީ ބަނދަރުގައި ބަނދަރުކުރާނެ، އަޅުގަނޑުމެންގެ މަހާޖައްރާފާ. އެމް.ޓީ.ސީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރު މިތާ މިއިންނެވީ. މިއިން އަޅުގަނޑުމެންނަށް އުފާވެރި މެސެޖްތަކެއް އެބަ ގެނެސްދޭ.

 

އަޅުގަނޑުމެންނަށް ދެވަނައަށް އެންމެ ބޮޑަށް ތަރައްޤީކުރަން ބޭނުންވާ ވަސީލަތް އާދެ، ބަނދަރުތައް ހެދުމާއެކީ ބިންބޮޑުކުރުމުގެ ވަސީލަތަށް. މިއަށްވުރެން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެހެންގޮތެއް ނޯންނާނެ. މިހާތަނަށް އަޅުގަނޑުމެން މިއައީ މިގޮތަށް ކުރެވުނު ހުރިހާ ކަމަކަށް ދައުލަތުގެ ބަޖެޓުން، ނޫނީވިއްޔާ ބޭރުން ލޯނު ނަގައިގެން، ފައިސާ ހޯދައިގެން އެކަން ކުރަމުން. އިރާދަކުރެއްވިއްޔާ، މި ވަސީލަތް ހަމަޖެހިގެން މިދަނީ، ގާތްގަނޑަކަށް ތިރީސްފަސް މިލިއަން އެމެރިކާ ޑޮލަރު. މިއީ ހަމަ މުޅިން ސަރުކާރުން އަމިއްލައަށް އަޅުގަނޑުމެން ކުރާ ކަމެއްގެ ގޮތުގައި މިއޮތީ. މިއީ ބޮޑު ޑްރެޖަރެއް. މި ޑްރެޖަރު އައިމާ އަޅުގަނޑު ހިތަށް އަރަނީ މިރަށުގެ ބަނދަރު ހެދުމަށް މި ޑްރެޖަރަށް ފުރުޞަތު ލިބުނުނަމަ، މި ބަނދަރު ހެދި ދުވަހާއި، އެ ޑްރެޖަރުން އެކަން ކޮށްލާނެ ދުވަހާ ދޭތެރޭގައި ހަމަ އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭކަންނޭނގެ.

 

އަޅުގަނޑުމެންގެ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ހުޅުމާލޭގެ މަޝްރޫޢު އޮތްއިރު، އަޅުގަނޑުމެންނަށް އެކަންކަން ކޮށްލުމަށް މި ޖައްރާފާ، ނޫނީވިއްޔާ މި ޑްރެޖަރު އޮތްނަމަ ހާދަބޮޑު ތަނެއް ސަރުކާރުގެ ބަޖެޓުން ލުއިވެގެން ދިޔައީހޭ. އެފައިސާއަކީ އަޅުގަނޑުމެންގެ އެހެން އުންމީދުތައް ފުރިހަމަކޮށްދޭން ހުރި ފައިސާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ 2018އާ އެކީ އަޅުގަނޑުމެން މި ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ، މި ނާއުއްމީދު ވެފައި އޮތް، މި ދާއިރާގައި ބަނދަރު ހެދުމުގެ އިތުރު މަޝްރޫޢުތަކެއް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެކަން އަޅުގަނޑުމެންނަށް ކަށަވަރު އެބަވޭ. އެހެންވީމާ، ރާއްޖޭގައި ދަތިވެފައި މިއޮތް ބަނދަރުގެ ދަތިކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާޒީކުރާނެ، ޞަފްޙާއެއްގެ ގޮތުގައި މާޒީކުރާނެ މައުޟޫޢެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދުވެސް އެބަ ޚިޔާލަށް ގެންނަންޖެހޭ.

 

ދެންއޮތީ ރަށްރަށް ފުރި ބާރުވާ ވާހަކަ. ޤުދުރަތީ ގޮތުން އެތާ ޖާގައޮތް ކަމަށްވަންޏާ، ރަށްރަށް ފުރި ބާރުވުމަކީ، އޭގެ ޒާތުގައި އަޅުގަނޑުމެން އެކަމަށް ހައްލު ހޯދާނެ ކަންކަން. އެހެންވެގެން އަޅުގަނޑުމެން ދެންނެވީ، އޭރުވެސް ބިމުގެ މުއްސަނދިކަން ކުޑަވެގެން އަޅުގަނޑުމެން އެކަމާ ކަންބޮޑުވެގެން އުޅޭ އެއްޗެއް ނޫނޭ. ބިމުގެ މުއްސަނދިކަން، ނޫނީވިއްޔާ ބިން ބޮޑުކުރެވޭނެ ގޮތްގޮތް އަޅުގަނޑުމެންނަށް ހޯދެންވާނެ. ތެދެއްމެ، 4 އަހަރު ނަގައިފި. އެކަމަކު މިއީކީއެއް އަޅުގަނޑުމެންނަކަށް ޗުއިންގަމް ޕެކެޓެއް ގަންނަހެނެއް، ފިހާރައަކަށް ވަދެ ޝެލްފުން ގަނެވޭ އެއްޗެއް ނޫން. އަޅުގަނޑުމެން މިއަށް ބަހައްޓާ ފައިސާ ބަހައްޓާފައި، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގައިފި މި ބަންނަންވެސް.

 

އެހެންވީމާ، އަޅުގަނޑުމެންގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ، މާދަމާ ކުޅުދުއްފުށްޓަށް މިވަންނަ ޑްރެޖަރަކީ އަޅުގަނޑުމެންގެ މި ދެންނެވި އުންމީދުތައް އަޅުގަނޑުމެންނަށް ހާސިލުކޮށްދޭނެ ޑްރެޖަރެއް. ބިން ބޮޑުކުރެވޭނެ. ބިން ބޮޑުކުރާނެ އިރާދަކުރެއްވިއްޔާ. އެކަމަކު އެކަން ކުރެވޭނީ އަޅުގަނޑުމެންނާއެކީ ދިވެހި ރައްޔިތުން މިކަމުގައި ޝާމިލުވެ ތިއްބެވިއްޔާ. އަނެއްކާވެސް އަޅުގަނޑުމެންނަށް އަންނާނެ ސުވާލަކަށްވާނެ، މި ޑްރެޖަރު ގެނައުން މިއީ ތަރައްޤީހެއްޔޭ.؟ ހަމަގައިމުވެސް އެ ޑްރެޖަރު ބޭނުންކޮށްގެން ބިން ބޮޑު ކުރެވިއްޖެ ކަމަށްވަންޏާ، އެ ބިމުގެ ފަސޭހަކަން ލިބޭ ބަޔަކު ދެކޭނީ އެއީ ތަރައްޤީ ކަމަށް. ނޫނީވިއްޔާ އެމީހުންގެ އިހުސާސްތަކަކަށް އެދެވޭ ޖަވާބެއް ސަރުކާރުން ދީފިކަން. ނޫނީ، އެ ޑްރެޖަރުގެ ވަސީލަތް ބޭނުންކޮށްގެން އެކަން ފުދިއްޖެކަން އެ ބަޔަކު ގަބޫލުކުރާނެ.

 

ހަމަގައިމުވެސް ފައިނުފަދަ ބަނދަރު ދަތިވެފައި ހުރި ތަންތަނަށް އެ ޑްރެޖަރުގެ އެހީގައި ދެތިން ދުވަހެއްގެ ތެރޭގައި، ނޫނީވިއްޔާ ދިގުވެގެން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިވަރުގެ ބަނދަރެއް ހަދައިދެވޭ ކަމަށްވަންޏާ ބުނާނެ، އެހާރާއި މިހާރާ ތަފާތުތަކެއް އަތުވެއްޖެއޭ. ބަދަލުތަކެއް ފެނިއްޖެއޭ. އެއީ ދޮގެއްތޯ، ކުރިއަށް ދިޔުމުގެ ރޫޙަކީ. އެ ވިސްނުން، އެ ވިންދު އަޅުގަނޑުމެން ގައިގައި ބާރަށް ޖަހަންވާނެ. އެ ވިންދު އަޅުގަނޑުމެން ގައިގައި ބާރަށް ޖަހާކަމަށްވަންޏާ، ކައްޕިއަށްވެސް މި ދޯންޏަށްވެސް އަޅުގަނޑުމެން ބޭނުންވޭ މިރަށުންވެސް ފަޅުވެރިން ދޮގެއްތޯ؟ ކައްޕިއަށްވެސް ފަޅުވެރިންގެ ހިތްވަރު ހުރެއްޖިއްޔާ، ފަޅުވެރިންނާއެކީ އަޅުގަނޑުމެންގެ ބިޔަބޮޑު އިންޑިޔާ ކަނޑުގައި ދަތުރުކުރެވޭނެ. ރާޅުބޮޑު ކަނޑެއް އިންޑިޔާ ކަނޑަކީ. ރާޅުބޮޑު ކަނޑެއް. އަޅުގަނޑުމެންނަކީ ހަމަ އެކަނޑުގެ ތެރޭގައި ބަހައިލެވިފައި ހުރި، މުތްތަކެއް ކަހަލަ އަގުބޮޑު ޖަޒީރާ ޤައުމެއް. އެހެންވީމާ، މި ޖަޒީރާ ޤައުމު ހެޔޮގޮތުގައި ބޭނުންކުރަން އަޅުގަނޑުމެންނަށް ދަސްވާންވާނެ.

 

އަޅުގަނޑުމެންނަށް ނަގާ ރާޅަކީ ދުނިޔޭގެ ހިނގާ ހުރިހާ ބޮޑެތި މައްސަލަތަކުގެ ރާޅު، އެ ގޮނޑުދޮށްތަކަށް އަންނަ ދިވެހި ޖަޒީރާއެއް. އެއީ ހަމައެކަނި ސިޔާސީ ކަންކަމެއް ނޫން. ބައިނަލްއަޤްވާމީ ކަންކަމުގައި ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނާ ތޮޅޭ ތޮޅުމާއި، ބެހޭ ބެހުން އޭގެ ތެރޭގައި ހިމެނޭ. މަސްތުވާ ތަކެއްޗާއި އަދި މިނޫންވެސް އަޅުގަނޑުމެންގެ އިސްލާމީ ޘަޤާފަތުގެ އިސްލާމީ ވެށްޓަކަށް ކަމުނުދާ އެތައް ކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރެއަށް ފޯރުވަމުން މިދަނީ، މި ދެންނެވި ކަހަލަ ބޮޑެތި ބިޔަ ރާޅުތަކުގެ ތެރެއިން. އެކަމަކު މިކަންކަން ހައްލުކުރުމުގެ ޤާބިލުކަން، ކެރުން އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާނެ.

 

އެކަން ކުރާއިރު އެކަންކަން ހައްލު ކުރެވޭނީ ހަމަ ސިޔާސީ އެހެން ލީޑަރުންނަށްވެސް އެންމެ އިސްކަމަކީ، މުޅި ރައްޔިތުންގެ މަޞްލަޙަތާއި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީކަމަށް ގަބޫލު ކުރެއްވިގެން. އެކަން އެބޭފުޅުން ގަބޫލުކުރައްވަން ބޭނުންފުޅު ކަމަށްވަންޏާ، ރައްޔިތުންނަށް ޚިދުމަތްކުރަން އެބޭފުޅުން ބޭނުންފުޅުކަމަށްވަންޏާ، އެންމެ ފުރަތަމަ، ވަޑައިގަންނަވަން އެބަޖެހޭ، ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގަންނަވަން. ކުޅި ބައްލަވަން ތިބެގެން އެއްގޮތަކަށްވެސް ކަމަކުނުދާނެ. އެ ބޭފުޅުން ވަޑައިގަންނަވަން ބޭނުންފުޅުވިނަމަ، މިއަދުގެ މި ދަރުބާރަށްވެސް އެހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ދަޢުވަތު އެރުވީމުސް. އޭރަށް ހަމަގައިމު މިތާ ހެދިފައި އޮތް ބަނދަރު ފެންނާނެ. މާލޭގައި ތިއްބަވާއިރު ފަހަރެއްގައި މި ބަނދަރުތައް ނުހެދޭތީ ތަރައްޤީ ނާންނަކަމަށް ޚިޔާލުފުޅު އައި ނަމަވެސް، މިއީ ހަމަ އަޅުގަނޑުގެ ހުޅުވާލެވިފައި އޮތް ދަޢުވަތެއް. އަޅުގަނޑުމެން މިހެން ދާ ރަށްރަށަށް ދަތިވެފައި ހުރި ކޮންމެ ކަމެއް ކޮށްދޭން ދާ ދަތުރުތަކުގައި އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގަންނަވާ! ބައިވެރިވެވަޑައިގެންފައި، ތަރައްޤީގެ ވާހަކަ ދައްކާ މޭޒުގައި އަޅުގަނޑުމެންނާއެކީ ވާހަކަފުޅު ދައްކަވާ! އަދި ކަންކަން މިއަށްވުރެ ޚަރަދު ކުޑަކޮށް ކުރެވޭނެގޮތް، ނޫނީވިއްޔާ ބްރިޖްވެސް މިހާރު އަޅާފައި އޮތް ވަރަށްވުރެން އަގުހެޔޮކޮށް ކުރެވޭނެކަން އަޅުގަނޑުމެންނަށް ކިޔައިދެއްވާ! އަޅުގަނޑުމެން އުފަލާއެކީ ބަލައިގަންނަން. އެއީ ރައްޔިތުންގެ ފައިސާ. ދައުލަތުގެ ފައިސާ. ދައުލަތަށް ލިބޭ އެހީ. އެހެންވީމާ، އެކަންކަން އަޅުގަނޑުވެސް ބޭނުންވަނީ ވީއެންމެ ރަނގަޅަކަށް ކުރަން. އެކަމަކު އެއިން ކަމެއްގެ ވިސްނުމެއްނެތި، އަދި އަމުދުން އެއިން ކަމަކަށް ޚިޔާލެއް ދިނުމެއްނެތި، މިކަންކަމަށް ފާޑު ވިދާޅުވުމަކީ، އޭގެ ޒާތުގައި އެބޭފުޅުން އަމިއްލަފުޅަށް ހަވާސާވެ ވަޑައިގަންނަވަނީ އެކަމަށް. އެބޭފުޅުން އެ އިޢުތިރާފުވަނީ.

 

ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަކީ ރައްޔިތުންނާއެކީ ތިއްބަވައިގެން ޚިދުމަތް ކުރެއްވުން. ކީއްކުރަންތޯ އަޅުގަނޑުމެން އަމިއްލައަށް އަރުވައިލެވިގެން ރާއްޖެއިން ބޭރުގައި އުޅެންވީ؟ ހަމަގައިމުވެސް އެތަންތަނަކުން ވޯޓު ލިބިގެން ދިވެހިރާއްޖޭގެ ރައީސްކަމަކަށް ނާދެވޭނެ، ދޮގެއްތޯ! ރާއްޖެއަށް ވަޑައިގެން، ރާއްޖެއަށް ޚިދުމަތް ކުރައްވައިގެން އަދި އެބޭފުޅުންގެ ހުރި ހަކަތަ ދައްކުވައިގެން ރާއްޖޭގެ ވެރިކަމާ ހަމައަށް ވަޑައިގެންނެވޭނީ. އެހެންވީމާ، ޚިދުމަތް ކުރާކަމަށްވަންޏާ ފަސްގަނޑަށް ވަޑައިގަންނަވާ. ވަޑައިގެންފައި މި ޚިދުމަތްތައް ކުރެއްވޭނެ ގޮތްތަކެއް އެބޭފުޅުން ވިދާޅުވެދެއްވާ! އަދި މީގެކުރީގައި އަޅުގަނޑުމެންނާއެކީ ޚިދުމަތްތެރިކޮށް ތިއްބެވި ބޭފުޅުންވެސް، ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށްވަންޏާ، މިކަހަލަ ކަންކަން އެބަޖެހޭ އެޕްރިޝިއޭޓް ކުރަން. ގަބޫލުކުރައްވަން އެބަޖެހޭ. މިއަދު އަޅުގަނޑުމެންނާއެކީ އަޅުގަނޑުމެންނަށް ޚިދުމަތް ކުރުމަށް މި ގެނެވޭ ޖައްރާފާއަކީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންގެ ހިތްވަރު ހުރެއްޖެ ކަމަށްވަންޏާ، ރާއްޖޭގެ ބިމުގެ މުއްސަނދިކަން އިތުރުވެގެންދާނެކަމާ ދޭތެރޭގައި ހަމަ އެއްވެސް މީހަކު ޝައްކުކޮށްގެން ނުވާނެ. އަނެއްކާ އެކަން ކުރުމުގައި، ބިން ބޮޑުކޮށްގެން ބިމުގެ މުއްސަނދިކަމަށްވުރެން ބޮޑު ހޭދައެއް ދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެ ބިން ރައްކާތެރި ކުރުމަށްޓަކައި މި ރިވެޓްމަންޓް، ނޫނީވިއްޔާ ޝޯރ ޕްރޮޓެކްޝަނަށް މި ޖަހާ ހިލަޖެހުމުގެ އަގު ބޮޑުވެގެންދާނެ. ދެން، ދިވެހިރާއްޖެއަކު ޝައްކެއްވެސްނެތްގޮތުގައި ފަރުބަދައެއް ނުހުންނާނެ. އެހެންވީމާ ދެން އެކަމެއް ނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެން މިހުރިހާ ތަނަކު ހިލަޖަހަމުން ދޮގެއްތޯ މިދަނީ.

 

ދުނިޔޭގެ އެއް ޖަޒީރާ ޤައުމަކަށް ބަލަންޏާ، ނޫނީ އެއް ޤައުމަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެ ވަރުގެ ބޮޑު ފަޅު ހިމާޔަތް ކުރުމުގެ، ނޫނީ ފަރު ހިމާޔަތް ކުރުމުގެ، ތޮށިލުމުގެ ބޮޑު މަޝްރޫޢެއް ނޯންނާނެ. މިނިސްޓަރ ޠާރިޤު ހަމަ ދޭތެރެދޭތެރެއިން ވިދާޅުވާނެ، މިހާރުވެސް މުޅި ދިވެހިރާއްޖޭގެ ހުރިހާ ތަނެއްގައި ޖެހިފައި ހުރި ތޮށީގެ ދިގުމިނަށް ބަލާކަމަށްވަންޏާ، މިއީ ގާތްގަނަޑަކަށް 28 ކިލޯމީޓަރޭ. 28 ކިލޯމީޓަރު. މިރަށުގައި ތިބި ރައްޔިތުންގެ އަދަދަށް ބަލާކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ރައްޔިތުން ހަމަ ސަފަކަށް މިހެން އަތުރާލައިފިއްޔާ، ކޮންމެ މީހަކަށް ބަނދަރުން ލިބޭނެކަންނޭނގެ 3 ފޫޓް. އެހާކަންހާވަރުތޯ ލިބެނީ! އެހެންވީމާ، ކީއްވެގެންތޯ ކުރިއަށްދާން އަޅުގަނޑުމެންގެ ޢަޒުމެއް ނުހުންނަންވީ؟ ކީއްވެގެންތޯ އަޅުގަނޑުމެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރަންވީ؟ މިއަންނަ މުއްސަނދިކަމަކީ، މި ދެންނެވި ގޮތަށް ހަމަ މި އަންނަ މުއްސަނދިކަމަކީ ބިން ބޮޑުކުރުމާއި، މިކަހަލަ ބަނދަރުތައް އިތުރަށް ހެދުމާއި، ދެންވެސް ހުރި އެހެން ކަންތައްތައް ފުދިގެންދިޔުން ދޮގެއްތޯ؟

 

އާބާދީ ކުދި ރަށްރަށުގައިވެސް ހަމަ މީހުން ބޭނުންވާނީ ވަޒީފާ ލިބޭނެ ފުރުޞަތުތަކެއް ހަމަޖެހިގެން ދިޔުން. މި ބަނދަރާއި މި ބަނދަރުގެ ފަސޭހަކަމާއެކީ ވަޒީފާގެ ތަނަވަސްކަން އުފެދުމަށް، ދެން އިންތިޒާރު ކުރައްވަންޖެހޭނީ. ދެން އެއީކަންނޭނގެ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ދެން ކުރަން ހުރި ކަންތައްތަކަކީ. އެހެންނަމަވެސް، މި ތަރައްޤީތައް މިހިސާބަށް އައިމާ ޚާއްޞަކޮށް ރ. އަތޮޅަށް ވިސްނާލައިފި ކަމަށްވަންޏާ، ޓޫރިޒަމްގެ އެންމެ މުހިންމު ދާއިރާއަކަށް މިހާރު ރ. އަތޮޅު ބަދަލުވެގެން އެ ދިޔައީ. އެހެންވީމާ، ރ. އަތޮޅުގައި ވަޒީފާގެ ފުރުޞަތު ނެތްކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލުކުރެވޭކަށް ނެތް. ރ. އަތޮޅުގައި ވަޒީފާގެ ފުރުޞަތު އެބައޮތް. ވަޒީފާ އަދާކުރަން ކެރުން އަޅުގަނޑުމެންގެ ކަމަކީ. ވަޒީފާ އަދާކުރެވޭނެ ގޮތްތައް އެބަހުރި. އަދިވެސް ރ. އަތޮޅުގައި އިތުރު ރިޒޯޓްތައް ކުރިއަށްދާނެ ދޮގެއްތޯ؟ ޤުދުރަތީގޮތުންވެސް އެހެން ބައެއް އަތޮޅުތައް އެބަހުރި، ރ. އަތޮޅާ މި ދެންނެވި ގޮތަށް ވާދަކުރަން ދަތިވާ އަތޮޅުތައް. އެއީ ރ. އަތޮޅުގައި މިހުރި ރަށްރަށް ހުރި ގޮތަކަށެއް، ރަށްރަށް ހުރިހާ އަތޮޅަކު ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ އުފެދުމުގައިވެސް މިހުރީ އެކި ހިސާބަށް އެކި ކަހަލަ ވަސީލަތް ބެހިގެން ގޮސްފައި. އެހެންވީމާ، މީގެ ފުރިހަމަ ބޭނުންކުރަން އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. އަދި މީގެ ފުރިހަމަ ބޭނުންކުރުމަކީ، އެ ވަގުތުގެ ތެރޭގައި، މުހިންމު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކޮށްފި ކަމަށްވަންޏާ، އޭގެ ނަފާ އެންމެބޮޑަށް ރައްޔިތުންނަށް ލިބިގެންދާނެ. އެހެންވެގެން ސަރުކާރުން ލޯނު ނަގައިގެންވެސް، ސަރުކާރުން ފައިސާ އެހެން ގޮތްގޮތަށް ހޯދައިގެން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދޭން މި މަސައްކަތް ކުރަނީ.

 

އެހެންވީމާ، މިއަދަކު އަޅުގަނޑުގެ ސަރުކާރާ ދިމާއަށް، އަޅުގަނޑުމެންގެ ސަރުކާރާ ދިމާއަށް މުޅި ރާއްޖެ ދަރަނިވެރިވި ވާހަކަ ދެއްކުމުގެ ޙައްޤެއް، ހަމަ އެއްވެސް ކުރީގެ ލީޑަރަކަށް ޖާގައެއް ނެތް. އެއީ ދައުރުތަކެއް ބަދަލުވަމުން ގޮސްފައި އަޅުގަނޑުމެންގެ ސަރުކާރާ ހަމައަށް މިކަން ވާސިލުވެގެން އައިއިރު، ވެރިކަން ވާސިލުވެގެން އައިއިރު، އަޅުގަނޑުމެން ފެށީ ތިރީސް ހަތަރުހާސް، ނޫނީ ތިރީސް ފަސްހާސް މިލިއަނުގެ ބޮޑު ދަރަންޏަކާއެކީ. އެ ދަރަނި އަދާކުރުމާއެކީ އަޅުގަނޑުމެން ލޯނު ނަގައިގެން ދަރަންޏަށް ފައިސާ ހޯދައިގެން މިކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި މަސައްކަތްތަކެއް، އެތައް އަހަރެއްވެގެން ދިޔައިރުވެސް ނުފުދިހުރި ކަންތައްތަކެއް، ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެވޭތޯ ކުރާ މަސައްކަތް. އެއީ ރައްޔިތުން އެދޭގޮތް. އެއީ ރައްޔިތުން ބޭނުންވާގޮތް.

 

އެހެންވީމާ، މިސަރުކާރު 2018 އިން ފެށިގެން ކުރިއަށް އޮންނަ ކަމަށްވަންޏާ، އެހެން ބަޔަކު ވިސްނާކަށް ނުޖެހޭނެ، މި ދަރަނި އަދާކުރެވޭތޯ. އެ ދަރަންޏަކީ ދެން އަޅުގަނޑުމެން ވަކިވެގެންދާއިރު، އެހެން ބަޔަކަށް ތަކުލީފު އުފުލަންޖެހޭކަހަލަ ދަރަންޏެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ނޯންނާނެ. އެހެންވީމާ، އަޅުގަނޑަށް ލިބޭނެ އެންމެ ވަރުގަދަ ހިތްވަރަކަށް ވެގެންދާނީ، މިހެން ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ދައްކަވައިދެއްވުން. ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ދައްކުވައިދެއްވުމަކީ، މިއަދު އަޅުގަނޑަށް އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ޓީމަށް ތިޔަ މަރުޙަބާ ވިދާޅުވި އިޚްލާޞްތެރި ޝުޢޫރާއެކީ، 2018އާ ހަމައަށް އަޅުގަނޑުމެން ދާއިރުވެސް ހަމަ ތިޔަބޭފުޅުންގެ ހިތްޕުޅުގެ އިޚްލާޞްތެރިކަން އެކަމުގައި ދައްކަވާ! އޭރުން އިރާދަކުރެއްވިއްޔާ، މި ތަރައްޤީގެ މަޝްރޫޢުތައް ދިވެހިރާއްޖެއަށް މި ފާގަތިކަމާއެކީ މިއަންނަ ސްޕީޑްގައި، ނޫނީވިއްޔާ އެއަށްވުރެ އިތުރު ސްޕީޑްގައި ކުރިއަށްދާނެ.

 

ރާއްޖޭގައި ހުރި ބޭނުންތައް މަދެއްނޫން. ރާއްޖޭގައި ހުރި ބޭނުންތައް ހަމަ އިތުރުވަމުން މިދަނީ. އެއީ އަޅުގަނޑުމެންނަށް އެއްކަމެއްވީމާ، އެއަށްވުރެން ބޮޑު އެހެންކަމެއް އަބަދުވެސް ބޭނުންވާނެ. އިންސާނީ ޠަބީޢަތް އެއީ. އެހެންވީމާ، އެއީކީ އެއްވެސް ސަރުކާރަކުން ކުށްވެރި ކުރެވޭނެ ކަމެއްވެސް ނޫން. އެހެންވީމާ، އެކަންކަން ކުރުމުގައި އެބަޖެހޭ ސަރުކާރާއި މި މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވާން. އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނީ، މި ދެންނެވި ކަހަލަ ގޮތަކަށް އިންތިޚާބުތަކުގައި އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރާނެ މީހުންތަކެއް ދެއްކުން. އެއީ ރިޔާސީ އިންތިޚާބުން ފެށިގެން، ކައުންސިލް އިންތިޚާބުން ފެށިގެން، ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ހަމައަށް. މި ހުރިހާ އިންތިޚާބެއް ހިމެނޭގޮތަށް މިކަން ފެންނަންޖެހޭނެ. އެއިން އަސްލުގައި ރައްޔިތުންނަށް އެކިއެކި ފަރާތްފަރާތުން ކޮށްފައި ހުރި ޚިދުމަތުގެ އަގު އެނގޭނެ. އެއްވެސް ލީޑަރެއް، އޭނާގެ ޚިދުމަތް މިނާފައި މާކްސްދޭ ކަމަށްވަންޏާ، ޚިދުމަތް މިނަންޖެހޭނީ އުފައްދާފައި ހުރި ބަނދަރުތަކުން. އަޅާފައި ހުރި ފްލެޓްތަކުން. ތަޢުލީމީ ނިޒާމަށް އައިސްފައި ހުރި ކުރިއެރުމުން. ނޫނީވިއްޔާ ދެންވެސް މިނޫންގޮތަށް އެކިއެކި ޢުމްރާނީ ދާއިރާތަކުން ހޯދާފައި ހުރި ކުރިއެރުންތަކާއި، އިންސާނީ ތަރައްޤީ، އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ކޮށްފައި ހުރި މަސައްކަތުންދޭ ނަތީޖާ. ޕޯޑިއަމްގެ ފަހަތުގައި މޮޅަށް ވާހަކަ ދެއްކުމަކީ އެއްވެސްގޮތަކަށް، މިކަންކަން މިންކުރަން، ނޫނީވިއްޔާ މިކަންކަން އެއްވެސް ގޮތަކަށް ކިރާލާކަށް އޮތް ޖާގައެއް ނޫން. ނަތީޖާ ފެންނަންޖެހޭނީ ކޮށްފައި ހުރި މަސައްކަތުން. އެހެންވީމާ، އެ މަސައްކަތް ކުރެއްވޭނީ ކުރީގައި ތިއްބެވި ބޭފުޅުންވެސް ކުރައްވާފައި ހުރި މަސައްކަތާއި، މިހާރު ކުރެވެމުންދާ މަސައްކަތާ އަޅައިކިޔައިލެވިގެން. ރައްޔިތުންގެ އުންމީދުތައް ކިހާވަރަކަށްތޯ ފުރިހަމަވެގެންދަނީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން.

 

އަދި ހަމަ އެހެންމެ، ޚިދުމަތް ކުރައްވަން ހުރިހާ ބޭފުޅުންވެސް ރާއްޖެއަށް ވަޑައިގެން، އެބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ، އެބޭފުޅުންގެ ތަޞައްވުރު ރާއްޖެ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދާނެގޮތް. އެ ހިސާބުން އަޅުގަނޑުމެން ދިވެހި ރައްޔިތުން ވޯޓުލާއިރު، ކަންކަން ނިންމުމުގައި އޮމާންކަމާއެކީ ކަންކަން ނިންމޭނީ. އެހެންވީމާ، މިހާރު މިދާގޮތަށް އޮވެގެންގޮސް، ހުރިހާ ކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ފަތިފުށް ކިޔައި، މިކަންކަން ކޮށްގެން އަޅުގަނޑުމެންނަކަށް އެއަކުން ވާނެ ފައިދާއެއް ނޯންނާނެ. ދުނިޔޭގެ އެތަންމިތަނުން އަޅުގަނޑުމެންގެ އެހީތެރިކަމަށް އެބަ އެދެން. އެއީ އިންސާނީ ވަސީލަތް ތަރައްޤީކުރަންވިޔަސް، ލޯނު ހޯދަންވިޔަސް، އަދި އެނޫން ކަންކަމަށްވިޔަސް. އެހެންވީމާ، ޓަކިޖަހަންޖެހޭ ހުރިހާ ދޮރުތައް ބަންދުވާވަރަށް ރާއްޖެ ބަދުނާމު ކުރީމާ، އާޚިރުގައި އޭގެ ގެއްލުން ލިބެނީކީ ވެރިކަންކުރާ މީހުނަކަށް ނޫން. އާޚިރުގައި ގެއްލުން އެ ލިބެނީ، ދިވެހި ރައްޔިތުންނަށް. އެހެންވީމާ، އެކަންކަން އެބަޖެހޭ ހުރިހާ ރައްޔިތުންވެސް ވިސްނައިވަޑައިގަންނަވަން.

 

ފައިނުގެ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން. ތިޔަބޭފުޅުންނަށް މިއީ އުފާވެރި ދުވަހެއް. މިއުފަލުގައި އަޅުގަނޑަށް ބައިވެރިވެވުނީތީ ﷲ އަށް ޙަމްދު ކުރަމުން، ތިޔަބޭފުޅުންނަށްވެސް ހަމަ ޝުކުރު ދަންނަވަން. މަރުޙަބާ ދަންނަވަން. އަދި އެއާއެކީ މި އިޚްލާޞްތެރި ޝުޢޫރު، ތިޔަބޭފުޅުންގެ އިޚްލާޞްތެރި ޝުޢޫރު، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްކެވުމަކީ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ނިހާޔަތަށް އެދޭ ކަމެއް ކަމުގައި ދަންނަވަމުން، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه.