بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ ޞަޙާބީން ޝާމިލު ކުރަމުން.

 

މަޑުއްވަރީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

 

އަޅުގަނޑުމެން މިއަދު މި ރަށަށް މި ބަނދަރުކުރީ އަރައިގެން އައި އިރާއެކީ. އަނދިރި ވަގުތުތަކަކަށްފަހު، އިރު އަރައިގެން އަންނަނީ އުފާވެރި ޚަބަރުތަކަކާއެކީކަން އެއްވެސް އިންސާނަކު ޝައްކެއްނުކުރާނެ. އިރާއެކީ ކަށަވަރުކޮށްދޭ ވަރަށްގިނަ ކަންތައްތަކެއް ހުރޭ. ގަސްގަހާގެހި، ދިރުންހުރި ހުރިހާ އެއްޗިއްސަކަށް އުފާވެރި ޚަބަރު ގެނެސްދެނީ އިރުގެ އަލިކަމުން. އަޅުގަނޑުމެންގެ ދިރުން މިވަނީ އިރުގެ ހަކަތައާ ގުޅިފައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، ﷲގެ ނިޢުމަތް. އެކަމަކު މި ނިޢުމަތަށް ފުރަގަސްދޭ، ޝުކުރުކުރަން ނުދަންނަ ކިތައް އިންސާނުން ދުނިޔެމަތީގައިވޭތޯ؟ އެކި ޒަމާންތަކުގައި ކިތައް އިންސާނުން ދުނިޔޭގައި މިހުރިހާ ނިޢުމަތެއް ލިބިދާއިރުވެސް، ޝުކުރުކުރަން ނުދަންނަ އިންސާނުން މަދެއްނޫން. މިއަދުގެ ހުރިހާ ޢިލްމަކާއި، ތަހުޒީބަކާއި ތަޢުލީމަކާއެކީވެސް އަދިވެސް މިކަންއޮތީ ހަމަ މިގޮތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، އަޅުގަނޑުމެން އިންސާނުން ކަންކަމާ ދޭތެރޭގައި ވިސްނުން މި ބަހައްޓަނީ ކިހިނެއްތޯ.

 

މަޑުއްވަރީން ތިޔަ ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއް. ވަރަށް އިޚްލާޞްތެރިކަމާއެކީ މަޑުއްވަރީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ޝުކުރު ދަންނަވަން. އެއާއެކީ ހަމަ އިރުގެ ދޯދިތަކުން އެ ގެނެސްދޭ އުންމީދީ މެސެޖްތައް ފަދައިން، އަޅުގަނޑުމެންނާ ފުރަތަމަ ބައްދަލުކުރީވެސް ޒުވާން ކުދިން، ތުއްތުކުދިން، މަދަރުސާ ކުދިން. އައިޓަމްތައް ހުށަހަޅައިދިނީވެސް އުންމީދުން ފުރިގެންވާ މިކަހަލަ ޒުވާން ސިކުނޑިތައް، ޒުވާން ކުދިންތަކެއް. ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ މަންމައެއް، ބައްޕައެއްގެ އުންމީދު ގުޅިފައިވާނީ، އެ މަންމައެއް، ބައްޕައެއްގެ ޒުވާން ދަރިންނާ.

 

ޒުވާނުންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް. އަދި މިއަދު ހާނައި ބައްޓަންކުރަން ބޭނުންވާ އަޅުގަނޑުމެންގެ ރައުސްމާލަކީވެސް މި ޒުވާނުން. މިއީ އުންމީދުތަކެއް. މިއީ ޤައުމުގެ ކުރިމަގު. މި ސިކުނޑިތަކަށް އަޅުގަނޑުމެން ދަސްކޮށްދޭންޖެހޭ ކަމަކީ ހަމަގައިމުވެސް ﷲގެ ނިޢުމަތްތަކަކީ ކޮބައިތޯ. ނިޢުމަތްތަކަށް އަޅުގަނޑުމެން ކަންތައް ކުރަންވީ ކިހިނެއްތޯ. އަޅުގަނޑުމެން މިތިބީ މަދަރުސާއެއްގެ ހޯލެއްގައި. މަދަރުސާއިން ނަގައިދޭ ފިލާވަޅުތަކުގެ އިތުރަށް، ދުނިޔޭގެ ތަރުބަވީ ތަޢުލީމުގެ ތެރެއިން މައިންބަފައިންނަށް އަދި ބޮޑެތި މީހުންނަށް، މި ދެންނެވި ޒުވާން ޖީލަށް ދައްކައިދެވޭނެ މިސާލުތައް މަދެއްނުވާނެ.

 

އެހެންވީމާ، އިރުގެ ދޯދިތަކުން އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ މުޅި ވެށި އާރޯކަން ގެނެސްދޭ ފަދައިން، އަޅުގަނޑުމެން މި ތުއްތު ކުދިންގެ ހިނިތުންވުމުން އަޅުގަނޑުމެންނަށް ގެނެސްދޭ މެސެޖްތަކެއް ހުންނާނެ. އެމީހުންގެ އުންމީދުތަކެއް ހުންނާނެ. މިއަދު އަޅުގަނޑު މަޑުއްވަރިއަށް އައިސް ތިޔަބޭފުޅުންނާ މި ބައްދަލުކުރަނީ ކީއްވެކަން، އަޅުގަނޑުގެ އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ފަރާތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޖަލްސާ ހުށަހަޅުއްވައިދެއްވަމުން އެކަން އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ. އަދި ދެންމެ ވާހަކަފުޅު ދެއްކެވި އަޅުގަނޑުމެންގެ ސަރުކާރުގެ ވަރަށް ހީވާގި، ވަރަށް މުރާލިކަމާއެކީ މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ރާއްޖެތެރޭގެ ރައްޔިތުންނާ ވަރަށްގާތުން ރައްޔިތުންނަށް ދަތިވެފައި ހުރި ޚިދުމަތްތަކެއް ދެއްވަމުން ގެންދަވާ މިނިސްޓަރ ތާރިޤުގެ ވާހަކަފުޅުން ކިތަންމެހާ ރީތިކޮށް، ކިތަންމެހާވެސް ސާފުކޮށް އެ ވާހަކަތައް ކިޔައިދެއްވައިފި.


މީހެއްގެ ދިރިއުޅުމުގައި އެމީހަކަށް ބޭނުންވާނެ، ނޫނީ އެމީހަކު ކުރާނެ އެންމެ މުހިންމު އިންވެސްޓްމަންޓަކީ، އެމީހަކު ކުރާނެ އެންމެބޮޑު ހޭދައަކީ، އޭނައާއި އޭނަގެ ޢާއިލާ ދިރިއުޅޭނެ ގެދޮރު ބިނާކުރުން. މިއީ މަޑުއްވަރީފަދަ ގޮނޑުދޮށް ގިރާ، ރަށް ގިރަމުންދާ ރަށްރަށެކޭ، މާލެފަދަ ތަންތަނެކޭ ހަމަ އެއްވެސް ތަފާތެއް ނެތް ކަމެއް. އަޅުގަނޑުމެން މިއަދު މި ރަށުގައި މި ދައްކަނީ، އެ ރަށްރަށް ގިރަމުން ދިޔުމުގެ ސަބަބުން މި ދެންނެވި ބޮޑެތި އިންވެސްޓްމަންޓް ކުރެވިފައި، ރަށްރަށުގެ ނިސްބަތުން ކުރެވިފައި ހުންނަ ބޮޑެތި އިންވެސްޓްމަންޓްތައް ގިރައި ހަލާކުވެ، އުންމީދުތައް ފަނާވެގެންދާ ދިޔުމަށް ނިމުމެއް އައުމުގެ، އެކަމުގެ ޝުކުރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަނީ. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން މިހިރީ ކިހިނެއްތޯ؟

 

މިއަދު އަޅުގަނޑުމެންގެ ވިސްނުން މިހިރީ، ހުރިހާ ކަމަކީ، ހުރިހާ ގެދޮރު އެޅުމަކީ ސަރުކާރަށް މިހާރު ފޯރާ ކަމެކޭ. ކުރަންޖެހޭނެ ކަމެކޭ. ކުރެވޭނެ ކަމެކޭ. އަޅުގަނޑުމެން، އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދަންނަވާނީ، ދުވަހަކުވެސް ޚިޔާލުފުޅަށް ގެންނަވައިގެން، އެބޭފުޅުންގެ ވިސްނުންފުޅުގައި އެބޭފުޅުން ރައްޔިތުން ކައިރީގައި މިކަހަލަ އެއްވެސް ޓާގެޓެއް، އަމާޒެއް އޮތް ވާހަކަ ވިދާޅުވިންތޯއޭ؟ ކިތައް ގެދޮރު ބިނާކުރައްވާނެ ވާހަކަ ވިދާޅުވެވުނުތޯ؟ ނޫނީވިއްޔާ ކިތައް ގިރާ ރަށުގެ މި ދެންނެވި ގޮތަށް، މިރަށުގައިވެސް މިއޮތީ ވެލިން މުއްސަނދިކޮށްދީފައި ބޮޑު ސަރަޙައްދެއް. ގިރާ ބޮޑު ސަރަޙައްދު މިއޮތީ ވެލިން މުއްސަނދިކޮށްދީފައި. އަދި އެއާއެކީ މަގަތު ތޮށިލައި، ރިވެޓްމަންޓާއެކީ ގާތްގަނޑަކަށް ތިރީހަކަށް މިލިއަން ރުފިޔާގެ ބޮޑު ހޭދަ މިވަނީ ކޮށްފައި. އަދި ކޮބައިތޯ! މަޑުއްވަރީ ރައްޔިތުން ގަބޫލުކުރައްވާނެ، މިއީ އަޅުގަނޑުގެ ސަރުކާރަށް އެއް އަހަރު ނުވަނީސް ފެށުނު މަސައްކަތެއް. 2014ގެ ކުރީކޮޅު ފެށުނު މަސައްކަތެއް މިއީ. އަޅުގަނޑުމެން މިއަދު މި ނިންމާފައި، މި ނިމުން ފާހަގަކުރިޔަސް، މީގެ ފަސޭހަކަމާއި، މީގެ ހިތްހަމަޖެހުމާއި، މީގެ ހުރިހާ އުފަލެއް މަޑުއްވަރީގެ ރައްޔިތުން މިހާރު ޙިއްޞާ ކުރައްވާތާ ދެތިން އަހަރުވެގެން މި ދިޔައީ. އެހެންވީމާ، އަޅުގަނޑަށް ލިބޭ އުފަލެއް، މި ރަށުގެ ރައްޔިތުންނަށް އޭރު ދިމާވެފައި އޮތް އެންމެބޮޑު އުނދަގޫ، ނޫނީވިއްޔާ އިޙްސާސް ކުރައްވަން ޖެހިފައި އޮތް އެންމެ ހިތްދަތިކަމަށް ޙައްލެއް ގެނެސްދިނުމުގައި އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން މަސައްކަތް ކުރައްވާ ބޭބޭފުޅުންގެ ފަރާތުން ތިޔަބޭފުޅުންގެ އުންމީދުތަކަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ގެނެސްދެވުނީތީ، އެ އުފަލުގައި އަޅުގަނޑުވެސް ބައިވެރިވަން.

 

އެހެންވީމާ، އަޅުގަނޑު މިއަދު މިކުރާ ދަތުރަކީ، ޝައްކެއްވެސްނެތްގޮތުގައި، މި ދެންނެވި ގޮތަށް މިކަހަލަ އުންމީދުތަކެއް ލިބެންޖެހޭ ޒުވާނުންނަށް، މިކަހަލަ އުންމީދުތަކެއް ލިބެންޖެހޭ ދަރިވަރުންނަށް، ތުއްތު ކުދިންނަށް އުންމީދު ގެނެސްދޭ ވާހަކަތަކެއް. އެ ވާހަކަތަކުގައި އަޅުގަނޑުމެންގެ ސަރުކާރުން ކުރާ މަސައްކަތް ޙިއްޞާ ކުރުމަށް. އަދި އެކަން ޢަމަލީގޮތުން ނިންމާފައި، އެކަންކަން ރައްޔިތުންނާ ހަވާލުކުރަން އައި ދަތުރެއް މި ދަތުރަކީ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މިއީ މި ރަށަށް އުފާވެރި ދުވަހެއް. ތިޔަބޭފުޅުންގެ މި އުފަލުގައި އަޅުގަނޑުމެންނަށް ބައިވެރިވެވޭތީ އަޅުގަނޑުމެން އުފާކުރަން. މިއީ ގާތްގަނޑަކަށް ތިރީހަކަށް މިލިއަން ރުފިޔާގެ މަޝްރޫޢެއް.

 

ދެން ހަމަ އެއާއެކީ، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، މަޑުއްވަރިއަކީ އިތުރަށް ބިން ބޮޑުކުރެވެން އޮތް ރަށެއް ނޫން. އިތުރަށް ބިން ބޮޑުކުރެވެން ނެތް ރަށެއްގައި ކަމަށްވަންޏާ، ބިމަށް ދިމާވާނެ އެންމެބޮޑު މައްސަލައަކަށްވާނީ ޝައްކެއްވެސްނެތް، ގެދޮރު އަޅާނޭ އިތުރު ބިން ނެތުން. އެކަމަކު އެއެއް ނޫން. އެންމެބޮޑު މައްސަލައަކަށްވާނީ، ފެން ތަޣައްޔަރުވެގެން ދިޔުން. އެއްވެސް ބަޔަކަށް، އިންސާނުންނަކަށް އެއީކީ ފެން ތަޣައްޔަރުވެގެން ދިޔައިމަ، އެމީހުންނަކަށް ޞިއްޙަތު ރަނގަޅުކޮށް، ނޫނީވިއްޔާ ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައި އުޅެވޭނެ ޙާލަތެއް ނޫން އެއީކީ. އިރުގެ ހަކަތަ އަޅުގަނޑުމެންގެ ދިރުމަށް ބޭނުންވާ ފަދައިން، އަޅުގަނޑުމެންގެ ދިރުމަށް ބޭނުންވޭ ސާފުތާހިރު ފެން. އެއީ ހަމައެކަނި ގޭގޭގައި ތަށި ދޮންނާކަށް، ފެންވަރާކަށް، ފެންބޯކަށެއް ނޫން. އަޅުގަނޑުމެންނަށް ބޭނުންވާ ހަމަ އެންމެ މުހިންމު އަނެކައްޗަކަށް މިއޮތީ މި ދެންނެވި ސާފު ފެން.

 

މަޑުއްވަރީގެ ޙާލަތާ ދޭތެރޭގައި، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯއިން ފެނިގެންދިޔަ ގޮތުގައި، މަޑުއްވަރީގެ ޙާލަތާ ދޭތެރޭގައި ނިޢުމަތްތަކާ ދޭތެރޭގައި ވިސްނާ ބަޔަކަށް އެނގޭނެ، ފެން ތަޣައްޔަރުވެގެން ދިޔައިމަ، ކިހާވަރެއްގެ އުނދަގޫތަކެއް އިޙްސާސް ކުރަންޖެހޭތޯ. ހަމަ އެފަދައިން، މަޑުއްވަރީގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ރ. އަތޮޅަކީ އާބާދީ ބޮޑު އަތޮޅެއް. މީހުން ދިރިއުޅޭ ރަށްރަށް ގިނަ އަތޮޅެއް. އެކަމަކު ރ. އަތޮޅަކީ ރާއްޖޭގައި މިހުރި އަތޮޅުތަކުގެ ތެރެއިން ހަމަ އެންމެ އަތޮޅެއް. އެހެންވީމާ، ސަރުކާރަކަށް އޮތް ގޮންޖެހުމަކީ، މިކަހަލަ ކިތައް އަތޮޅުގެ، މިކަހަލަ ކިތައް ރަށަށް ކަންކަން ފޯރުކޮށްދޭންޖެހޭތޯ.

 

އަޅުގަނޑު ހަމަ ސިޔާސީ ލީޑަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިކަހަލަ ޓާގެޓްތަކަކާއެކީ އެބޭފުޅުން އުފާވެރިކަމުގެ ޚަބަރުތައް ކީއްވެގެންތޯއޭ ރައްޔިތުންނަށް ނުދެއްވަނީ؟ ތަރައްޤީގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންވެފައި ހުންނަ މިފަދަ ބޮޑެތި ކަންކަން ކޮށްދެވޭ ކަމަށްވަންޏާ، އެ ތަރައްޤީ ކަމަށް ގަބޫލުނުކުރެވެނީ ކޮންކަހަލަ ސިކުނޑިއަކުން ވިސްނާތީތޯ، އަޅުގަނޑު ސުވާލުކުރަންޖެހޭ. މިއަދު މިރަށުގައި ނިމިގެން ގާތްގަނޑަކަށް 350 ގެޔަށް ކަނެކްޝަންސްވެސް ދެވިގެން މިދިޔައީ. އާދެ، ނަރުދަމާގެ ނިޒާމު ފުރިހަމަވެގެން މިރަށުގައި މިދިޔައީ. ފެނުގެ ފަށަލަ، ދެން އިރާދަކުރެއްވިއްޔާ ދާނީ މުއްސަނދިވަމުން. އަދި ހަމައެހެންމެ، މިހާރުން މިހާރަށް ދިމާވެފައި ހުރި ނަރުދަމާގެ ހުރިހާ މައްސަލަތަކަށް އިރާދަކުރެއްވިއްޔާ މިހާރު މިއައީ ދާއިމީ ޙައްލެއް. އަދި ރަށް ގިރުމުގެ މައްސަލައަށް މިހާރު މިއައީ ދާއިމީ ޙައްލެއް.

 

މަޑުއްވަރީގައި އިންސާނުން ދިރިއުޅޭތާ، ދިވެހި ރައްޔިތުން ދިރިއުޅޭތާ މިވީކީ 4 އަހަރެއް ނޫން. 4 އަހަރު ބައެއްވެސް ނޫން. އެކަމަކު މިހިރަ މައްސަލަތަކަކީ މީގެ 4 އަހަރު ކުރިން އުފެދިފައި ހުރި މައްސަލަތަކެއްވެސް ނޫން. މީގެކުރިންވެސް ޙައްލު އަންނަންޖެހޭ މައްސަލަތައް، މި މައްސަލަތަކަކީ. އެކަމަކު އެ މައްސަލަތައް، މައްސަލައިގެ ގޮތުގައި ގަބޫލުކުރެވި، ޙައްލުތައް އައިސް ރައްޔިތުންނަށް މި ޙައްލުތައް ނިމިގެން މި ދިޔައީ 4 އަހަރެއްހާ ދުވަހުގެ ތެރޭގައި. މި ސަރުކާރުން ހޭދަކުރަން، ބޮޑެތި އަދަދުގެ ފައިސާ ބަހައްޓަވައިފި ކަމަށް ބޭބޭފުޅުން ވަކާލާތު ކުރައްވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުގެ ހުރިހާ އަޚުންނަށް، އިދިކޮޅުގައި މަސައްކަތް ކުރައްވާ އަޚުންނަށްވެސް ދަންނަވާލަން އޮތް ވާހަކައަކީ، ބަޖެޓުގެ ހިސާބުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ފުންމިން ދޮގެއް ނަހަދާނެ. އަޅުގަނޑުމެން ހަވާލުވީ ދަރަނީގެ ގޮތުގައި، ރާއްޖޭގެ ދައުލަތުގެ ދަރަނީގެ ގޮތުގައި ތިރީސް އެތައްހާސް މިލިއަން ރުފިޔާގެ ދަރަންޏާއެކީ. ދަރަނީގެ ތެރޭގައި ޚަރަދުކުރަން ލިބޭނެ ފައިސާއެއް އޮންނާނެ ކަމަކަށް މީހަކު ގަބޫލެއްނުކުރާނެ. ދަރަންޏަކީ ފައިސާ ނެތީމަ ފައިސާ ހޯދަން ނަގާ އެއްޗެއް. އެހެންވީމާ، ދެން އަންނަ ބަޔަކުވެސް ފުރަތަމަ ކުރާ މަސައްކަތަކީ، އެ ދަރަނި އަދާކުރަން ކުރާ މަސައްކަތް. އެހެންވީމާ، މިހާރު މި ހިނގާ މަޝްރޫޢުތަކަކަށް ފައިސާތަކެއް ބެހެއްޓި ފޮރުވިފައި އޮތް ޚަޒާނާއެއް ނޫން އަޅުގަނޑުމެން ހަވާލުވީކީ. ޠާރިޤުގެ ވާހަކަފުޅުގައި އެބައި އެ ގެންނެވީ.

 

އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރަށްރަށަށް އައިމަ އަޅުގަނޑުމެންނަށް އެބަ ފެނޭ، ރަށްރަށުގެ ރައްޔިތުންގެ އުންމީދުތައް ގުޅިފައި ވަނީ ކޮންކޮން ކަންތައްތަކަކާކަން. އަބަދުވެސް އަޅުގަނޑުމެންނަށް ހުށަހެޅެނީ ޓާގެޓްތަކެއް. އަބަދުވެސް އަޅުގަނޑުމެންނަށް ހުށަހެޅެނީ ރަށްރަށަށް ދަތިވެފައި ހުރި، ރައްޔިތުންނަށް ދަތިވެފައި ހުރި ބޮޑެތި މަޝްރޫޢުތަކެއްގެ ވާހަކަ. އަބަދުވެސް އަޅުގަނޑުމެން މިގެންދަނީ ރައްޔިތުންނަށް އެންމެ ގާތުން، ނޫނީ އެންމެ ބޮޑަށް ދަތިވެފައި ހުރި ކަންތައްތައް ފުއްދައިދެވޭތޯ ބަލަމުން.

 

ފެނާއި ނަރުދަމާގެ ދަތިކަމަކީ، އަޅުގަނޑުމެން ރާއްޖޭގެ ހަމަ ހުރިހާ ރައްޔިތުންނަށް، ހުރިހާ ކަންކޮޅެއްގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިޙްސާސް ކުރަންޖެހޭ، އުފުލަންޖެހޭ ބޮޑު ތަކުލީފެއް ހިމެނޭ ބޮޑު މައްސަލަ. އެކަމަކު އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ 5 އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހެއްގެ ތެރެއިން 75 މީހަކަށް މި މައްސަލަ ޙައްލުވެގެންދިޔުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެ ޓާގެޓް ހާސިލުކުރާނެ. ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، 50 އެތައް ރަށަކާއި، 40 އެތައް ރަށެއްގައި އެދަނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ހިނގަމުން. މިއަހަރުގެ ތެރޭގައި ދެން ނުނިމި ނުފެށްޓިފައި ހުރި ކަންތައްތައްވެސް ގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޓާގެޓް ﷲގެ ރަޙްމަތާއެކީ އެޗީވް ކުރާނަން އަޅުގަނޑުމެން. އެހެންވީމާ، ރާއްޖޭގައި މީހުން ދިރިއުޅޭ، މީހުންގެ އަދަދަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް މީހުންނަށް ފެނާއި ނަރުދަމާގެ ފަސޭހަކަން ފޯރާނެ.

 

މަޑުއްވަރީގައި ދިރިއުޅުއްވާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ނަރުދަމާގެ ފަސޭހަކަން ފޯރީމަ، ކިހާވަރެއްގެ ފަސޭހަކަމެއްތޯ މި ނިމިގެންދަނީ. ފެން އުފުލާ ފަރާތްތަކަށް އެނގޭނެ، ޙަނަފަސް މޫސުމުގައި، ހޫނު މޫސުމުގައި ރަށްރަށަށް ފެން އުފުލުމަކީ ކިހާ ބުރަކަމެއްތޯ؟ އަދި އެއަށްވުރެ ބޮޑަށް އެކަމުގެ އުނދަގޫ އިޙްސާސްކުރާ ރައްޔިތުންނަށް އެނގޭނެ، ފެން ރަށްރަށުން ހުސްވެގެން ދިޔައިމަ، އެއީ ކިހާވަރެއްގެ ބުރައަކާތޯ ކުރިމަތިލާންޖެހެނީ. މިކަންކަމެއް ޙައްލެއްނުވާނެ، މަގުމައްޗަށް އެއްވެ މުޒާހަރާކުރިޔަސް. މިކަންކަމެއް ޙައްލެއް ނުވާނެ، މިކަންކަން ކޮށްދޭ ސިޔާސީ މީހުން ރަށްރަށަށް ޒިޔާރަތް ކުރާއިރު، ސިޔާސީ މީހުންނާ ދެކޮޅަށް އަޑުއުފުލަން ބަޔަކު އެއްވިޔަސް، މިކަންކަމެއް ޙައްލެއްނުވާނެ. ކަންކަން ކުރަން ނޭނގޭ މީހުން، ވައްޓަފާޅި ނެތް މީހުން އަބަދުވެސް އެކަހަލަ ކަންކަމުގައި އުޅޭނީ. ކަންކަން ކުރާ މީހުންނަކީ، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ކޮށްދޭ މީހުން. ޢަމަލުން ސާބިތުކޮށްދޭ މީހުން. ޓާގެޓްތަކެއް އަމިއްލައަށް ސެޓްކޮށްގެން، ރައްޔިތުން ބޭނުންވާ ކަންތައްތަކެއް، ބޭނުންވެފައި ހުރި ހުރިހާ ކަންތައްތަކެއް ފުއްދައިދޭ މީހުން. އެކަހަލަ މީހުންނެއް ނުދައްކާނެ އެއްގޮތަކަށްވެސް ޑިމޮކްރަސީއަކީ ކޯއްޗެއްތޯ، ތަރައްޤީއަކީ ކޯއްޗެއްތޯ، ރައްޔިތުންގެ އިޙްސާސަކީ ކޮބައިތޯ. އެކަހަލަ ވާހަކައެއް ނުދައްކާނެ. އެ ވާހަކަ ދައްކަން ނުޖެހޭ ސަބަބަކީ، ޑިމޮކްރަސީއާއި، ރައްޔިތުންގެ ތަރައްޤީއާއި، ރައްޔިތުންގެ ވިންދު ގުޅިފައި ހުރި ރައްޔިތުންގެ ޝުޢޫރުތައް ކުރިއަށް ދިޔުމުގެ ޢަޒުމާ، އެކަންކަން އެނގޭތީ. އެހެން ބައެއް ބޭފުޅުން އެ ވާހަކަފުޅު ދައްކަވަނީ އަދި އެބޭފުޅުން އެ ފަށްޓަވަނީ ހަށަނަރަބަޅައިން އެކަންކަން ދަސްކުރައްވަން.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ލައްކަ ހިސާބެއް އެބައޮތްތާއޭ، ސިޔާސީ ރާސްތާއަކަށް ވަޑައިގެން ރައްޔިތުންނާ ހަމައަށް އެކަންކަން ފޯރުކޮށްދެއްވަން. އަދި މިއުޅެނީ އެކަންކަމުގެ އިންވެންޓްރީއެއް ނަގައި، އެކަންކަން ދަސްކުރަން. އެހެންވީމާ، އަޖުމަ ބެލުމުގެ ގޮތުން ދަސްކުރާ ބަޔަކަށް، އެލް ބޯޑު ޖަހައިގެން އުޅޭ ބަޔަކަށް ފުރުޞަތު ދޭނެތޯ، އަޅުގަނޑުމެން ރައްޔިތުންނާ ކުރަންޖެހޭ ސުވާލު.

 

އަދި ހަމަ މި ދާއިރާއަށް އައިސް އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. ރަށްރަށުގެ ތަރައްޤީއާ ވަރަށް ބޮޑަށް ގުޅިފައި މިހިރީ ރަށްރަށުގެ ހިންގުމުގެ ނިޒާމު. ރަށްރަށުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ރަށްރަށުން ބިން އެކަށައެޅިގެން އެކިކަންކަމަށް މިދަނީ. އެހެންވީމާ، ރަށްރަށުގެ ހިންގުމުގެ ނިޒާމަކީ، ޝައްކެއްވެސްނެތްގޮތުގައި، ރަށްރަށުގެ ތަރައްޤީއާ ވަރަށް ބޮޑަށް ގުޅިފައި ހުރި ކަންކަން. އަދި ހިންގުމުގެ ނިޒާމުގެ ތެރެއިން ބޮޑު ޙިއްޞާއެއް އަދާކުރާ ކަމެއް އެބައޮވޭ. މުޅި ދާއިރާ ތަމްސީލު ކުރާނެ، މުޅި ދާއިރާގެ މަންދޫބެއް ދެއްކުން. މި ދާއިރާގެ ގޮނޑި މިވަނީ ހުސްވެފައި. ސަރުކާރަށް ފަސޭހަވެގެންދާނެ، ރައްޔިތުންގެ އުންމީދުތަކާއެކީ ތަރައްޤީގެ ވިސްނުމާއި، ތަރައްޤީގެ ފިކުރުގައި މަސައްކަތް ކުރާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ތިޔަބޭފުޅުންގެ ފަރާތުން ދައްކަވައިފިއްޔާ. އެ ދައްކަވާ މަންދޫބަކީ، ސަރުކާރުގެ މަޝްރޫޢުތަކާއެކީ ކުރިއަށްދާން ކެރޭވަރުގެ މީހަކަށްވާނެ. އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންގެ ޓީމަކީ، މި ދެންނެވި ކަހަލަ ޓާގެޓްތަކެއް ސެޓްކުރެވި، މި ދެންނެވި ކަހަލަ އާ އުސްމިންތަކަކަށް އަޅުގަނޑުމެން ދާންޖެހޭކަމަށް، ކުރު މުއްދަތެއްގެ ތެރޭގައި ވާސިލުވާންޖެހޭކަމަށް ގަބޫލުކުރެވިގެން، އެ މަސައްކަތް ހިތާއި ރޫޙުން ރައްޔިތުންނަށްޓަކައި ކޮށްދޭ ބަޔަކަށްވާތީ، ނަތީޖާ ފޮނި. ނަތީޖާ ފެނިގެންދޭ. އެހެންވީމާ، ރައްޔިތުން ބޭނުންވާ ކަންކަމަށް ވަކާލާތުކުރުމާއެކީ، ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ފައިސާ ހޯދައިދިނުމަށް ސަރުކާރުން ހުށަހަޅާ މަޝްރޫޢުތަކަށް ތާއީދުކުރެވޭވަރުގެ ވިސްނުންތަކެއް ހުރި ސިކުނޑިތަކެއް މަޖިލީހަށް ދައްކަވަންޖެހޭނީ. ރައްޔިތުންގެ ތަރައްޤީއާއި، ރައްޔިތުންގެ ތާއީދާއި، ވިސްނުމާ ގުޅިފައި ހުރި ކޮންމެ ކަމަކަށް ފުރަގަސްދީފައި، ބަޖެޓަށް ވޯޓުނުދޭ ގިންތިއެއްގެ ބަޔަކު އައިސްފި ކަމަށްވަންޏާ، އެކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވޭނެ.

 

އެހެންވީމާ، މަޑުއްވަރީ ދާއިރާއަށް އައިސްފައި، މަޑުއްވަރީ ދާއިރާއަށް މި ލިބުނު ބޮޑު ދެ ހަދިޔާ، މި ނިޢުމަތަށް ތިޔަބޭފުޅުން ޝުކުރު އަދާކުރައްވާއިރު، ޝުކުރު ކުރައްވަމުން ގެންދަވާއިރު، އެ ޝުކުރުގައި އަޅުގަނޑުމެން ބައިވެރިވެ، އަދި ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހެޔޭ. ދިވެހިރާއްޖޭގައި މިއޮތީ މިކަހަލަ އެންމެ ރަށެއް ނޫން. ދިވެހިރާއްޖޭގެ އާބާދީގައި މިތިބަ މީހުންނަކީ، މިކަހަލަ އެތައް ކަމެއް ބޭނުންވާ ބައެއް. އަޅުގަނޑުމެންގެ ވިސްނުމުގައި މިއަދު ނަރުދަމާ ނެތަސް، ބަނދަރު ނެތަސް، އަދި ސާފު ބޯފެން ނެތަސް، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ޒުވާނުންނަކީ ވަރަށް ހައިޓެކް ބައެއް. އަބަދުވެސް ސޯޝަލް މީޑިއާގައި މަސައްކަތް ކުރާނެ. އެންމެފަހުގެ އައިފޯނުތައް ހޯދާނެ. ނޫނީ އެންމެފަހުގެ ލެޕްޓޮޕްތައް ހޯދާނެ. އެކަމަކު މިއާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، މިކަންކަމުގެ ބޭނުން އަޅުގަނޑުމެން ހިފާއިރު، ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ބޭނުން މި ހިފެނީ. ފަރުދީގޮތުން ޝައްކެއްވެސްނެތްގޮތުގައި، މި އަންނަ މުއްސަނދިކަމަކީ، މުޅި ދައުލަތަށް ލިބޭ މުއްސަނދިކަން ކުރިއެރުން. މީގެކުރިއަކުންނެއް މި ޖީބުގެ މުއްސަނދިކަމާއި ފުންމިނެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް. މުޅި ދައުލަތަކީ ދަރަނި އަދާކުރުންމަތީގައި ދެމިތިބި ބައެއް.

 

އެހެންވީމާ، މިކަހަލަ އެތައް ބައިވަރު އިޤްތިޞާދީ މަސައްކަތްތަކަކާއި، އާމްދަނީ ލިބޭނެ މަސައްކަތްތަކަކާއި، އަދި މަސައްކަތްތެރިން، އިތުރު މީހުން ވަޒީފާތަކަށް ނެރޭނެ އެތައް މަޝްރޫޢުތަކެއް، އާދެ، ޞިނާޢީ އެތައް ކަންތައްތަކެއް ހިނގަން ފެށީ ކީއްވެގެންތޯ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. މިއީކީ އެއްގޮތަކަށްވެސް ދުނިޔެ އުފެދިފައި އޮތް ގޮތަށް، ސައިންޓިފިކް ގޮތުން ވެއްޖިއްޔާ ބިގްބޭންގ، ބޮޑު ބުމަރެއްގެ އަޑު އިވޭގޮތަށް އައިސްފައި އަންނަ ކަންކަމެއް ނޫން. މިއީ ރާސްތާތަކެއް އޮވެ، ވިސްނުމާއި ޕްލޭނިންގގެ މަޝްރޫޢުތަކަކަށްފަހު، އެ މަޝްރޫޢުތަކުގެ ނަތީޖާ، އެ މަޝްރޫޢުތައް ރާވާ ބަޔަކު އިންތިޒާރު ކުރާގޮތަށް މަޝްރޫޢުތަކުގެ ނަތީޖާ ނުކުތީމަ ދިމާވާ ކަމެއް މިއީ. މިއީ އޭގެ ޒާތުގައި ވުޖޫދުވި ކަމެއް ނޫން. 25 ބުރީގެ އިމާރާތެއް ތަނެއްގައި ހަދާކަމަށްވަންޏާ، އެއީ އޭގެ ޒާތުގައި ލުނބޯ އޮށަކުން ފަޅާ އިމާރާތެއް ނޫން ދޮގެއްތޯ. އެއީ މަޝްރޫޢުތަކަކާއި ޕްލޭންތަކަކާ ހިމެނިގެން އޭގެ ނަތީޖާ ހޯދަން ކުރެވޭ މަސައްކަތް. އެ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެން އިހުގައި ލިބެން ނެތް އެތައް ފަރުވާއެއް އަޅުގަނޑުމެންގެ ރައްޔިތުންނަށް އުންމީދުތަކަކާއެކީ ބައްދަލުކުރާނެ ކަންތައްތަކެއް ފުރިހަމަވެގެންދާނީ.

 

އެހެންވީމާ، މި ވާހަކަތައް ދައްކަން ސިޔާސީ ބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ދަތިފުޅުވާނެ. އެއީ އެބޭބޭފުޅުންވެސް ހަމަ ދުވަސްތަކެއް ހޭދަކުރައްވައިފި، ރައްޔިތުންގެ ވަޢުދުތަކަށް، ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވުމުގެ މަތީގައި. އެހެންނަމަވެސް، ފަސޭހަފުޅެއްނުވި، މިހުރިހާ ކަންކަމެއް ވާކަށް. އެހެންނަމަވެސް، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ، ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ކޮށްދެވޭތޯ މަސައްކަތްކުރާ ބައެއްގެ މަސައްކަތުގައި ﷲގެ ބަރަކާތާއި ތައުފީޤު މިންވަރު ކުރައްވާނެކަމަކީ ޝައްކެއްއޮތް ކަމެއްނޫން. އެހެންވީމާ، އެކަންކަން ކުރުންމަތީގައި އަޅުގަނޑުމެން ދެމިތިބެނީ. އަދި އަޅުގަނޑާއެކީ މުރާލި ހީވާގި ޓީމެއް މަސައްކަތް އެބަ ކުރައްވާ. އެއީ ކެބިނެޓްގެ ވަޒީރުން ގިނިކަންޏާއެއް ނޫން. ކެބިނެޓްގެ ވަޒީރުންނަކީ ޝައްކެއްވެސްނެތްގޮތުގައި މީގެ އެންމެ މުހިންމު ބައި.

 

އެހެންވީމާ، މިއަދުވެސް މި މަސައްކަތް ކޮށްދެއްވާ ވަޒީރުން މިތާ އެބަ ތިއްބެވި. ޠާރިޤަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ހަމައެހެންމެ، ރާއްޖެތެރޭގެ ދިރިއުޅުމާއި އަދި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކާ ވަރަށް ފަރިތަ ބޭފުޅެއް، ހައުސިންގ މިނިސްޓަރ މުޢިއްޒަކީވެސް. މުޢިއްޒުގެ މަސައްކަތްޕުޅަށްވެސް ހަމަ އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އެއާއެކީ ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު، މި ދެ މަސައްކަތަކީވެސް ސަރުކާރުގެ ބޮޑު ދެ ކުންފުންޏަކުން ކޮށްދޭ ދެ މަސައްކަތް. އާދެ، އަޅުގަނޑުމެންނަށް ބޯޑުންވެސް މި ފެންނަނީ އެމް.ޓީ.ސީ.ސީ އާއި، ހަމަ އެގޮތަށް އެމް.ޑަބްލިޔޫ.އެސް.ސީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ސަރުކާރުގެ ކުންފުނިތައް ވަރުގަދަވެގެން ދިޔުމަކީ ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރުގެ މި ދެންނެވި ކަހަލަ ތަރައްޤީގެ މަޝްރޫޢުތައް، ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި ފަސޭހަކަމާއެކީ ވަގުތުގެ ތެރޭގައި ކޮށްދިނުމުގެ ޤާބިލުކަން ސަރުކާރަށް އިތުރުވެގެންދާ ކަންކަން. މި ކުންފުނިތައް މިތާ ނެތްކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިވާގޮތަކީ އަޅުގަނޑުމެން އެހެން ބައެއް ދާއިރާގައި މަޝްރޫޢުތައް ހިނގާގޮތް، މި މަޝްރޫޢުތައް ހިނގާގޮތް ބައެއް ބޭފުޅުން ވިދާޅުވެދެއްވާނެ. މަޝްރޫޢެއް ހަވާލުކުރެވިއްޖެ ކަމަށްވަންޏާ، އެހާ އުނދަގުލުން މިހާރު މި އޮންނަ މާލީ ނިޒާމުގެ ތެރެއިން، ނޫނީވިއްޔާ ލިޔެކިޔުމާއި އޮޑިޓް ކުރުމުގެ މިންގަނޑުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަންކަން ކުރެވެނީ. އެތައް ބައިވަރު ޕްރޮޖެކްޓް ޑޮކިއުމަންޓްތަކެއް ތައްޔާރުކޮށްގެން ޓެންޑަރ ކުރަނީ. ޓެންޑަރ ބޯޑުން އެވޯޑްކޮށްފައި، މަޝްރޫޢެއް ނަގައި 6 މަސްދުވަސްވާއިރު، އެ މަޝްރޫޢު ނުހިންގިގެން އެބަޔަކު ދާނީ. އަނެއްކާ އެވީ އެހެން ބަޔަކު ހޯދަން. ނޫނީވިއްޔާ އަޅުގަނޑުމެންނަށް މިވާގޮތަކީ ބޭރުގެ ކޮންމެވެސް ބަޔަކު ހޯދޭތޯ މި މަސައްކަތް ކުރަނީ. ބޭރުގެ މީހުން ރާއްޖޭގައި މަސައްކަތް ކުރާއިރު، ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ މީހުން ރާއްޖެދެކެވާ ލޯބިން އެކުރާ މަސައްކަތާ އެއްގޮތަކަށް އެކަންކަމެއް ނުކުރެވޭނެ. ބޭރުގެ މީހުން ކުރަން ފަށާފައި ހުރި މަސައްކަތްތައް ރޫޅާލާފައި ގޮސްފައި، ފައިސާކޮޅު ގެއްލިފައި ހުރި މަޝްރޫޢުތައް މަދެއްނުވާނެ ރާއްޖެއަކު. އެހެންވެގެން ސަރުކާރުގެ ކުންފުނިތައް ވަރުގަދަވާން މިޖެހެނީ.

 

އެހެންވީމާ، މިއަދުވެސް އެމް.ޓީ.ސީ.ސީ، އެމް.ޑަބްލިޔޫ.އެސް.ސީ މި ކުރައްވާ މަސައްކަތް އަދި ނަރުދަމާގެ މަޝްރޫޢު ހަވާލުވެވަޑައިގަންނަވަނީ ފެނަކާގެ ފަރާތުން. ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ ކުންފުނިތަކުން ރައްޔިތުންނަށް ކޮށްދެއްވާ ބޮޑު ޚިދުމަތެއް. އެހެންވީމާ، އެ ކުންފުނިތައް ވަރުގަދަވާން މި ޖެހެނީ. މި ކުންފުނިތަކުގެ ޙާލަތު މީގެކުރިން ހުރީ ކިހިނެއްތޯ؟ އެ ކުންފުނިތަކުގެ ޙާލަތު މީގެކުރިން ހުރިގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ، އެއްވެސް މީހަކު ގަބޫލެއްނުކުރާނެ، އެ ކުންފުނިތަކުގައި މިވަރުގެ ކެޕޭސިޓީއެއް ހުންނާނެ ކަމަށް، މިވަރުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާކަށް. އެއް ޕްރޮޖެކްޓް މިއީ ގާތްގަނޑަކަށް 50 މިލިއަންގެ ޕްރޮޖެކްޓެއް. އަނެއް ޕްރޮޖެކްޓް މިއީ ގާތްގަނޑަކަށް 30 މިލިއަންގެ ޕްރޮޖެކްޓެއް. މި ދެ ޕްރޮޖެކްޓަކީވެސް ހަމަ ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ މަޝްރޫޢުތައް.

 

އެހެންވީމާ، ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން، ސަތާރަހާސް މިލިއަން ބަޖެޓް ފާސްކޮށްގެން ކުރާ ކަމަށްވަންޏާ، މިކަހަލަ މަޝްރޫޢުތައް ހުންނައިރު އަޅުގަނޑު ދަންނަވާނީ ހަމަގައިމުވެސް އަޅުގަނޑުމެން ތިޔަބޭފުޅުންނާ ވަކިވެގެންދާއިރުވެސް މިތާ އޮތް ބަނދަރެއް ވެއްޖިއްޔާ އޮންނާނެ. ހިމާޔަތް ކުރެވިފައި އޮތް ގޮނޑުދޮށެއް ވެއްޖިއްޔާ އޮންނާނެ. ހަމަގައިމުވެސް މިތަނުގައި ވޯޓަރ ކަނެކްޝަން، ނޫނީ ސުވަރޭޖް ކަނެކްޝަން ހުރި ގޭގެ މަދެއްނުވާނެ. އެހެންވީމާ، ގަބޫލު ކުރައްވަން ދަތިފުޅުވިނަމަވެސް، އެބޭބޭފުޅުން އެބަޖެހެޔޭ މިތަންތަނަށް ޒިޔާރަތް ކުރައްވާފައި، ހަމަ ޙަޤީޤަތުގައިވެސް ބައްލަވައިލައްވަން. މަޑުއްވަރި މިއޮތީ ގޮނޑުދޮށަށް، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ އެއްލައްކަ ކޮޑިމީޓަރުކަންނޭނގެ، ކޮންމެވެސް ބޮޑު އަދަދެއް، ކޮޑިމީޓަރުގެ ވެލިއަޅައި، ވެލިން މުއްސަނދިކޮށް، ގޮނޑުދޮށް މުއްސަނދިކޮށްފައި. އަދި މަގަތު ތޮށިލައި، ރިވެޓްމަންޓް ޖަހައި، ދާއިމީކޮށް މި ޙައްލު ހޯދާފައި. އެއީ ހަމަގައިމުވެސް އަޅުގަނޑަށް ހީވަނީ އެ ވީޑިއޯތައް ފޮނުވަން މިހާރު ރަނގަޅުވާނެކަންނޭނގެ، އިދިކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންނަށްވެސް.

 

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޙަޤީޤަތުގައިވެސް ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ފުއްދައިދެވޭތޯ ކުރާ މަސައްކަތްތަކެއް. ރައްޔިތުންނަށް ދަތިވެފައި ހުރި މަސައްކަތްތަކަކީ، މަދު މަސައްކަތްތަކެއް ނޫން. ކޮންމެ ރަށެއްގެވެސް އެންމެ އަސާސް، އެންމެ ބޮޑަށް ބޭނުންވެފައި ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި މިހާރު މިއަދު މި ހިމެނީ ފެނާއި ނަރުދަމާ. ފެނާއި ނަރުދަމާ ނިމެމުންދާއިރު، އަޅުގަނޑަށް އިތުރަށް އަންނަނީ އަނެއްކާވެސް ލިސްޓެއް. މަގުތައް ހަދައިދިނުން. ބަނދަރު ބޮޑުކޮށްދިނުން. މިއީ ހައްތަހާވެސް ސަރުކާރުން ކުރަންޖެހޭ ކަންކަން. އަޅުގަނޑުމެންގެ ޚިޔާލަށް ކޮންއިރަކުތޯ އައީ، މި ދެންނެވި ގޮތަށް ހުރިހާ ރަށެއްގައި މަގުހެދި ނިމިގެންދާނެކަން. މަޑުއްވަރި، ބިން މިއޮތީ ފުރިފައި. އެކަމަކު މަޑުއްވަރީއަށްވެސް އޮތް އުފާވެރި ޚަބަރަކީ، އަޅުގަނޑުމެން މީގެކުރިން އަޑުއެހިންތޯއޭ، ނޫނީވިއްޔާ މީގެކުރިން އަޅުގަނޑުމެން ނިންމައިދޭން ބުނީމުތޯއޭ، އެއްވެސްވަރެއްގެ ހައުސިންގ ޔުނިޓްތަކެއް މިތާ ހަދަން. މިހާރު މިއަހަރުގެ ބަޖެޓުން ފެށްޓޭތޯ އަދި ކްރެޑިޓް ފެސިލިޓީއެއް ލިބިގެން، ސަޕްލަޔަރޒް ކްރެޑިޓްގައި ހެދޭތޯވެސް މަސައްކަތް ކުރެވޭތޯ މި ބަލަނީ. މަޑުއްވަރީގައިވެސް ބިން ފުރިފައި އޮތް ރަށަކަށްވާތީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށްޓޭތޯ މި ބަލަނީ، 50 ހައުސިންގ ޔުނިޓް ހެދޭތޯ. އާދެ، މިއީ ޝައްކެއްވެސްނެތްގޮތުގައި، މިއީ ބިން ފުރިފައި ހުރި ރަށްރަށަށް ބޭނުންވާނެ ކަންކަން. އަދި މި ގެދޮރަކީ ހަމަ އިދިކޮޅު ޚިޔާލުގެ ބޭފުޅުންވެސް މި ގެދޮރު ބޭނުންވެގެން ސިޓީ ލައްވާނެ. އަޅުގަނޑުމެން ހަމަ ދަންނަވާނަން މަރްޙަބާއޭ، ހަމަ ތިޔަބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާނެއޭ.

 

އެހެންވީމާ، އެއީ އަޅުގަނޑުމެން ނިޢުމަތްތަކަށް ޝުކުރުކުރުންމަތީ ދެމިތިބެންވާ ސަބަބަކީ. އެހެންނަމަވެސް، އިރުގެ ދޯދިތަކާއި، ފެނުގެ ތާޒާކަމާއި، އަދި މި ދިރުން ދޭއިރުވެސް، ހިނގަމުންދާއިރުވެސް، އަޅުގަނޑުމެން ކިތައް މީހުންތޯ އިލާހީ ޙަޟްރަތަށް ޝުކުރު އަދާކުރަނީ، މިންވަރުފުޅުމަތީގައި ތިބެން ދަންނަނީ؟ އަޅުގަނޑުމެން އެ ސުވާލުކުރަންޖެހޭ ސަބަބަކީ އެއަށްވުރެ މާ އާދައިގެ ކަންތައްތައް މިއީ ސަރުކާރަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް. އެހެންވީމާ، މި ޚިދުމަތްތައް ލިބޭއިރު ޝުކުރު އަދާނުކުރާ މީހުން، ނޫނީވިއްޔާ މި ނިޢުމަތްތައް ނުދަންނަ މީހުން ތިބުމަކީ އަޅުގަނޑުމެން ޙައިރާންވާންޖެހޭ ކަމެއްނޫން. އެއީ ދުނިޔޭގައި ހަމަ ނާތަހުޒީބު ޠަބީޢަތް. އެ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެކަމަކު އެކަމާއެކީވެސް މި ޚިދުމަތްތައް ބަލައިގަނެ، މީގެ ބޭނުން ހަމަ އެފަރާތްތަކުން ހިފާނެކަންވެސް އަޅުގަނޑުމެން ހަމަ ކަށަވަރުވެސް ކުރަންޖެހޭނެ. އެކަން ކުރާނެ.

 

އެހެންވީމާ، މަޑުއްވަރިއަށް މި ލިބިވަޑައިގެންނެވި ބޮޑު ހަދިޔާގައި، އަދި ތިޔަބޭފުޅުންނަށް އެންމެބޮޑަށް ޒަމާނުއްސުރެ ދަތިވެފައި އޮތް ދެ މައްސަލައަށް ޙައްލު އައިމަ، މި އުފަލުގައި ބައިވެރިވުމަށް މި ރަށަށް އަޅުގަނޑު މިކުރި ދަތުރުގައި، ތިޔަ ހުރިހާ ބޭފުޅުންގެ އުފަލުގައި އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގައި ތިޔަބޭފުޅުންނަށް ޚިދުމަތް ކުރައްވަން ތިއްބެވި ހުރިހާ ބޭފުޅުން މި ބައިވެރިވެވަޑައިގަންނަވަނީ. އަދި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި މަރުޙަބާއަށް ޝުކުރު ދަންނަވަމުން، މަޑުއްވަރީއަށް އަބަދުވެސް އަޅުގަނޑު އެދެނީ އުފާވެރި މުސްތަޤްބަލެއް.

 

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ މި ދާއިރާގެ ގޮނޑިއަށް ތިޔަބޭފުޅުން އިޚްތިޔާރު ކޮށްދެއްވާށޭ، ސަރުކާރާއެކީ ތަރައްޤީގެ ވިސްނުމުން އަދި މަޞްލަޙަތާއި ރައްޔިތުންގެ ހަމަޖެހުމާއެކީ ތަރައްޤީ ހޯދަން މަސައްކަތްކުރާހިތްވާ، އެ ޢަޒުމުގައި މަސައްކަތް ކުރާނެ މެންބަރަކު ނެރެދެއްވާ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލީހަކީ މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއް. ރައްޔިތުންގެ މަޖިލީހަކީ ފަހަރުގައި އަޅުގަނޑުމެންނަށް ޓީ.ވީތަކުން މި ފެންނަ ޑްރާމާތައް، އެކަން ކުރުންމަތީ އަބަދު ދެމިތިބޭނެ ތަނެއްނޫން. ރާއްޖެއަށް ބޭނުންވާ ހުރިހާ ތަރައްޤީ ހުއްޓުވައިލުމުގެ ބާރު މިއޮތީ ރައްޔިތުންގެ މަންދޫބުންގެ އަތުގައި. އެހެންވީމާ، އެތަނަށް އަންނަންވާނީ ޒިންމާދާރު ބައެއް. މި ދާއިރާގެ ގޮނޑިއަކީ ދާދި އަވަހަށް ބައި އިލެކްޝަނަކުން މެންބަރަކު އިންތިޚާބުވާންޖެހޭ ދާއިރާއެއް. އެހެންވީމާ، މި ދާއިރާއިންވެސް އަޅުގަނޑުމެން ބޭނުންވަނީ، މި ދެންނެވި ގޮތަށް. އަޅުގަނޑުމެން ރަށްރަށަށް އައިމަ އެބަ އެނގޭ، ރައްޔިތުންގެ ތަލި ހިކިފައި ހުރި މިންވަރު. ތަރައްޤީ ބޭނުންވާ މިންވަރު. އެ ތަރައްޤީއާއެއްކޮށް މަސައްކަތް ކުރަން ކެރޭ، އެ ތަރައްޤީގައި ބައިވެރިވާން ކެރޭ، ކޮންމެ ވިސްނުމެއްގައި ތިބި ނަމަވެސް، ސަރުކާރާއެކީ ރައްޔިތުންނަށްޓަކައި އެ ތަރައްޤީގައި ބައިވެރިވާން ކެރޭ ޒިންމާދާރު ބަޔަކު މި ގޮނޑިއަށް އަންނަންވާނީ. އަޅުގަނޑަށް ޝައްކެއްވެސްނެތްގޮތުގައި، ފަސޭހަވެގެންދާނެ، އެއީ އަޅުގަނޑުމެންގެ ފިކުރުގައި، އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރުމުގެ ހިތްވަރު ހުރި މީހަކު ތިޔަބޭފުޅުން އިޚްތިޔާރު ކޮށްދެއްވައިފިއްޔާ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުންވެސް، ހަމަ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމު.

 

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރެއްވުން. އަދި އެއާއެކީ ނިޢުމަތްތަކަށް ޝުކުރު ކުރުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެން އިންސާނިއްޔަތަށް އަބަދުވެސް މާތްﷲ މިންވަރު ކުރައްވާތޯ އަޅުގަނޑު އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވަން.

 

މަޑުއްވަރީގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه.